ބޮލީވުޑް

އާމިރްގެ ދެދަރިންގެ ރޯލު ކުޅޭނެ މީހުން ލިބިއްޖެ

Apr 23, 2015

ސުޕަސްޓާ އާމިރް ޚާން މިހާރު ކުޅުމަށް ތައްޔާރުވަމުން އަންނަ ބައޮފިކް "ޑަންގާލް"ގައި އޭނާގެ ދެއަންހެން ދަރިންގެ ރޯލު ކުޅޭނެ ބަޔަކު ނުލިބިގެން އުޅޭތާ ވަނީ ލައްކަ ދުވަސްވެފަ އެވެ.

އެތަކެއް މަސްދުވަހުގެ އޮޑިޝަންގެ ތެރޭގައި 21،000އަށް ވުރެ ގިނަ އަންހެންކުދިންނާއި އިންޓަވިއު ކުރިއިރު ކަމުދާ އެއްވެސް ކުއްޖެއް ލިބިފައިނުވާ ކަމަށް މިފިލްމުގެ ކާސްޓިން ޓީމުން ވަނީ ބުނެފަ އެވެ.

ނަމަވެސް މިހާރު މުޅިން އާ ދެ މޫނެއް ކަމަށްވާ ފާތިމާ ޝައިޚް އާއި ސާނިޔާ މަލްހޯތްރާ އެރޯލުތައް ކުޅުމަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މުމްބާއި އަށް އުފަން ފާތިމާ ވަނީ މީގެ ކުރިންވެސް ބައެއް ފިލްމު ތަކާއި ޓީވީ ސީރީޒްއެއްގައި މަސައްކަތްކޮށްފަ އެވެ.އަދި އޭނާ އަކީ ފޮގްރަފީއަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.

މީގެއިތުރުން ސާނިޔާ އަކީ ދިއްލީއަށް ނިސްބަތްވާ ބެލެޓް ނެށުންތެރި އެކެވެ.

"ޑަންގާލް" އަކީ ހަރިޔާނާގެ ބަލާލީ އަށް ނިސްބަތްވާ ކުރީގެ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް އާއި އޭނާގެ ދެއަންހެން ދަރިންކަމަށްވާ ގީތާ އާއި ބަބީތާ އަށް ގޭގައި ރެސްލިން ތަޅަން ދަސްކޮށްދީގެން އެމީހުން ތާރީހީ ކާމިޔާބީއަކާއި ހަމައަށް ގެންގޮސްދޭގޮތް ދައްކުވައިދޭ ފިލްމެކެވެ.

މީގެކުރިން މީޑިއާ އާއި ވާހަކަ ދައްކަމުން އާމިރް ބުނީ "ޑަންގާލް"އަކީ ހަމައެކަނި ރެސްލިން ތަޅާ ފިލްމެއް ނޫންކަމަށާއި، މފިލްމަކީ ބައްޕައަކާއި ދެ އަންހެން ދަރިންގެ ޖަޒުބާތުން ފުރިގެންވާ ދަތުރުތަކެއް ދައްކުވައިދޭ ފިލްމެއްގެ އިތުރުން، މިފިލްމުގައި އަންހެންކުދިން ބާރުވެރި ކުރުވަން ވެސް ދަސްކޮށްދޭނެކަމަށެވެ.

އާމިރް އަކީ އޭނާ ކުޅޭ ގިނަ ފިލްމުތަކަށް ަބަދުވެސް ސިފަ ބަދަލުކޮށް ތަޖުރިބާކުރާ ތަރިއެކެވެ. އެގޮތުން މިފިލްމުގައި އާމިރް ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ބަރުދަން 90 ކިލޯއަށް ޖައްސާފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރުމަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްމުގެ ޑައިރެކްޓަރަކީ ނިތޭޝް ތިވާރީ އެވެ.