ހަބަރު

ރޮހިންޔާ މުސްލިމުންގެ ހައްގުގައި އިދިކޮޅު ބޮޑު އެއްވުމަކަށް

އަނިޔާ ލިބެމުންދާ ރޮހިންޔާ ދަރިފަސްކޮޅުގެ މުސްލިމުންގެ ހައްގުގައި އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް ނިންމައިފި އެވެ. އިދިކޮޅު ފަރާތްތަކުން ރޮހިންޔާގެ ހައްގުގައި ބޮޑު އެއްވުމަކަށް ނުކުންނަން ނިންމާފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާކަން އިއުލާން ކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުން މިހާރު ކުނޫޒުގައި ކުރިއަށް ގެންދާ ޖަލްސާގަ އެވެ. އެކަން އިއުލާން ކުރެއްވީ، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މަޖީދު އަބްދުލް ބާރީ އެވެ.

ރޮހިންޔާގެ ހައްގުގައި އިހުތިޖާޖު ކުރުމަށް ބޮޑު އެއްވުމެއް އިދިކޮޅުން އިއުލާންކުރި ނަމަވެސް އެ އެއްވުން ބާއްވާނެ ތަނެއް ހާމައެއް ނުކުރެ އެވެ. ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ހުއްދައާ ނުލައި އެއްވުންތައް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގަ އެވެ. އެހެން ތަންތާގައި ބާއްވާ އެއްވުންތަކަށް ފުލުހުން ހުރަސް އަޅަ އެވެ.

އިދިކޮޅު ޕާޓީތަކުން ވަނީ އެއީ ރޮހިންޔާ މުސްލިމުންގެ ހައްގުގައި ބާއްވާ އެއްވުމަކަށްވާތީ، ކުދި ބޮޑު ވީހާވެސް ގިނަ ބަޔަކު އެ އެއްވުމުގައި ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.

ރޮހިންޔާ މުސްލިމުންގެ ހައްގުގައި ސަރުކާރުން ވެސް ދަނީ ފަންޑް ރައިޒިން ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ޕީޕީއެމްއިން ވެސް ވަނީ ރޮހިންޔާ މުސްލިމުންގެ މައްސަލާގައި ޖަގަހަ ޖަލްސާތަކެއް ބާއްވާފަ އެވެ.