އދ.ގެ އާއްމު މަޖިލީހުގައި އެމެރިކާގެ ރައިސް ޑޮނަލްޑް ޖޭ ޓްރަމްޕް ދެއްވި ފުރަތަމަ ތަގުރީރުގައި 'އުތުރު ކޮރެއާ މުޅިން ފަނާކޮށްލަފާނެ' ކަމަށް ވިދާޅުވުމުން އުތުރުން އެ ތަގުރީރަށް ވަރަށް ބޮޑަށް މަލާމާތްކޮށްފިއެވެ.
އދ. ގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުުޔޯކަށް ވަޑައިގެން އުޅުއްވަމުން ދެއްވި އިންޓަވިއުއެއްގައި އުތުރުކޮރެއާގެ ފޮރިން މިނިސްޓަރު ރީ ޔޮން ހޯ ވިދާޅުވީ ޓްރަމްޕްގެ ތަގުރީރު އަޑު އިވުނީ 'ކުއްތާއެއްގެ ވައްވައް ޖެހުމެއް' ގެ ގޮތުގައި ކަމަށެވެ.
"ކުއްތާއެއް ވައްވައް ޖަހާ އަޑުން އަހަރެމެން ބިރު ގެންނެވޭނެ ކަމަށް އޭނާ ހީކުރަންޏާ އޭނާއަށް ހަގީގަތުގައި ވެސް ކުއްތާއެއް ގެ ހުވަފެނެއް،" ރީ ވިދާޅުވި ކަަމަށް ސީއެންއެންގެ ހަބަރުގައި ވެއެވެ.
އުތުރުކޮރެއާގައި 'ކުއްތާއެއްގެ ހުވަފެނެއް' ކަމަށް ބުނަނީ މާނައެއް ނެތް ކަމު ނުދާ ވިސްނުންތަކަށެވެ.
އދ. އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ އެމެރިކާ ނުވަތަ އެގައުމުގެ ބައިވެރިން ދިފާއު ކުރުމަށް މަޖުބޫރު ކުރާނަމަ (ދިފާއު ކުރުމަށް ބާރުގެ ބޭނުންކުރަން މަޖުބޫރު ކުރުވާ ނަމަ) އުތުރުކޮރެއާ މުޅިން ފަނާކޮށްލުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށެވެ.
ޓްރަމްޕުގެ އެވާހަކަފުޅަކީ އެމެރިކާގެ ހަތުރަކާ ދެކޮޅަށް ދެއްކި ވާހަފުޅަކަށް ވިޔަސް ވާހަކަފުޅުގެ ހަރުކަށި ކަމާ ހެދި އެމެރިކާގެ އެތެރެއިން ވެސް އެވާހަކަފުޅަށް ފާޑުކިއުންތައް އަމާޒުވިއެވެ. އދ.ގެ އާއްމު މަޖިލީހުގައި ޓްރަމްޕް ތަގުރީރު ކުރެއްވި އިރު އުތުރުކޮރެއާގެ ޑިޕްލޮމޭޓުން އެ ތަނުގައި ވަޑައިގެން ނޫޅުއްވައެވެ.