ދުނިޔެ

ރޯހިންޔާއަށް އެހީވާން އުޅުނު ރެޑްކްރޮސްގެ ޓީމަށް ބުޑިސްޓުން ހުރަސް އަޅައިފި

މިޔަންމާގެ ރަޚާން ސްޓޭޓުގައި ހާލުގައި ޖެހިފައި ތިބި ރޯހިންޔާ ދަރިކޮޅުގެ މީހުންނަށް އެހީގެ ތަކެތި ހިފައިގެން ދާން އުޅުނު އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ)ގެ ޓީމަކަށް މިޔަންމާގެ ބުޑިސްޓު އާއްމުންގެ ބަޔަކު ހުރަސް އަަޅައި ހަމަނުޖެހުން ހިންގައިފިއެވެ.

ބީބީސީ ބުނީ ބުޑިސްޓުންގެ ބަޔަކު ހުރަސް އެޅީ ރަޚާން ސްޓޭޓްގެ ވެރިރަށް ސިއްތިވާ އިން ބޯޓަކަށް މުދާ ބަރުކޮށްގެން ފުރަން އުޅުނު އައިސީއާރްސީގެ ބަޔަކަށް ކަމަށެވެ. މިޔަންމާ ސަރުކާރާ ހަވާލާދީ ބީބީސީން ބުނީ އެހީދޭ މީހުންނާ ދެކޮޅަށް ނުކުތް މީހުން ތިބީ ވަރަށް ރުޅި އައިސްފައި ކަމަށާއި އެމީހުން ޕެޓްރޯލް ބޮން ވެސް އުކި ކަމަށެވެ. އެމީހުން ހުއްޓުވައި އެތަނުން ފޮނުވައިލީ މިޔަންމާ ފުލުހުން ކަމަށް ވެސް ބުންޏެވެ.

އައިސީއާރްސީގެ ތަރުޖަމާނު ބުނީ ހާދިސާއެއް ހިނގި ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ތަފުސީލެއް ނުދެއެވެ. އޭނާ ބުނީ މައްސަލަ ހައްލުކުރީ ވާހަކަ ދައްކައިގެން ކަމަށާއި ގެންދާ އެހީއަކީ އެހީ ބޭނުންވާ ހުރިހާ އެންމެނަށް ވެސް ދޭން ގެންދާ އެހީ ކަމަށް ބުނުމުން އާއްމުން ހުރަސް އެޅުން ހުއްޓައިލި ކަމަށެވެ.

މިޔަންމާގެ ފަރާތުން އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވި އެގައުމުގެ ނައިބު ރައީސް ހެންރީ ވާން ތިއޯ ވިދާޅުވީ ރަޚާން ސްޓޭޓުގެ ހާލަތު މިހާރު ކުރިއަށް ވުރެެ ރަނގަޅު ވެފައިވާ ކަމަށެވެ. ނަމަވެސް އެތަނުގައި ހަމަނުޖެހުން ފެށުނީ ކިހިނެތް ކަމެއްް ނޭނގޭ ކަމަށާއި ރޯހިންޔާ މީހުންގެ ތެރެއިން ގައުމު ދޫކޮށް ދިޔަ މީހުންނަށް ވުރެ ގިނައީ ނުދާ މީހުންކަމަށް ސަރުކާރުން ބުނާ ބުނުން އޭނާ ތަކުރާރު ކުރެއްވިއެވެ.

ވާން ތިއޯ އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ވަޑައި ގެންނެވީ ލީޑަރު އަންސަން ސޫކީ ވަޑައި ނުގެންނެވުމުންނެވެ. އދ.ގައި ތަގުރީރު ކުރައްވަން ސޫކީ ވަޑައި ނުގެންނެވީ ގައުމުގެ ކަންތައްތައް ހަމަ ޖައްސަވަން ކަމަށް އޭނާގެ ޕާޓީން ކުރިން ބުންޏެވެ. ސޫކީ ވަނި ގައުމުގައި ހުންނަވައިގެން ، ބައިނަލް އަގުވާމީ މުޖުތަމައަށް އަމާޒުކޮށް އަންގާރަ ދުވަހު ތަގުރީރެއް ކުރައްވާފައެވެ.

ގޮތް ދޫނުކުރައްވައި އަމިއްލަފުޅު ރައުޔު ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ސޫކީ ވިދާޅުވީ ރަޚާން ސްޓޭޓު ހާލަތަށް ރިއާޔަތްްކޮށް އޭނާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ބައިނަލް އަގުވާމީ މުޖުތަމައުން ދަންނަން ޖެހޭނެ ކަމަށެވެ.

ރަޚާން ސްޓޭޓްގައި ހިންގާ އިންސާނީ ހައްގުތައް ނަގައިލުމުގެ ހުރިހާ އަމަލެއް ކުށްވެރިކުރައްވާ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ހުރިހާ ފަރާތްތަކެއްް ވެސް ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ތަގުރީރަކީ އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަން ވަޑައި ނުގެންނެވުމުން ދެއްވި ތަގުރީރެއް ކަމަށް ސޫކީ ވިދާޅުވި އެވެ.

އަންސަން ސޫކީ ކުރިއްސުރެ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރަޚާން ސްޓޭޓުގައި މިޔަންމާ ސިފައިން ހިންގަމުންދާ އޮޕަރޭޝަން ތަކަކީ ހަނގުރާމަވެރިން ބަލި ކުރުމަށް ހިންގާ ކަންތައްތަކެއް ކަމަށެވެ. ނަމަވެސް އެއީ އިތުރުފުޅެއްކަން މާކުރިން ވެސް ވަނީ ހާމަވެފަ އެވެ. އެގޮތުން ރޯހިންޔާ ދަރިކޮޅުގެ އާއްމުން މަރައި ގެދޮރު އަންދައި އަންހެނުންގެ އިއްފަތްތެރިކަން ނަގައިލުން ފަަދަ އެތައް ޖަރީމާތަކެއްގެ މިޔަންމާ ސިފައިން ހންގާ ކަމަށް އދ. އިން މިދިޔަ އަހަރުވެސް ބުންޏެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 300000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގައެވެ.