- ތެޔޮ ގަތުމުގެ ތެރެއިން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން
- ބިލާއި ޕޭމަންޓް ވައުޗަރު ނެތިވެސް ފައިސާ ދޫކޮށްފައި
- އިންޖީނު ގަންނަން ހަވާލުކޮށްފައި ހުރީ ގަސްތުގައި ވަކިބަޔަކަށް
އަތޮޅުތަކަށް ކަރަންޓްގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ތެޔޮ ވިއްކުމާއި ޖަނަރޭޓަރު ގަތުމާއި އެހެން ވެސް ބައެއް މުއާމަލާތަތްތަކުގެ ތެރެއިން ކޮރަޕްޝަނާ ހިމެނޭ ގޮތުން އެތައް މިލިއަން ރުފިޔާއެއް ދީފައިވާ ކަމަށާއި އެކަމާ ގުޅިގެން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ފެނަކައަށް ވެފައިވާކަން އެ ކުންފުންޏާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ޒިޔަތު ސޮއި ކުރައްވާ މިއަދު އާންމު ކުރެއްވި ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި، 2014 ވަނަ އަހަރު އެމަޖެންސީ އުސޫލުން ހޯދި 38 ޖަނަރޭޓަރު ހޯދުމުގައި ވަކި ކުންފުނިތަކަކަށް އެ މަސައްކަތް ހަވާލު ކުރުމަށް އެއް ކުންފުނިތަކަކުން ކޮޓޭޝަން ހޯދައިގެން އެ ކުންފުނިތަކަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެފްއެސްއެމް އިން ޑީސަލް ގަތުމަށް ހުށަހަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކުން ޑީސަލް ގަތުމުގެ ސަބަބުން 21.86 މިލިއަން ރުފިޔާގެ ގެއްލުން ފެނަކައަށް ވެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެއް ފަރާތްތަކެއްގެ ވިޔަފާރިތަކެއްގެ ގޮތުގައި ބެލެވޭ ވިޔަފާރިތަކަކުން 2015 ވަނަ އަހަރު ޖުމްލަ 4.32 މިލިއަން ރުފިޔާގެ ޑީސަލް ފެނަކައަށް ގަނެފައިވާކަމަށް ރިޕޯޓްގައިވެ އެވެ.
ފެނަކައިން 2014 އަދި 2015 ވަނަ އަހަރު ތ. އަތޮޅުގެ އިންޖީނުގެ ތަކަށް ޑީސަލް ސަޕްލައި ކުރުމަށް އެންމެ ކުންފުންޏަކުން ކޮޓޭޝަން ހޯދައިގެން އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ އެފްއެސްއެމްއިން ޑީސަލް ވިއްކަން ކަނޑައަޅާފައިވާ އަގަށް ވުރެ އެވްރެޖްކޮށް ލީޓަރަކުން 1.29 ރުފިޔާ ބޮޑުކޮށް ކަމަށް ރިޕޯޓްގައިވެ އެވެ.
މީގެ އިތުރަށް ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތެރޭގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމަށް އޮޑިޓްގައި ތުހުމަތު ކުރެ އެވެ. އެގޮތުން ޓެކްނިކަލް އިވެލުއޭޝަނުން ފެއިލްވުމުން ވެސް ބޭރުގެ އެއް ކުންފުނިތަކަކަށް އާރުއެފްޕީ ފޮނުވައިގެން އެ ކުންފުނިތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވާ ގޮތުގައި، އެގޮތަށް އަމަލުކޮށްގެން ބޭރުގެ ދެ ކުންފުންޏަކަށް ނަރުދަމާގެ މަޝްރޫއުތައް ހަވާލު ކުރުމަކީ އެއީ އާންމު ބީލަމުގެ އުސޫލާ ހިލާފަށް އެ ކުންފުނިން ކޮށްފައިވާ ކަމެކެވެ.
މި ރިޕޯޓް މި ގޮތަށް އައުމުން އަޅުގަނޑަށް ހައިރާންކަން ލިބިއްޖެ. ޝޮކެއް ލިބިއްޖެ. އަޅުގަނޑަށް ހީވަނީ މިއީ ޒާތީ ގޮތުން ވަކި މީހެއްގެ އަގު ވައްޓާލަން ކޮށްފައި އޮތް ކަމެކޭ. މީގައި އެއްވެސް އަސްލެއް ނެތްނިމާލް -- ފެނަކައިގެ ކުރީގެ އެމްޑީ
ރިޕޯޓްގައިވާ ގޮތުގައި 2014 ވަނަ އަހަރު އަދި 2015 ވަނަ އަހަރު ޑޮލަރު ގަތުމަށް ހިންގި މުއާމަލާތްތަކުގެ ތެރެއިން އެފަދަ ކަމެއް ކުރުމުގެ ހުއްދަ ނެތް އަމިއްލަ ފަރާތްތަކަށް ޑޮލަރު ގަތުމަށް އެގްރިމަންޓްތައް ހަދައި ކޮމިޝަންގެ ގޮތުގައި 5.08 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި އެގްރިމަންޓްގައިވާ މުއްދަތައް ތަކެތި ސަޕްލައި ނުކުރުމުން ނޫނީ މަސައްކަތް ނުނިމުމުގެ ސަބަބުން، އެފަދަ ކުންފުނިތަކަށް ދޭ އަގުން ފައިސާ އުނިކުރަން އޮތް ނަމަވެސް އެކަން ނުކުރުމުގެ ސަބަބުން 2.54 މިލިއަން ރުފިޔާގެ ގެއްލުން ކުންފުންޏަށް ވެފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އިންޖީނުގެތަކަށް ބޭނުންވާ ކޭބަލް ގަތުމަށް ހަވާލުކުރީ، ތިން ވަނައަށް މާކްސް ލިބުނު ފަރާތާކަން ފާހަގަކޮށް ރިޕޯޓްގައި ބުނަނީ، އެފަރާތާ މަސައްކަތް ހަވާލުކުރީ 2.3 މިލިއަން ރުފިޔާ ބޮޑުކޮށް ކަމަށެވެ.
މީގެ އިތުރަށް ޕޭމަންޓް ވޮއުޗަރާއި އިންވޮއިސް ނެތި ޕާޗޭސް އޯޑަރުވެސް ނުހަދާ ހިދުމަތުގެ ރިކުއެސްޓް ފޯމް ވެސް ނެތި ގިނަ އަދަދެެއްގެ ފައިސާ އަމިއްލަ ފަރާތްތަކަށް ދީފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. ތިރީގައި މި ވަނީ އެ ފައިސާ ދޫކުރި ގޮތުގެ ތަފްސީލެވެ.
- ޕޭމަންޓް ވައުޗަރު ނެތި - 23 ފަރާތަކަށް 12.6 މިލިއަން ރުފިޔާ
- އިންވޮއިސް ނެތި 14 ފަރާތަކަށް - 34.1 މިލިއަން ރުފިޔާ
- ޕާޗޭސް އޯޑަރު ނެތި ހަތް ފަރާތަކަށް - 189،057.25 ރުފިޔާ
- ރިކިއުޒިޝަން ނެތި އަށް ފަރާތަކަށް - 254،220 ރުފިޔާ
މީގެ ކުރިން ވެސް ފެނަކައިގެ ބޮޑު ހިޔާނާތުގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެއީ ޑޮލަރު ގަތުމުގެ ހުއްދަ ނެތް ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސަސް އަށް 17 މިލިޔަން ރުފިޔާ ދިން މައްސަލައެކެވެ. އެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރާ އިރު ސިވިލް ކޯޓުން ވަނީ އެ 17 މިލިއަން ރުފިޔާ އަނބުރާ ފެނަކައަށް ދެއްކުމަށް ޝަރޫ ލޯންޗް ސާވިސަސްގެ މައްޗަށް ހުކުމެއް ވެސް ކޮށްފަ އެވެ.
މި ހުރިހާ މައްސަލަތައް އޭސީސީއިން އިތުރަށް ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ އޭސީސީއަށް ލަފާދީފަ އެވެ. މި މުއާމަލާތްތައް ހިނގި އިރު އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި ރައީސް ޔާމީންގެ ގާތްބޭފުޅެއް ކަމަށްވާ މުހައްމަދު ނިމާލް އޮކްޓޯބަރު 24، 2016 ގައި ފެނަކައިގެ އެމްޑީކަމުން ވަކިކޮށްފަ އެވެ.
މި ރިޕޯޓާ ގުޅިގެން "އަވަސް" އިން ގުޅުމުން ނިމާލް ވިދާޅުވީ އެއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ރިޕޯޓެއް ނޫން ކަމަށާއި ކުރީގެ މެނޭޖްމަންޓްގެ އެއްވެސް ބޭފުޅަކާ އެ ރިޕޯޓް އެކުލަވާލި އިރު ސުވާލު ވެސް ނުކުރާ ކަމަށެވެ. ނިމާލް ވިދާޅުވީ، އެ ރިޕޯޓް ފެނަކައަށް ފޮނުވުމުން މިހާރުގެ މެނޭޖްމަންޓުން ބައެއް މައުލޫމާތު އޮޑިޓަށް ފޮރުވާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޮޑިޓްގައި ފާހަގަކޮށްފައި ހުރި ބައެއް ކަންކަން މީގެ ކުރިން އޭސީސީ އިން ތަހުގީގުކޮށް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ނިމާލް ވިދާޅުވި އެވެ. ނިމާލް ވިދާޅުވީ އޭނާ ވެސް އަދި އޭނާއާ އެކު އޭރު މަސައްކަތް ކުރި ކުންފުނީގެ މެނޭޖްމަންޓް ވެސް ކޮރަޕްޝަން ހިމެނޭ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ.
"މި ރިޕޯޓް މި ގޮތަށް އައުމުން އަޅުގަނޑަށް ހައިރާންކަން ލިބިއްޖެ. ޝޮކެއް ލިބިއްޖެ. އަޅުގަނޑަށް ހީވަނީ މިއީ ޒާތީ ގޮތުން ވަކި މީހެއްގެ އަގު ވައްޓާލަން ކޮށްފައި އޮތް ކަމެކޭ. މީގައި އެއްވެސް އަސްލެއް ނެތް. މީގައި މިހިރަ ކަންކަމަށް ޖަވާބު ދާރީވާން އަޅުގަނޑު ދާން ޖެހުނު ހިސާބަކަށް ދާނަން،" ނިމާލް ވިދާޅުވި އެވެ.