ބޮލީވުޑް

ކާމިޔާބު ފިލްމަކަށް ޝާހްރުކް ކެތްމަދުވެފައި

ސުޕަސްޓާ ޝާހްރުކް ޚާން މިފަހުން ކުޅުނު ގިނަ ފިލްމުތަކަށް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ނުލިބެ އެވެ. ޝާހްރުކް ފަދަ ބޮޑު ތަރިއެއްގެ ފިލްމަކަށް އެހާ ފަޑު ތަރުހީބެއް ލިބޭނަމަ އެކަމާ އެންމެ ބޮޑަށް ހާސްވެ ކަންބޮޑުވާނެ މީހަކަށް ވާނީ ހުދު އޭނާ އެވެ.

ޝާހްރުކަށް ވުރެން އެތަކެއް އަހަރެއް ޒުވާން ގިނަތަރިންނެއް އޭނާ އަށް ވުރެން ބޮކްސް އޮފީހުގެ ރޭހުގައި ވަނީ ފާއިތުވެ ދެތިން އަހަރު މާ ކުރި ހޯދާފަ އެވެ. މީގެއިތުރުން ޝާހްރުކާ އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ އެހެނަސް އެންމެ ގާތް ދެ ސުޕަސްޓާރުން ކަމަށްވާ ސަލްމާން ހާން އާއި އާމިރް ހާން މިފަހަކަށް އައިސް ބޮކްސް އޮފީހުގައި ކުރަނީ ރަސްކަމެވެ. އެ ދެތަރިންގެ ކޮންމެ ފިލްމަކަށް ލިބޭ އާމްދަނީ އުޅޭނީ 200 ކްރޯޑުން މަތީގަ އެވެ.

ފުލުފުލުގައި ނިކުތް ފިލްމުތަކަށް ބޮޑު ކާމިޔާބީއެއް ނުލިބުމުން އެކަމާ ކަންބޮޑުވެގެން ޝާހްރުކް ވަނީ ދެން އެންމެ އަވަހަށް އޭނާގެ ރިލީޒްވާ ފިލްމަށް ބޮކްސް އޮފީހުގައި ކާމިޔާބު ހޯދަން އަތުކުރި އޮޅާލާފަ އެވެ. ކާމިޔާބު ފިލްމެއް ކުޅެން ކެތްމަދުވެފައި ހުރި ޝާހްރުކް ވަނީ އޭނާ މިހާރު ކުޅެމުން އަންނަ އާނަންދް އެލް ރާއީގެ ޑްވާފް ފިލްމު ރިލީޒްކުރާ ދުވަހު އެހެން ފިލްމެއް ޕްރިމިއާ ނުކުރާނެ ތާރީހެއް ހޯދަން ނިންމައިފަ އެވެ. މާނަޔަކީ ޝާހްރުކްގެ ފިލްމު ރިލީޒްކުރާ ދުވަހު އެހެން އެކްޓަރެއްގެ ފިލްމެއް ރިލީޒެއްނުވާނެ އެވެ. އޭނާގެ ފިލްމަކީ އެ ދުވަހު ރިލީޒްކުރާނެ ހަމައެކަނި ފިލްމެވެ. މިހެން ހެދުމުން އިތުރު ފިލްމެއްގެ ވާދަވެރިކަން ނެތި އޭނާގެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުމުގެ ފުރުސަތު އޮންނާނެތީ އެވެ.

އެގޮތުން ޑައިރެކްޓަަރު އާނަންދު އާއި ޝާހްރުކް މިހާރު އަންނަނީ އެމީހުންގެ ފިލްމު ރިލީޒްކުރަން ރަނގަޅު ދުވަހެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ޝާހްރުކްގެ އެންމެފަހުން ނިކުތް ފިލްމު "ފޭން" އާއި "ރައީސް" އަދި "ޖަބް ހެރީ މެޓް ސޭޖަލް" އަށް ލިބިފައިވަނީ ފަޑު ތަރުހީބެކެވެ. އަދި އޭގެކުރިން ނިކުތް "ދިލްވާލޭ" ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" އާ ވާދަކޮށް ވަނީ ބަލިވެފަ އެވެ.

ކުރިން ޝާހްރުކްގެ ފިލްމެއް ރިލީޒް ކުރާ ދުވަހު އެހެން ތަރިންގެ ފިލްމުތައް ރިލީޒްކުރަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފަސްޖެހެ އެވެ. ނަމަވެސް މިފަހަކަށް އައިސް އޭނާގެ ފިލްމުތަކަށް މާބޮޑު ތަރުހީބެއް ނުލިބޭތީ އެއްވެސް ތަރިޔަކު ޝާހްރުކްގެ ފިލްމާ ކުރިމަތިލުމަކަށް ދާން ބިރެއްނުގަނެ އެވެ.