ވާހަކަ

މިންނުގެ ޑައިރީ

(19 ސެޕްޓެމްބަރ 2017 އާ ގުޅޭ)
ބޮލުގައި ބޮޑު ތޮތްޕެއް އަޅާލާފައި ހުއްޓެވެ. ކޮނޑުގައި އޮތް ފިޔާތޮށި ކުލައިގެ ދަބަހާއެކު އަތުގައި ކަޅު އައިނެއްވެސް އޮތެވެ. އެއީ ހަމަ ފައްކާ ޖޯކަރެކެވެ. ފަރަންޖީއަކަށް ވާން ބޭނުންވެ ނުވެވިފައެވެ. ފިރިހެންކުދިންނަށް ތިއްތިދެއްކުމުގައި އޭނާވަރެއް ހަމަ ނޯންނާނެއެވެ.

ފަޒްލާ ގަޔާނުވާ ފިރިހެނެއް އޮފީހަކު ނޫޅެއެވެ. ޚާއްޞަކޮށް މަޤާމު މަތިނަމަ އެފަދަ މީހެއްގެ ސަމާލުކަން ލިބޭތޯ ނިކަން މަސައްކަތް ކުރާނެއެވެ. ނަމަވެސް ދެރައީ އޭނާއަކީ އެ ފަދަ ފިރިހެނުންގެ ކުރިމަތީގައި އެއްވެސް އަގެއް އޮތް މީހަކަށް ނުވާތީއެވެ. އެމީހުން ފަޒްލާއާ މެދު ޢަމަލުތައް ބަހައްޓަނީ އިއްފަތްތެރި އަބުރުވެރި އަންހެންކުއްޖަކާ މެދު ޢަމަލުތައް ބަހައްޓާނޭ ފަދައަކުން ނޫނެވެ. ކޮންމެ ފަދަ އެއްޗެއް ވެސް ފަޒްލާއާ ދިމާއަށް ބުނެލަފާނެއެވެ. އޭނާއަށް އެއީ މާބޮޑުކަމެއް ވެސް ނޫން ކަހަލައެވެ. ހީނލާފައި ބަދަލުގައި އެއްޗެއް ބުނެލާފައި ތުއިވެލީމާ އެ ނިމުނީއެވެ. ނަމަވެސް މިފަދަ ކަންކަމަކީ އަހަރެންގެ މުޅި ޟަމީރު ދެކޮޅު ހަދާ ކަންތައްތަކެވެ. އަންހެނެއްވިއްޔާ ލަދުވެތިކަމެއް ހުންނާންވާނެއެވެ. އޮފީހުގައި ފަޒްލާއާ ގުޅުން ބޮޑީ ވެސް އަންހެނުންނަށްވުރެ ފިރިހެނުންނާއެވެ. އަހަންނަކީ އަލަށް ވަން ކުއްޖަކަށްވާތީ އަހަންނާ ގުޅުން ބަދަހި ކުރުމަށް ފަޒްލާ ވަރަށް މަސައްކަތް ކުރެއެވެ. އޭނާ އެ ދައްކާ ފިރިހެނުންގެ ތާކުން ތާކު ނުޖެހޭ ވާހަކަތައް އަހަންނަށް އަޑު އަހަން މަޖުބޫރުވެފައި ވާކަހަލައެވެ. ދެކޮޅު ހަދާން ބޭނުންވި ނަމަވެސް އެއްޗެއް ބުނާން ނުކެރިފައި ކިތަންމެ ފަހަރަކު އަހަރެން ހުންނަމެވެ. މިހެން ބުންޏަސް ބައެއްފަހަރު އޭނާގެ ކިބައިން ސަލާމަތްވުމުގެ ބަދަލުގައި އޭނާއަށް ރަނގަޅު ގޮތް ވިސްނައިދެވޭތޯ ބަލަމެވެ. އެފަދަ ވާހަކަތަކަކީ އޭނާ އެހާ އަޑު އަހާ ހިއްވާ ވާހަކަތަކެއް ނޫނެވެ.

ފާލަން ދޮށުގައި އަންހެނުންނާއި ފިރިހެނުން ތިބީ ވަކީންނެވެ. ފަޒްލާއަށް ހިނިތުންވެލުމާއެކު އޭނާ އައިސް ހަމަކުރާން ދެން މަޑުކޮށްލީއެވެ. އަދި ކުރިއަށް ހިނގައިގަތީ ދެންތިބި އަންހެނުންގެ ގާތަށް ދާށެވެ. އެވަގުތު ފަޒްލާ ވާހަކަދެއްކިއެވެ.

ފަޒްލާ: "އަހަރެން ހިޔެއްނުކުރަން މިންނު އަންނާނެކަމަށް. އެހާ މަޑުމަޑުން ހުންނާތީ ހީކުރީ މިކަހަލަ ދަތުރުތަކަކީ މިންނުގެ ސްޓައިލެއް ނޫނޭ. އެހެންވިޔަސް ކޫލް އިނގޭ... ހެޕީވެއްޖެ ފެނުނީމަ"

ފަޒްލާގެ ވާހަކައަށް ޖަވާބެއް ދިނުމުގެ ގޮތުން އަހަރެން ހިނިތުންވެލީމެވެ. މަޑުމަޑުން ވަގުތު ޖެހެންވާއިރަށް ސެކްޝަނުގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ޖަމާވެ ނިމިއްޖެއެވެ. އެހިނދު އެންމެނަށް ސިއްރުން އަހަރެންގެ ދެ ލޯ ހޯދާލީ ހިތުގެ ފިނިކަން ކޮބާތޯއެވެ. އެ ޕްރިންސް ޗާމިންގ ވީ ހީސާބެއް ނޭނގުނެވެ. ލޮލުގައި އަޅައިނުގަތީއެވެ. ބޯއަރިކޮށް ފިރިހެނުންގެ ތެރެއަށް ބަލާން ވެސް ނުކެރުނީއެވެ. ހުރިކަމެއް ނެތްކަމެއް ވެސް ނޭނގެއެވެ. އެއާއެކު އަހަރެންގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އެހާ ވަރުން ދަތުރުދިއުމަށް އައީ އެ ޒުވާނާ ދާނެ ކަމުގެ އުންމީދުގައެވެ. އޭނާ ނައީއޭ ކިޔާފައި އެނބުރި ގެޔަށް ދާކަށް ވެސް ނުކެރޭނެއެވެ. އެހެންވެ ހިތްވަރުކޮށްލާފައި އެންމެނާއެކު ދޯންޏަށް އެރީއެވެ.

އޮއެމަޑު ރީތި ދުވެހެކެވެ. ބާރު ދުވެލީގައި ލޮނުގަނޑު ކަފަމުން ދޯނި މަންޒިލާ ދިމާއަށް ދަތުރުކުރަމުންދިޔައެވެ. މާލޭގެ ފަޅުން ނުކުމެވެންދެން ދޯނީގެ ދެފަރާތުގައި ހުރި ގޮނޑިތަކުގައި އެންމެން ތިއްބެވެ. ހަމަ ނުކުމެވުމާއެކު ފިރިހެން ވެރިން ކާންގެނެސްފައި ހުރި ބިސްކޯދު ޑަބިޔާތަކާއި، ދޮލަނގަކާއި އެއްޗެހި ނަގާ އެ އެއްޗެހީގައި ތަޅަމުން ލަވަކިޔަންފަށައިފިއެވެ. އެކަކު ތެއްޔެއް ކިހިލީ ޖަހާލައިގެން އުޅޭތަން ވެސް ފެނުނެވެ. ފޯރި ނިކަން ގަދައެވެ. އަންހެން ވެރީން އަނގައިން ނުބުނެ ތިބީކީ ނޫނެވެ. އުމުރުން ދޮށީ ދެތިން އަންހެނަކު ޅެންބައިތަކުން އެ ދިން ރައްދާއެކީ ދޯނިތެރެ ކެކިގަތް ކަހަލައެވެ. ތުންފުމޭ އަޑުތަކާއި ދިމާކުރުމުގެ އަޑުފަށްގަނޑު ގަދަވެގެންދިޔައެވެ. އެވަގުތު ކަސިޔާރުވެގެން ދިޔަ އަހަރެންގެ ނަޒަރުގައި އަޅައިގަތް ސޫރަ ފެނުމާއެކު އެތެރެއަށް ލަމުންދިޔަ ނޭވާ ވެސް ހުއްޓުނު ކަހަލައެވެ. ހިތުގެ ތެޅުން މަޑުޖެހިލިކަން ގައިމެވެ. މުޅިގައިން ވަރުދޫވެ ގޮނޑިން ކައްސާލައިގެން ވެއްޓެން އުޅުނު ހެން ވެސް ހީވިއެވެ. އިންޖީނު ފޮށިގަނޑާ ދިމާލުގައި އިށީނދެ އެ އިނީ އަހަރެންގެ ހިތުގެ ތެޅުމެވެ. މި ހިތުގެ ދިރުމެވެ. އެވަގުތު ވީގޮތް ބުނެދޭނެ ގޮތެއް އެއްގޮތަކަށް ވެސް ނޭނގެއެވެ.

އެންމެންގެ ސަކަރާތް ބަލާން އަހަރެން ވެސް ދޯނީގައި އިނީ ވަރަށް މަޖާވެފައެވެ. އެހެން އިންދާ ލަވަކިޔަން ތިބި ގުރޫޕުތެރެއިން ފިރިހެން ކުއްޖެއް "އަޒާން" އޭ ކިޔާ ނިކަން ބާރަށް ގޮވާލިއެވެ. ދެތިން ފަހަރު އެ ނަމުން ގޮވާލުމާއެކު ފެނުނީ އަހަރެންގެ ޕުރިންސް ޗާރމިންގ އެ ދިމާއަށް ބަލާލިތަނެވެ. އެ ހިތްގައިމު ޒުވާނާގެ ނަން ފުރަތަމަ ފަހަރަށް އެނގުނީ އެވަގުތުއެވެ. އަމިއްލަ ޚިޔާލުގެ ތެރޭގައި އިނދެވުނު އިރު އެ ނަން އެތައް ފަހަރަކު ކިޔާލެވުނެވެ. އެ ޒުވާނާއާ ނަމާ ވެސް ނުހަނު ގުޅެއެވެ. ވަގުތުން އެ ޚާއްޞަ ނަން ހިތުގައި ބިންވަޅުނެގިގެން ހިނގައްޖެއެވެ. މިހާރު އެއީ ހަމައެކަނި ރީތި ޒުވާނާއެއް ނޫނެވެ. އޭނާއަށް ނަމެއް ވެސް ލިބިއްޖެއެވެ. އަޒާންއެވެ. ފޯރިގަދަވަމުންދިޔައިރު ފިރިހެން ގުރޫޕުގެ ތެރެއަށް އަޒާން ގެންދިއުމަށް ގިނަ ބަޔަކު މަސައްކަތް ކުރިއެވެ. އަޒާންއަށް ވެސް މަޑަކުން ނީދެވުނެވެ. ފިރިހެނަކު ދިއްކޮށްލި ބޮޑުބެރާއެކު އޭނާ ވެސް ފޯރީގައި ބައިވެރިވެލައިފިއެވެ. އަހަންނަށް އެ މަންޒަރުވީ އަޖައިބުން ފުރިގެންވީ މަންޒަރަކަށެވެ.

ދޯނީގެ އިންޖީނު މަޑުވެ ނަލަނަލަ ފަޅެއްގެ ތެރެއަށް ވަންނާން ފެށުމުން އެންމެންގެ ސަމާލުކަން ވެސް ހުއްޓުނީ އަހަރުމެން އަރާން އޮތް ރަށާ ދިމާއަށެވެ. ދެތިން މީހަކު ރަށުގެ ނަން ބުނެލި އަޑު އިވުނެވެ. ސާފު ނުވިއެއްކަމަކު އަހާލުން އެހާ މުހިންމެއް ނުވިއެވެ. ކުރިމަތިން ކަހަލަ ގޮތަކަށް ފެންނާން އޮތީ އެ ފަދަ ކަމަކަށް ޚިޔާލު ކުރެވޭވަރަށްވުރެ ފުރިހަމަ މަންޒިލެކެވެ. ހިތް އެދޭ މީހަކާއެކު ވަގުތު ހޭދަކޮށްލާން ރަނގަޅު ފުރުޞަތަކަށް ވާނެއެވެ.

ރަށަށް ފޭބޭނޭ ގޮތެއް ނެތިގެން ދޯނި ކައިރިކުރެވޭ އެންމެ ކައިރިއަކަށް ޖެއްސިއެވެ. އަރާ ފޭބޭނޭ ގޮތެއް ނެތް ރަށަކަށްވީއިރު އެއީ ފަޅުރަށެއްކަން ފަޒްލާ ބުނި އަޑު އިވުނެވެ. އެއްދިމާއިން ދިގު ފިނޮޅެއް ވެސް ފެންނާން އޮތެވެ. ކޮންމެ މީހަކު ޖެހުނީ މޫދަށް ވަކި ހިސާބަކުން ފުންމާލާށެވެ. އެންމެ ކުރިން ފުންމާލީ ހުރިހާ ފިރިހެނުންނެވެ. އެމީހުން އަހަރުމެން އަންހެން ކުދިން ފޭބުމަށް އެހީތެރިވެދިނެވެ. އަހަރެން ފޭބި ވަގުތަކީ މުޅިދުނިޔެ ވެސް އެ ވަގުތަށް ހުއްޓުނުނަމޭ ހިތަށް އެރި ވަގުތެކެވެ. އަހަރެން މޫދަށް ފައިބާން އުޅުނު ވަގުތު އަހަރެންގެ އަތުގައި ހިފީ އަޒާނެވެ. އެހާ ޚާއްޞަ ވަގުތުކޮޅަކަށް ވެގެންދިޔައީ އެހެންވެއެވެ. ފަޅި ސިކުންތަކަށްވިޔަސް އަހަރުމެން ދެ މީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދަކީ ކޮންފަދަ ޖާދުވީ ވަގުތުކޮޅެއްހެއްޔެވެ. އަދިވެސް އަހަރެންގެ ގައިން އެބަ ހީބި ނަގައެވެ. އެ މަންޒަރުތައް އަދިވެސް ލޯމަތިން ފެންނަ ކަހަލައެވެ. ލޮނުގަނޑުގެ ތެރޭ އިސްކޮޅު ކޭ ނަމަވެސް އަޒާން އަހަރެންގެ އަތުން ދުލެއް ނުކުރެއެވެ. ރާޅުފަށާ ހަމައަށް އާދެވެންދެން ނުހަނު ބަލައިގެން އަހަރެން ގެނެސްދިނެވެ. ދޭތެރެއަކުން އޭނާގެ އަތުގެ ތެރޭ އޮތް އަހަރެންގެ އަތްތިލައަށް ބާރުކޮށްލައެވެ.

ލައިގެން ހުރި ހަރުވާޅުގެ ކަކުލަށްވުރެ ބޮޑުބައި ތެތްމާލައިގެން އެ ރަށަށް އެރިއްޖެއެވެ. ހެނދުނުގެ ސައި ނިމި އެންމެން ވެސް ކުޅިވަރެއް ކުޅޭން އުޅުނެވެ. ފައިގަތަޅާ ކުޅޭން އަހަންނަށް ވެސް އަރާން ޖެހުނެވެ. ނަމަވެސް ދެފަހަރަކު ދުވެލާއިރަށް އަހަރެން ނުބައިވެ ކުޅުމުން ބޭރުވެއްޖެއެވެ. އެންމެފަހުން ނުވާނޭ ކިޔާފައި ގޮސް އެންމެން ސަކަރާތް ޖަހަ ޖަހާފައި އުޅޭތަން ބަލަން އަހަރެން އިނީމެވެ. އެވަރުން އަހަރެންގެ ހިތްހަމަޖެހެއެވެ. އެކަމަކު ދޭތެރެއަކުން އެމީހުން ކުޅެން ގެންގުޅޭ ބޯޅަ އަހަންނާ ދިމާއަށް އެއްލައެވެ. އަހަރެންގެ ނަޒަރު ކެނޑިނޭޅި ހޯދަމުން ދިޔައީ އަޒާނެވެ. ފައިގަތަޅާ ކުޅުނުއިރު ނުބައިވީ ވެސް އެހެންވެއެވެ.

މެންދުރުފަސްވި އިރު އޮތީ އެންމެން މޫދަށް ލުމެވެ. އަހަންނަށް ތެމިފޯވެގެން ހުރި އަޒާން ފެނުނެވެ. އޭނަ އަހަރެން ބަލަބަލާ ހުއްޓާ ޓީޝާޓު ބާލާލުމަށްފަހު އުނގަނޑުގައި އައްސާލިއެވެ. ފުރިހަމަ އިސްކޮޅަކާއި ހެދިހުރި ހަށިގަނޑެކެވެ. އުފުލިފައި މަސްތަކެއް ނެތް ކަމުގައި ވިޔަސް ނުހަނު ފިރިހެންވަންތައެވެ. އެވަރަށް ބަލާލެވުނީތީ އަހަރެންގެ އަމިއްލަ ޟަމީރު އަޑުލައިގަތެވެ. އިތުރަށް ބަލާން ލަދު ވެސް ގަތެވެ. އެކަމަކު އެ ހިތްގައިމު ހުވެފެނީ މަންޒަރު ހަޑިކޮށްލީ ފަޒްލާއެވެ. އޭނާ ހީވަނީ މެއްސެއް ހެނެވެ. އަޒާން ފަހަތުން ނުނެއްޓެއެވެ. އެންމެން މޫދަށްލާން އުޅުނު ވަގުތު ވެސް އެ ފަޒްލާއަށް އަޒާންއާ އެކުގައި ނޫންގޮތަކަށް ދެވޭ ކަމަށްނުވިއެވެ. ވަރަށް ފޫހިވިއެވެ. އޭނާ އަހަރުމެން ދެމެދަށް ނުވަން ނަމަ އަޒާންގެ އެ ބާރުގަދަ ދެއަތުގެ ތެރޭ އޮންނާނީ އަހަންނެވެ. ވީ ފޫހިން މޫނު އަނބުރާލެވުނީ ވެސް އެ މަންޒަރު ބަލާން ބޭނުންނުވެގެންނެވެ. އޭރު ހަސަނު ހީވަނީ އަހަރެންގެ ހަށިފާރަވެރިޔާ ހެންނެވެ.

ހަސަނު: "އޭނާއަށް އެހެން ނުހަދާތި! ކަލޭމެން ސަކަރާތް ޖަހަން މިތާ އެހެންމީހުން ވެސް އެބަތިއްބެއްނު. އައިހަމް! ބަލަ އަޑު އިވޭތަ؟"

އަހަރެން ބަލާލީ ހަސަނުގެ އަޑަށެވެ. އޭރު އައިހަމް އަހަންނާ ދިމާއަށް އަންނާނީއެވެ. ހިނިއައިސްފައި ހުރެއެވެ. އަތުން ޝަހާދަތް އިނގިލި ދައްކާލީ އަހަރެން ބިރުގަންނަވާލަން ކަހަލައެވެ. އިންތަނުން ތެދުވެގެން ދުއްވައިގަންނާން އަހަރެން އުޅުނީމެވެ. އަހަންނާއި އައިހަމްއާ ދޭތެރެއަށް ހަސަނު ވަނާން ވެސް އުޅުނެވެ. ނަމަވެސް އައިހަމް މާ ހަލުވިއެވެ. ކުއްލިއަކަށް އެއްލި އަތުން އަހަރެންގެ ކަނާތުގައި ހިފާ ދަމައިގަތީއެވެ. ބަލާކަށް ނުހުރެ އޭނާގެ އަތްދަނޑި މައްޗަށް އަހަރެން އުފުލާލައިގެން ގެން ގޮސް ލޮނުގަނޑުގެ ތެރެއަށް އެއްލާލިއެވެ. މުޅި މީހާ އެއްކޮށް ތެމުނީއެވެ. ލޮނުގަނޑުން ބޯހިއްލާލުމާއެކު ގައިގާ ތަތްވެފައި ހުރި ޓީޝާޓު ރަނގަޅު ކުރަމުން އަހަރެން އެރީ އެއްގަމަށެވެ. އަދި ތެމިފައި ހުރުމުން އައިސް ވަނީ ހިޔާވާން ޖަހާފައި ހުރި ބޮޑު ކުޑައިގެ ދަށަށެވެ.

ހަމަޖެހިލަން އުޅުނު ވަގުތު ކައިރި ހިސާބަކުން ދެމީހަކު ދެބަސްވާ އަޑު ކަހަލަ އަޑެއް އިވޭތީ އެ ދިމާއަށް އަހަރެންގެ ސަމާލުކަން ދިޔައީ ބޭއިޚްތިޔާރުގައެވެ. އަހަންނަށް ފެނުނީ އަޒާނާއި ފަޒްލާއެވެ. ވާނުވާ ފެނެއެވެ. ނަމަވެސް ކިޔާނުކިޔާ ސާފުވާވަރެއް ނުވިއެވެ. ފަޒްލާގެ އަޑަށްވުރެ އަޒާންގެ އަޑު އަދި މާ މަޑެވެ. ދެ މީހުންގެ މޫނުން ވެސް ފެންނަނީ އެއްފަރާތެވެ. އެހެން އިންދާ އަހަރެން ސިހުނީ ފަޒްލާގެ ކަންފަތް މަތީ އަޒާން ޖެހިތަން ފެނިފައެވެ. ކުއްލިއަކަށް ދެ ލޯ ބޮޑުކޮށްލެވުނީ ސުވާލު އުފެދިގެންނެވެ. ދެން ފެނުނީ ފަޒްލާ ދުރުކޮށްލާން އުޅޭ ފަދަ ގޮތަކަށް އަޒާން އޭނާ ކޮށްޕާލިތަނެވެ. އަދި އަޑު ހަރުކޮށް ނިކަން ބާރަށް ދުރަށް ދާށޭ ބުނި އަޑެވެ. އަހަންނަށް އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފައި ބަލާން އިނދެވުނީއެވެ. އެކަން އިހުސާސް ކުރެވުނީ އަޒާން އަހަންނާ ދިމާއަށް ބަލާލި އިރު އެ މޫނުގައިވާ ރުޅިވެރިކަން ފެނިފައެވެ. ކީއްވެކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ. އޭނާ ބަލާން ހުއްޓާ މަޑުމަޑުން ހެވެމުން ހެވެމުން ގޮސް އަހަންނަށް ހެވުނީއެވެ. އަވަހަށް އަޒާންއަށް ފުރަގަސް ދިނީމެވެ. ނަމަވެސް އަހަންނަކަށް ހުނުންގަނޑު ނުހިފެއްޓުނެވެ. މަޑުމަޑުން އަޑުނީއްވާ ހީނލަހީނލާ އިނީއެވެ. ފަޒްލާގެ ގޮތް އަޒާންއަށް ނޭގެނީބާއޭ ވެސް އެވަގުތު ހިތަށް އެރިއެވެ. ހަމައެއާއެކު އެ ދެމެދުގައި އެއްވެސް ކަމެއް ނުހިނގާނޭކަން އެނގުނީމާ އަހަރެން އުފާވިއެވެ. ފަހަރެއްގައި އެ އުފާވެރިކަމުގައި އަހަންނަށް ހެވުނީ ކަންނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެން އަޒާންއަށް ކުރި މަލާމާތެއް ނޫނެވެ. އެހެންވިޔަސް އޭނާ ހީކުރާނޭ ގޮތަކާ މެދު ވެސް އެ ވަގުތު އަހަންނަށް ވިސްނާލެވުނެވެ.

އެކުވެރިޔާއެވެ. މީ އަހަރެންގެ ހަޔާތުގައި ކުރި ފުރަތަމަ ދަތުރަށް ވެފައި، ލިބުނު ހިތްހަމަޖެހުން އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އަހަރެން އިން ކުޑަދަށަށް މީހަކު އައިސް ވަނުމުން އިސްއުފުލާ ބަލާލީމެވެ. ހައިރާންކަން އިތުރުވެގެން ދިޔައީ ނުހަނު ގާތުގައި ހުއްޓިލައިގެން އަޒާން ހުރުމުންނެވެ. ކުޑަކޮށް ހިނިއައިސްފައި އަހަންނާ ދިމާއަށް އަޒާން ބަލަން ހުރީއެވެ. ބުނާނޭ އެއްޗެއް އެވަގުތު އަހަރެންގެ ހިތާއި ސިކުނޑިއަކަށް ނައެވެ. އެހެންވެ އާޝޯހުވެފައި އިން މީހަކު ފަދައިން އެ ރީތި މޫނަށް ބަލާން އިނދެވުނީއެވެ. އަޒާން ފުރަތަމަ ފަހަރަށް އަހަންނާ ވާހަކަދެއްކިއެވެ. އުފަލުންގޮސް ހީވީ އިންތަނަށް ވިރިގެން ފައިބަފާނެ ހެނެވެ. ފަޒްލާއާއި އަޒާނާ ދެމެދު ހިނގި ކަންތައް ކިޔާދިނެވެ. އަހަރެން އަޑުއަހަން އިނީމެވެ. އޭރު އަހަރެންގެ ހިތް އުފަލުން އުދުހެނީއެވެ.

މާލެ ދާން ފުރަންވެގެން އަހަރެން ދޯންޏަށް އެރުވީ ވެސް އަޒާނެވެ. އޭނާ އިސްވެ އަމިއްލައަށް އައިސް އަހަންނަށް އެކަން ކޮށްދިނީއެވެ. މާލެ އާދެވެންދެން ވެސް އޭނާގެ ނަޒަރުތައް އަހަންނަށް ހުއްޓެމުން ދާކަން ފުރަތަމަ ފަހަރަށް އަހަންނަށް ފާހަގަ ކުރެވުނެވެ. އޭނާ ނުބަލާ އިންނާނެކަމަށް އަހަންނަށް ބަލައެއް ނުލެވެއެވެ. އެފަދަ ކޮންމެ ވަގުތަކު ހަތަރުކަޅި ބައްދަލުވެ ލުއި ހިނިތުންވުމެއް ބަދަލުކޮށްލެވެއެވެ. މާލެ އެރުމުން ގެއަށް ގެންގޮސްދެންތޯ ވެސް އަޒާން އަހަރެންގެ ގާތުގައި އެހިއެވެ. އަހަންނަކީ ނަސީބުވެރިއެކޭ އެވަގުތު ހިތަށްއެރިއެވެ.

އެކަކަށް ވެސް ނޭނގޭ ކަމަކީ ދަތުރު ނިންމާފައި އަހަރެން ގެއަށް އައީ އަޒާންގެ ސައިކަލު ފަހަތުގައެވެ. އޭނާއާ އެހާ ގާތުގައި އިންނަން ލިބުމުން އަހަރެންގެ ހިތުގެ ހިނގުން އަވަސްވިއެވެ. ހަމައެއާއެކު އޭނާގެ ގައިގާ ޖެހިދާނޭތީ ވެސް އިނީ އެހާ ޖެހިލުންވެފައެވެ. އެހެންވިޔަސް އުފަލުގެ ކޮޅެއްނެތެވެ. ގޭ ދޮރުމައްޗަށް އަހަރެން ފޭބުމާއެކު އަޒާން ދަނީއޭ ބުނެ އެ ހަދިޔާ ކުރި ޗާލު ހިނިތުންވުން ހީވީ ރުވާފައި ދޫކޮށްލި ތީރެއް ހެންނެވެ. އައިސް ހެރުނީ އަހަރެންގެ ހިތުގެ އެންމެ ފުނަށެވެ. އުފުރާ ނުލެވޭހާ ފުނަށް ވަދެގެން ހިނގައްޖެއެވެ. (ނުނިމޭ)