ބޮލީވުޑް

"ޖަޒްބާ" ކޭންސްގައި ދައްކާލަނީ

Apr 23, 2015

ކުރީގެ ރީތީގެ ރާނީ އަދި މަޝްހޫރު ފިލްމީ ތަރި އައިޝްވާރިޔާ ރާއި ބައްޗަން ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، ކުޅޭ ފުރަތަމަ ފިލްމް "ޖަޒްބާ" ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ހަފްލާ ކޭންސް ފިލްމް ފެސްޓިވަލްގައި ދައްކާލާގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަހަރުގެ އޮކްޓޯބަރު 9ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމު ކޭންސް ފިލްމް ފެސްޓިވަލްގައި ދައްކާލަން ހަމަޖެހިފައިވާކަން މިފިލްމުގެ ޑައިރެކްޓަރު ވަނީ އޭނާގެ ޓުވިޓާގައި ލިޔެފަ އެވެ.

މެއި މަހުގެ 13 އިން 24ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިފިލްމު ފެސްޓިވަލްގައި އައިޝްވާރިއާ އޭނާ ލޯރިއަލް ބްރޭންޑްގެ އެމްބެސެޑަރެއްގެ ގޮތުގައި ވެސް ރެޑްކާޕެޓްގައި ހިނގުމަށްވަނީ ހަމަޖެހިފަ އެވެ.

މިފިލްމު ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައި މިހާރުވެސް ގިނަ ބަޔަކު ތިބިއިރު، ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޓްވިޓާގައި ވަނީ މިފިލްމު ކާންސްގައި ދައްކާލުމަށްޓަކައި، ފިލްމު އެޑިޓަރު ބަންޓީ ނެގީ އާއި އެކު މިފިލްމުގެ އެޑިޓިންގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މި ފެސްޓިވަލްގައި މިފިލްމު އަޅުވާތީ ވަރަށް އެކްސައިޓް ވޭ" ގުޕްތާ ލިޔެފައިވެ އެވެ.

އެކްޝަން ޑްރާމާ މިފިލްމުގައި އައިޝްވާރިޔާ މުހިންމު ރޯލަކުން ފެނިގެންދާއިރު، މިފިލްމުގައި އައިޝްވާރިޔާ ކުޅެނީ ވަކީލެއްގެ ރޯލުކަމަށްވެ އެވެ. ދެން އެންމެ މުހިންމު ރޯލުން ފެނިގެންދާ އިރްފާން ޚާން ފެނިގެންދާނީ ސަސްޕެންޑްކޮށްފައިވާ ފުލުސް މީހެއްގެ ގޮތުގަ އެވެ

ދެތަރިންގެ އިތުރުން ޝާބާނާ އާޒްމީ ވެސް މުހިންމު ރޯލަކުން ފެނިގެންދާއިރު، އަނޫޕަމް ކޭރް އާއި، އަތުލް ކުލްކާނީގެ އިތުރުން ސިދާތް ކަޕޫރުގެ އިތުރުން ޗަންދަން ރޯއި ސަންދާލް ވެސް މިފިލްމުން ފެނިގެންދާނެ ކަމަށްވެ އެވެ.

"ޖަޒްބާ" އަކީ ކޮރެއަން ފިލްމް "ސެވަން ޑޭސް"ގެ ނަމޫނާއަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.