ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށް، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓަޑާއެކު، ވަރުގަދަ ޓީމުތައް ލީގް ކަޕްގެ ފައިނަލު ބުރަށް ދަތުރު ކޮށްފި އެވެ. އަދި ރޭ ޗެލްސީގެ މެޗުގައި އެޓީމުގެ މިޝީ ބަޓްޝުއާއީ ވަނީ ހެޓްރިކް ހަދާފަ އެވެ.
ބާޓަން އަލްބިއޯން އާ ދެކޮޅަށް، ޔުނައިޓަޑް ކާމިޔާބު ހޯދީ 4-1 ން ނެވެ. އެ ޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ މާކޯސް ރަޝްފާޑް އެވެ. ފުރަތަމަ ލަނޑުން އޭނާ ކާމިޔާބު ކުރީ މެޗު ފެށިގެން ފަސް ވަނަ މިނެޓް ގަ އެވެ. ދެ ވަނަ ލަނޑު މެޗުގެ 17 ވަނަ މިނެޓްގަ އެވެ.
ޔުނައިޓަޑްގެ ތިން ވަނަ ލަނޑު، 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖެސީ ލިންގާޑް އެވެ. ހަތަރަު ވަނަ ލަނޑު 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންތޮނީ މާޝިއަލް އެވެ. ބާޓަންގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޑަޔާ އެވެ.
ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު، ޗެލްސީ ކާމިޔާބު ކުރީ 5-1 ން ނެވެ. ޗެލްސީގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ މިޝީ ބަޓްޝުއާ އީ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ކެނެޑީ އާއި ޝާލީ މުސޮންޑާ އެވެ. ނޮޓީންހަމްގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ތަންޑިޔައި ޑަރިކްވާ އެވެ.
ޗެލްސީ އާއި ޔުނައިޓަޑަށް ފަސޭހަ މޮޅެއް ލިބުނު ނމަވެސް، އާސެނަލް އާއި މެންޗެސްޓާ ސިޓީއަށް ލިބުނީ އުނދަގޫ މޮޅެކެވެ. ޑޮންކާސްޓާ ރޯވާސް އަތުން އާސެނަލް މޮޅުވީ 1-0 ނެވެ. އެ ޓީމުގެ ހަމަ އެކަނި ލަނޑު ކަމިޔާބު ކުރީ ތިއޯ ވޮލްކަޓް އެވެ.
މެންޗެސްޓާ ސިޓީއަށް ޖެހުނީ، ވާދަވެރި އަނެއް ތިން ޓީމަށް ވުރެ އުނދަގޫ ޓީމެކެވެ. ވެސްޓްބްރޮމޮވިޗާ ދެކޮޅަށް ކުޅުނު މެޗު، ސިޓީ ކާމިޔާބު ކުރީ 2-1 ން ނެވެ. ސިޓީގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ލިއޮރީ ސަނޭ އެވެ. ވެސްޓްބްރޮމޮވިޗްގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ، ކްލައުޑިއޯ ޔާކޮބް އެވެ.
އެވަޓަންވެސް ވަނީ، ސަންޑަލޭންޑާ ދެކޮަޅަށް ކުޅުނު މެޗު 3-0 ން ކާމިޔާބު ކޮށްފަ އެވެ. ތިން ލަނޑުގެ ތރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޑޮމިނިކް ކަލްވާޓް ލުއިން އެވެ. އަނެއް ލަޏޑު ކާމިޔަބު ކުރީ ބައޭ އުމަރު ނަޔަސް އެވެ.
ފައިނަލު ބުރުގެ ގަދަ 16 ގައި، ޗެލްސީ ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. ޔުނައިޓަޑް ސްވަންސީ ސިޓީއާ ދެކޮަޅަށެވެ. އާސެނަލް އާއި ނޯވިޗް ސިޓީ އެވެ. މެންޗެސްޓާ ސިޓީ އާއި ވޯލްވާހެމްޓަން އެވެ. ޓޯޓެންހަމް ހޮސްޕާ އާއި ވެސްޓްހަމް ޔުނައިޓަޑެވެ. ލެސްޓާ ސިޓީ އާއި ލީޑްސް ޔުނައިޓަޑްގެ އިތުރުން ބޯންމައުތާއި މިޑްލްސްބަރާ އެވެ. ގަދަ 16 ގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.
ލީގް ކަޕްގެ ގަދަ 16 ގެ މެޗުތައް
އޭއެފްސީ ބޯންމައުތު - މިޑްލްސްބަރާ
އާސެނަލް - ނޯވިޗް ސިޓީ
ބްރިސްޓޯލް - ކްރިސްޓަލް ޕެލަސް
ޗެލްސީ - އެވަޓަން
ލެސްޓާ ސިޓީ - ލީޑްސް ޔުނައިޓަޑް
މެންޗެސްޓާ ސިޓީ - ވޯލްވާހެމްޓަން ވޮންޑަރާސް
މެންޗެސްޓާ ޔުނައިޓަޑް - ސްވަންސީ ސިޓީ
ޓޮޓެންހަމް ހޮސްޕާ - ވެސްޓްހަމް ޔުނައިޓަޑް