ހަބަރު

"ރިލްވާން މައްސަލާގައި ދައުވާ ލިބޭ މީހުން ދޫވެފައި ތިބުމުން ކަންބޮޑުވޭ"

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ލިބޭ ދެ މީހުން ދޫކޮށްލާފައި ތިބުމުން ކަންބޮޑުވާ ކަމަށް ރިލްވާންގެ އާއިލާއިން މިއަދު ބުނެފި އެވެ.

ރިލްވާންގެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން އަދި ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އޭގެ ތެރެއިން އާލިފާއި ނޫރައްދީން ހުރީ މުޖުތަމައުގެ ތެރޭގަ އެވެ. އިއްޔެ އެމީހުން ކޯޓަށް ހާޒިރުވެފައިވަނީ ވެސް އަމިއްލައަށެވެ.

މި މައްސަލާގައި ތިން މީހުން ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ކޯޓުން ވަނީ ހެކި ނެތް ކަމަށް ބުނެ އެމީހުން ދޫކޮށްލާފަ އެވެ. ކޯޓުން ދޫކޮށްލުމާއެކު ސުއައިދު ވަނީ ރާއްޖެއިން ފުރާފަ އެވެ. އޭނާ ސިރިޔާގައި މަރުވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ.

ރިލްވާންގެ އާއިލާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޓެރަރިޒަމްގެ ކުށަކީ ނުރައްކާތެރި ކުށަކަށްވާއިރު އެފަދަ އެހެން މައްސަލަތަކުގައި ދައުވާ ލިބޭ މީހުންނާމެދު އަމަލުކުރާ ގޮތަށް އެމީހުންނާ ދޭތެރޭ އަމަލުނުކުރާ ކަމަށެވެ. އެކަމަކީ ކޯޓުތަކާއި ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ރިލްވާންގެ އާއިލާއިން އިތުރަށް ބުނީ، މައްސަލާގެ ޝަރީއަތް ފެށިއިރު އާލިފާއި ނޫރައްދީން ދޫކޮށްލާފައި ތިބުމަކީ އެމީހުން ފިލުމުގެ ފުރުސަތާއި މައްސަލާގެ ހެއްކކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. އާންމު ގޮތެއްގައި ޝަރީއަތް ފަށާއިރު ދޫކޮށްލާފައި ތިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ބޮޑެތި މައްސަލަތަކުގައި ދައުލަތުން އެދެ އެވެ. ނަމަވެސް އިއްޔެ ރިލްވާން މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އެގޮތަށް އެދިފައެއް ނުވެ އެވެ.

ރިލްވާން ގެއްލުވާލައި، ދެން އޭނާއާމެދު އަމަލުކުރި ގޮތުގައި ހަމައެކަނި އެ ތިން މީހުން ޝާމިލުވާ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެކަމުގެ ފަހަތުގައި ތިބި ބައެއް އަދިވެސް ހޯދިފައިނުވާކަން އާއިލާއިން ފާހަގަކުރި އެވެ. އާއިލާއިން ބުނީ، ރިލްވާން މައްސަލާގައި ހުރި ކަންބޮޑުވުންތަކަށް ސަމާލުކަން ނުދެއްވިއްޖެނަމަ އިންސާފުވެރި ޝަރީއަތެއް ކުރެވި ރިލްވާނާއި އާއިލާއަށް އިންސާފު ނުލިބި ހިނގައިދާނެ ކަމަށެވެ.

ރިލްވާން ގެއްލުނު މައްސަލާގެ ތަހުގީގު މިހާތަނަށްވެސް ފުރިހަމަނުވާ އިރު މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ރިލްވާންގެ ތަހުގީގާ ގުޅޭ ބައެއް ވީޑިއޯތައް އާންމު ކޮށްފަ އެވެ. އަދި އެ ވީޑިއޯތަކަށް ބިނާކޮށް ފުލުހުން ބުނެފައި ވަނީ ރިލްވާން އަށް އެރޭ ދެ މީހަކު ފާރަލީ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކާރެއްގައި ހުރި އިސްތަށިން ހޯދުނު ޑީއެންއޭ ރިލްވާންގެ ޑީއެންއާއާ ދިމާވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.