ޖޮނީ ބްރެއިސްޓޯގެ ސެންޗަރީއާއެކު ވަންޑޭ އިންޓަނޭޝެނަލްގެ ފުރަތަމަ މެޗު 7 ވިކެޓުން އިންގްލެންޑް ވެސްޓް އިންޑީސްގެ މައްޗަށް ކުރި ހޯދައިފިއެވެ. 205 ލަނޑު ހަދައިގެން މެޗު ކާމިޔާބުކުރަން ނިކުތް އިންގްލެންޑް އިންވަނީ 30.5 އޯވަރުން 3 ކުޅުންތެރިން ނުބައިވެގެން 210 ލަނޑު ހަދާފައެވެ.
ބެޓު ކުރުން އިންގްލެންޑްއަށް ހުޅުވައިދިން ބްރެއިސްޓޯ ވަނީ ނުބައި ނުވެ 97 ބޯޅައިން 100 ލަނޑު ހަދާފައެވެ. އިންގްލެންޑްއިން ވަނީ މެޗުގައި 11 އޯވަރު އޮއްވާ އެޓީމުގެ ހަމަކުރަންޖެހޭ 205 ލަނޑު ހަދާފައެވެ. ވިއްސާރައިގެ ސަބަބުން ދަނޑު ތެމިފައިވުމުން މެޗު ވަނީ 42 އޯވަރަށް ކުޑަކޮށްފައެވެ. އާމުގޮތެއްގައި ވަންޑޭ އިންޓަނޭޝެނަލް މެޗުތަކުގައި ކުޅެނީ 50 އޯވަރަށެވެ.
މެޗުގައި ވެސްޓް އިންޑީސްއަށް 42 އޯވަރުން 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 204 ލަނޑެވެ. ވެސްޓް އިންޑީސްއަށް އެންމެ ގިނަ ލަނޑު ހަދައިދިންނީ ޖޭސަން ހޯލްޑާއެވެ. އޭނާ ވަނީ 33 ބޯޅައިން 41 ލަނޑު ހަދާފައެވެ.
ވެސްޓް އިންޑީސް ވަންޑޭ އިންޓަނޭޝެނަލް ޓީމަށް ދެއަހަރު ދުވަހަށްފަހު ކުޅެން ނިކުތް ކްރިސް ގޭލްއަށް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭގޮތެއް ނުވިއެވެ. ކުޅެން ނިކުމެ 27 ބޯޅައިން ގޭލްއަށް ހެދުނީ 37 ލަނޑެވެ.
މިމެޗުން ބަލިވެ އަންޓަނޭޝެނަލް ކްރިކެޓް ކައުންސިލް ވަންޑޭ އިންޓަނޭޝެލަން ރޭންކިންގެ 9 ވަނަ މަގާމުގައި އޮތް ވެސްޓް އިންޑީސްއަށް 2019 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް 2018 ވަނަ އަހަރު ކޮލިފައިން މުބާރާތެއް ކުޅެންޖެހޭނެއެވެ.