ލައިފްސްޓައިލް

ޝީލާގެ ހެދުންތައް އަލަމާރިއަށް ނުލައި ހަދިޔާ ކުރަނީ!

މިއީ އާންމުކޮށް ވަރަށް ގިނަ އަންހެނުންގެ އާދަ އެކެވެ. ރައްޓެހިންގެ އުފަންދުވަހުގެ ޕާޓީ ތަކަށާއި ރަން ކިއުމުގެ ހަފްލާތަކަށާއި، ކައިވެނި ޕާޓީތަކަށް އަދި އޮފީހުގެ ހާއްސަ ހަފްލާތަކަށް ހެދުން ފެހުމާއި އެ ތަކެތި އެއްކޮށްފައި ބެހެއްޓުމެވެ. ކޮންމެ ހެދުމަކަށް ގަހަނާ ތަކާއި، ކްލަޗާ އަދި ފައިވާން ގަތުމަކީވެސް އާދަ އެކެވެ. މާލޭގައި ދިރިއުޅެން ޖެހޭ ކުޑަކޮޓަރި ގަނޑުގައި ހުންނަ އަލަމާރީގެ ބޮޑު ބަޔަކުން އެ ހެދުންތަކަށް ޖާގަ ދޭން ޖެހުނަސް އެއްވެސް މައްސަލައެއް ނެތެވެ.

އާންމު މީހުންނަށްވުރެ ފިލްމީ ތަރިންނާއި އެހެނިހެން ދާއިރާތަކުގައި ވެސް މަގުބޫލު، މަޝްހޫރު މޫނުތަކަކީ މިފަދަ ގިނަ ހެދުންތަކާއި ގަހަނާތަކުގެ ވެރިންނެވެ. ގިނަ މީހުން ހަނދާނުގެ ގޮތުގައި އެ ތަކެތި ބަހައްޓަ އެވެ. އަދި ދެ ވަނަ ފަހަރަށް ބޭނުން ނުކުރިއަސް ކުރަން ޖެހިދާނެ ކަމަށް ބަލައިގެން ގެންގުޅެ އެވެ. ރައްޓެއްސަކު ނުވަތަ އާއިލާ މީހަކު ބޭނުންކުރަން އެ ތަކެތި ދިން ނަމަވެސް ގިނަ މީހުން އަނބުރާ ހޯދަ އެވެ.

އެހެން ނަމަވެސް ފިލްމީ ތަރި ޝީލާ ނަޖީބު ވަރަށް ތަފާތެވެ. ފިލްމުތަކާއި ހާއްސަ ހަފްލާތަކުގައި ޝީލާ ބޭނުންކުރާ ހެދުންތައް އެއްކޮށްފައި ބެހެއްޓުމަކީ ޝީލާގެ އާދައެއް ނޫނެވެ. ޝީލާގެ ހެދުންތަަކަކީ ސިމްޕަލް، ރީތި ހެދުންތަކަކަށްވެފައި އެހެން މީހުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ފަހާފައި ހުންނަ ހެދުންތަކަކަށް ވާތީ އެ ހެދުންތައް އަަވަހާ އެހެން މީހުންނަށް ދެނީ އެވެ.

އެއީ އަބަދުވެސް ޝީލާ ކަންތައް ކުރާ ގޮތެވެ. ގާތް ރައްޓެހިންނާއި އާއިލާ މީހުންގެ އިތުރުން ނުދަންނަ މީހަކު ބުންޏަސް އެ ހެދުމެއް ޝީލާ ދެ އެވެ. އަނބުރާ އެ ހެދުންތައް ހޯދުމަކީ ޝީލާއަށް މުހިންމު ކަމެއް ނޫނެވެ. އޭނާގެ ފަރާތުން އެހެން މީހަކު އުފާވާ ކަމެއް ކޮށްދެވޭތީ ޝީލާ ހުންނަނީ އުފަލުންނެވެ.

"މީހުން ބުނާނެ ނަމޫނާ އަކަށް ދީބަލާށޭ މިވެނި ހެދުމެއް، ޝީލާ ދެން ހަމަ، ވަރަށް ފަހުންވެސް ނުވެސް ދަންނަ ކުއްޖެއް ގުޅާލާފަ ބުނެފި އެވެނި ހެދުމެއް ދީބަލާށޭ ނަމޫނާއަކަށް، ކޮންމެވެސް ރަށެއްގައި ހުރި ކުއްޖެއް އެއީ، ޝީލާ އެހެދުން ފޮނުވައި ދިނިން،"

"ވަރަށް އުފާވެސްވޭ އެގޮތަށް މީހުންނަށް ޝީލާގެ ފަރާތުން އެހީއެއް ވެވޭތީ، އަނެއްކޮޅުން އެ ބަހައްޓާނެ ތަނެއް ވެސް ހުންނަނީކީ ނޫން، މާލޭގައި ތަންކޮޅު މާބޮޑެއް ނޫން ވިއްޔަ، އޮފީހުން ވަކިވެފައި ވެސް އޭރު ގެންގުޅުނު ދަބަސްތަކާއި އެއްޗެހި ދިނީ އެކި މީހުންނަށް، ބައެއް ފަހަރަށް ޝީލާ ކައިިރިއަށް ހެދުމެއް ހޯދަން އައީމަ އިތުރަށް ހެދުން ދޭންވެސް ދެން، ގާތް މީހުން ވަރަށް ކިޔާނެ އެވާހަކަ،" ޝީލާ ކިޔައިދިނެވެ.

ޝީލާ ފިލްމީ ދާއިރާގައި ވިދާލާފައިވަނީ 1999 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ގިނަ ފިލްމުތަކާއި ޑްރާމާތައް އަދި ލަވަތައް ކުޅެފަ އެވެ. ޝީލާގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ޒުލޭހާ، ޔޫސުފް، 4426، ހެޔޮ ނުވާނެ، އާނ އަހަރެންވެސް ލޯބިވިން ހިމެނެ އެވެ. އަދި "ތިއޭ މިހިތުގެ ވިންދަކީ" އަކީ ޝީލާގެ މަގުބޫލުކަން އެތައް ގުނައަކަށް ގެންގޮސްދިން ޑްރާމާ ސިލްސިލާ އެކެވެ.