ބޮލީވުޑް

"އޭބީސީޑީ 3" ގައި ވެސް ވަރުން

ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ ޑާންސް ފެރެންޗައިޒް ފިލްމު "އޭބީސީޑީ 2" ގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބާ އެކު "އޭބީސީޑީ 3" އުފައްދާނެ ދުވަހަކަށް ބެލުންތެރިން އިންތިޒާރުކުރަން ފެށި އެވެ.

އެންމެފަހުން ޑައިރެކްޓަރު ރެމޯ މިވަނީ "އޭބީސީޑީ 3" ގައި ވެސް ފެނިގެންދާނީ ވަރުން ކަން ޔަގީންކޮށްދީފަ އެވެ. ރެމޯ މިކަން ޔަގީންކޮށްދީފައިވަނީ އަންނަ ހަފްތާގައި ރިލީޒްކުރާ ވަރުންގެ ފިލްމު "ޖުޅްވާ 2" ޕްރޮމޯޓްކުރުމަށް ރެމޯގެ ޑާންސް ޝޯ އަށް ދިއުމުންނެވެ.

ޑާންސްގެ މައްޗަށް އުފައްދާ އިތުރު ފިލްމެއް ކުޅެން ޝައުގުވެރިވާ ކަމަށް ވަރުން ބުނުމުން ރެމޯ ވަނީ "އޭބީސީޑީ 3" ގައި ވެސް ވަރުން ފެނިގެންދާނެ ކަމުގެ އުފާވެރި ހަބަރު ހިއްސާކޮށްފަ އެވެ.

މިވަގުތު އެ ފިލްމާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ހިއްސާކުރަން ރެމޯ ބޭނުންވާއިރު އޭނާ ވަނީ ވަރުން އާއެކު މި ސިލްސިލާގެ ކުރީ ދެ ފިލްމުން ވެސް ފެނިގެން ގޮސްފައިވާ ނެށުންތެރިން ކަމަށްވާ ދަރްމޭޝް އާއި ރާގަވް ޖުޔަލް އަދި ޕުނީތް ޕަތަކް ފެނިގެންދާނެ ކަމަށް ބުނެފަ އެވެ.

މި ފަހުން ވަނީ "އޭބީސީޑީ 3" ގެ ލީޑްރޯލުން ސަލްމާން ޚާން ފެނިގެންދާނެ ކަމުގެ އަޑުތަކެއް ވެސް އަރާފަ އެވެ. ނަމަވެސް ރެމޯ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އޭބީސީޑީ" ސިލްސިލާގެ ފިލްމުތައް ޑައިރެކްޓްކުރަން ފެށި ރެމޯ އަށް މިހާރު އެހެން ޕްރޮޑިއުސަރުންގެ ފިލްމުތައް ވެސް ޑައިރެކްޓްކުރުމުގެ ފުރުސަތު އަންނަނީ ލިބެމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ޑައިރެކްޓްކުރަން ފަށާ ފިލްމަކީ ސަލްމާން ލީޑްރޯލުން ފެނިގެންދާ "ރޭސް 3" އެވެ.