ކުޅިވަރު

ކޮސްޓާ އެނބުރި އެޓްލެޓިކޯއަށް

ޗެލްސީއާއި އެޓްލެޓިކޯ މެޑްރިޑް އެއްބަސްވުމަކަށް އައިސް ޑިއޭގޯ ކޮސްޓާ އެޓްލެޓިކޯއަށް ބަދަލުވެއްޖެ އެވެ. ކޮސްޓާ އަނބުރާ އެޓްލެޓިކޯއަށް ގެނައުމަށް އެޓީމުންވަނީ 55 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. ކޮސްޓާ ޗެލްސީ ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި މިވަނީ ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޯންޓޭއާއި މައްސަލަޖެހުމާ ގުޅިގެންނެވެ.

މިއަހަރުގެ ސީޒަން ފުށުމުގެ ކުރިން ކޮންޓޭ ވަނީ މެސެޖަކުން ކޮސްޓާއަށް މިއަހަރުގެ ޗެލްސީ ޓީމްގެ ފުރަތަމަ 11 އިން ކޮސްޓާއަށް ޖާގައެއް ނުލިބޭނެކަމަށް ބުނެފަ އެވެ. މިއާއެކު ކޮސްޓާ ވަނީ ޗެލްސީގެ ފަރިތަކުރުން ތަކުގައި ބައިވެރިވުން ހުއްޓާލައި އޭނާ ވިއްކާލުމަށް އެދިފަ އެވެ. އަދި ސީޒަން ފެށިގެން ގިނަ ދުވަސްތަކެއް ވޭތުވެދިޔައުރު ކޮސްޓާ އޭނާގެ ދުވަސްތަށް ހޭދަކޮށްފައިވަނީ އޭނާގެ އުފަން ގައުމު ބްރެޒިލްގަ އެވެ.

އެޓްލެޓިކޯ މެޑްރިޑުން ޗެލްސީއާއި 2014 ވަނަ އަހަރު ގުޅުނު ކޮސްޓާވަނީ ޗެލްސީއަށް 120 މެޗު ކުޅެދީ 58 ގޯލް ކާމިޔާބުކޮށްދީފަ އެވެ. މިދިޔަ ޕްރިމިއާ ލީގް ސީޒަންގައި ކޮސްޓާ ވަނީ 20 ގޯލް ކާމިޔާބުކޮށްދީ ޗެލްސީ ލީގު ކާމިޔާބުކުރިމުގައި މުލިންމު ދައުރެއް އަދާކޮށްފަ އެވެ.

އެޓްލެޓިކޯ މެޑްރިޑްއަށް 2010 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް ކުޅެދީފައިވާ ކޮސްޓާ ވަނީ 94 މެޗުން އެޓްލެޓިކޯއަށް 43 ގޯލް ކާމިޔާބުކޮށްދީފަ އެވެ.

މިފެށޭ ހަފްތާގެ ތެރޭގައި ކޮސްޓާ އެޓްލެޓިކޯއާއެކު ކޮންޓްރެކްޓުގައި ސޮއިކުރާނެ އެވެ. ނަމަވެސް އޭނާއަށް އެޓްލެޓިކޯ މެޑްރިޑްއަށް ކުޅެވޭނީ މިއަންނަ އަހަރު ޖެނުއަރީ ޓްރާސްފާ ހުޅުވުމުން އޭނާ ޓީމް ލިސްޓުގައި ހިމެނުމަށްފަހު އެވެ.