ކުޅިވަރު

ލިވަޕޫލު ކެޓުމުން ކްލޮޕް "ބަލިވެއްޖެ"

Sep 20, 2017

ލީގް ކަޕްގައި، ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި، މޮލަށް ކުޅެ، ޑިފެންސްގެ ގޯހަކުން، "އާދައިގެ ދެ ގޯލް" ލިވަޕޫލް ކޯޅަށް ވަދެ ކެޓުމުން އެކަމުގެ މާޔޫސް ކަމުން އޭނާ މުޅިން ބަލިވެއްޖެ ކަމަށް، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

ރޭ ގެ މެޗުގައި ލިވަޕޫލް ވަނީ 70 ޕަސަންޓް ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފަ އެވެ. އަދި 21 ހަމަލާ، ލެސްޓާގެ ގޯލާ އަމާޒުކޮށް ފޮނުވާލި އެވެ. ލެސްޓާ އަށް ފޮނުވާ ލެވުނީ އެންމެ އަށް ހަމަލާ އެވެ. ނަމަވެސް، ލިވަޕޫލް ފެއިލްވީ އާދައިގެ ޑިފެންސިވް ދެ މިސްޓޭކަކުން ނެވެ. މި ސީޒަންގައި ކުޅުނު ނުވަ މެޗުގައި ބައިކޮޅަށް ގޯލެއް ނުވަދެ، ލިވަޕޫލް ވަނީ ދެ މެޗު ފުރިހަމަ ކޮށްފަ އެވެ.

ލިވަޕޫލްގެ ޑިފެންސަށް، އެހާ ބޮޑަށް ސަމާލު ނުވެވި ތިއްބައި، ޝިންޖީ އޮކަޒާކީ ވަނީ މެޗުގެ 65 ވަނަ މިނެޓްގައި ލެސްޓާގެ ފުރަތަމަ ލަނޑު ކާމިޔަބު ކޮށްފަ އެވެ. އޮކަޒާކީ ބޮޅަ ފޮނުވާލީ ކޯނަރަކުން ތަނަވަވި ބޯޅަ، ލިވަޕޫލްގެ ޑިފެންސަށް ރަނގަޅަށް ސާފް ކޮށް ނުލެވުމުން ނެވެ.

މެޗުގެ 75 ވަނަ މިނެޓްގައި، ލެސްޓާގެ ދެ ވަނަ ލަނޑު އިސްލާމް ސްލިމާނީ ކާމިޔާބު ކުރީވެސް، ލެސްޓާއިން އެއްލުމަކުން ތަނަވަސް ކުރި ބޯޅައިން ނެވެ. ސްލިމާނީ ހުއްޓުވުމުގެ ފުރުސަތުވެސް ލިވަޕޫލްގެ ޑިފެންސަށް އޮތެވެ. ނަމަވެސް ޕެނަލްޓީ އޭރިއާގެ ރޮނގު މަތިން ސްލިމާނީ، ވަނީ ލިވަޕޫލްގެ ޑިފެންޑަރުން އޭނާ ގެ ކައިރީގައި ވިއްދާ ފައި ވަނިކޮށް އޭނާގެ ވާތު ފައިން، ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލާފަ އެވެ.

"އަހަރެން މިއިނީ ހައިރާން ވެފަ، އަހަރެމެން ކުޅުނީ އޮފެންސިވް ފުޓްބޯޅަ، ޑޮމިނޭޓް ކޮށްގެން ކުޅުނިން، ޕޮސެޝަން ފުޓްބޯޅަ ކުޅުނިން، ގޯލް ޖަހާނެ ހާލަތުތައް އަހަރެމެން ތަނަވަސް ކުރިން ކޮންމެ ފަހަރަކީ ލަނޑު ޖެހޭނެ ފުރުސަތެއް ނޫން، ނަމަވެސް ނަމަވެސް އަހަރެމެން ގިނަ އެކަހަލަ ފުރުސަތު ތަނަވަސް ކުރިން، ވަރަށް ގިނަ ފުރުސަތުތައް ތަނަވަސް ކުރިން،" ކްލޮޕް ބުންޏެވެ. "ފުރަތަމަ ގޯލް ޖެހީ ކޯނަރަށް ފަހު ލިބުނު ދެވަނަ ބޯޅައިން، ދެ ވަނަ ގޯލްވެސް ޖެހީ އެއްލުމަށްފަހު ހަމަ އެހެން، ތެދަށް ބުނަންޏާ މިކަހަލަ ގޯލް ތަކުން އަހަންނަށް އުނދަގޫވެ މުޅިން ބަލިވެއްޖެ."

އޭނާ ބުނީ، 45 މިނެޓް ވަންދެން މޮޅަށް ކުޅުނީ ކޮންބައެއްތޯ އެއްވެސް މީހަކު ބަލަން ބޭނުން ނުވާނެ ކަމަށާއި އެންމެން ބަލަން ބޭނުން ވަނީ މެޗުން މޮޅުވާ ޓީމު ކަމަށެވެ.

"އަހަންނަށް 1000 ފަހަރުވެސް ބުނެވިދާނެ މިހަލަ ގޯލްތަކެއް ވަނުމަކީ ރީތި ކަމެއް ނޫން."

ރޭ، ޓޮޓެންހަމް އާއި ބާންސްލީއާ ދެކޮޅަށް ކުޅުނު މެޗު، ޓޮޓެންހަމް ކާމިޔާބު ކުރީ 1-0 ން ނެވެ. ރޯއީ ހޮޖްސަން ކޯޗް ކަމާ ހަވާލުވެ، ކްރިސްޓަލް ޕެލަސްވެސް ވަނީ ފުރަތަމަ މޮޅު ހޯދާފަ އެވެ. ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމު ކާމިޔާބު ކުރީ 1-0 ން ނެވެ. ވެސްޓަހަމް ޔުނައިޓަޑްވެސް ވަނީ ބޯލްޓަން ވޮންޑަރެސްގެ މައްޗަށް ކާމިޔާބު ހޯދީ 3-0 ން ނެވެ.