ބޮލީވުޑް

ރަންބީރާ މާހިރާއާ ދެމެދު ކޮން ގުޅުމެއް؟

ޒުވާން އެކްޓަރު ރަންބީރު ކަޕޫރާއި ބަތަލާ ކެޓްރިނާ ކައިފާ ދެމެދު އޮތް ހަ އަހަރުވީ ލޯބީގެ ގުޅުން ނިންމާލިތާ އަންނަ ޖެނުއަރީއަށް ދެ އަހަރު ފުރޭނެ އެވެ. ކައިވެންޏާ ހަމައަށް ގޮސްފައި އޮތް އެ ގުޅުން ނިމުމަކަށް އައީ ކީއްވެގެން ކަން މިހާތަނަށް ވެސް ހާމަކޮށްފައެއްނުވެ އެވެ.

ރުޅިވި ފަހުން ކެޓްރީނާ އާއި ރަންބީރު އެކުގައި ކުޅުނު ފިލްމު "ޖައްގާ ޖާސޫސް" ވެސް މި އަހަރުގެ ޖޫން މަހު ވަނީ ރިލީޒްކޮށްފަ އެވެ.

ރަންބީރާއި ކެޓްރިނާގެ ލޯބީގެ ގުޅުން ނިމުނު ފަހުން ރަންބީރުގެ ހަޔާތަށް އެހެން ބައިވެރިން އައި ކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން އަޑުއިވެ އެވެ. އާއިލާއިން ހޯދި ބައިވެރިއަކާ ރަންބީރު ކައިވެނި ކުރަން ތައްޔާރުވެ އެ އަންހެން ކުއްޖާގެ އާއިލާއާ ބައްދަލު ކުރަން ނިއުޔޯކަށް ދިޔަ ކަމުގެ ވާހަކަތައް ދެކެވިފަ އެވެ.

ނަމަވެސް ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ރަންބީރު މިހާރު ނިއުޔޯކަށް ގޮސްގެން އުޅެނީ އޭނާގެ އާ ލޯބިވެރިޔާއާ ބައްދަލު ކުރާށެވެ. އެއީ ކާކުކަން މީޑިއާތަކަށް ނޭނގި އޮތް ނަމަވެސް އިއްޔެ ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން އެނގޭ ގޮތުގައި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާނާ އެވެ.

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ބޮލީވުޑަށް ތައާރަފުވެފައިވަނީ ސުޕަސްޓާ ޝާހްރުކް ޚާނާއެކު މިއަހަރުގެ ޖެނުއަރީ މަހު ނިކުތް "ރައީސް" އިންނެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ހޫނުވެ ޕާކިސްތާނުގެ ތަރިން ބޮލީވުޑްގައި މަސައްކަތް ކުރުން މަނާ ކުރުމުގެ ސަބަބުން މާހިރާ އަށް "ރައީސް" ޕްރޮމޯޓް ކުރަން އިންޑިއާއަށް އާދެވޭ ގޮތް ނުވި އެެވެ.

މާހިރާ އާއި ރަންބީރު ފުރަތަމަ ބައްދަލުވެފައިވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ދުބާއީގައި ކުރިއަށް ދިޔަ ގްލޯބަލް ޓީޗާ ޕްރައިޒް ގާލާގެ ތެރެއިންނެވެ. އެ ހަފްލާގެ ރެޑްކާޕެޓުގައި ރަންބީރާއި މާހިރާ ހިނގާލި ފަހުން އެ ދެ ތަރިންގެ ޖޯޑު ބެލުންތެރިންގެ މެދުގައި އިސާހިތަކު ހިޓްވެގެން ދިޔަ އެވެ.

ބުނެވޭ ގޮތުގައި ދުބާއީގައި ގްލޯބަލް ޓީޗާ ޕްރައިޒް ގާލާއިން ބައްދަލުވުމުގެ ކުރިން ވެސް ރަންބީރާއި މާހިރާ އެކަކު އަނެކަކު ދަނެ އެވެ. މި ދެތަރިންގެ މެދުގައި އެކުވެރިން ބަދަހިވީ ރަންބީރާއެކު "އޭ ދިލްހޭ މުޝްކިލް" ގައި ފެނިގެންދިޔަ ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާންގެ ސަބަބުންނެވެ. ފަވަދް އާއި މާހިރާ ވަނީ އެކުގައި "ހަމްސަފަރް" ކިޔާ ޕާކިސްތާނު ޓީވީ ޝޯއެއް ކުޅެފަ އެވެ. "އޭ ދިލްހޭ މުޝްކިލް" ގެ ޝޫޓިން ތެރެއިން ފަވަދް މެދުވެރިވެގެން ރަންބީރާއި މާހިރާ ބައްދަލުވެފައިވާ ކަމަށްވެ އެވެ.

އޭރުން ފެށިގެން އޮތް އެކުވެރިކަން ފައްކާވެގެން ގޮސްފައިވަނީ މާޗް މަހުގައި އަލުން ދުބާއީ އިން ދިމާވުމުންނެވެ. އަދި މިހާރު އެކުގައި ނިއުޔޯކްގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، ބުރާސްފަތި ދުވަހުގެ ރޭ އާންމުވި ފޮޓޯތަކުން މި ދެތަރިންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތްގުޅުމެއްކަން އެނގެ އެވެ. ނިއުޔޯކްގެ ހޮޓަލެއްގެ ބޭރުގައި ރަންބީރާއި މާހިރާ އެކުގައި ސިނގެރެޓް ބޯން ތިއްބާ ނަގާފައިވާ އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން ތިބެނީ ވަރަށް ހަމަޖެހިގެންނެވެ.

ރަންބީރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި އޭނާގެ ފެނިގެންދާ ގޮތަށް ވަރަށް ކެޝުއަލްކޮށް ހެދުން އަޅާފައިހުރިއިރު، މާހިރާ ލައިގެން ހުންނަނީ ހުދުކުލައިގެ ކުރު ހެދުމެކެވެ. އެއްވެސް މޭކަޕެއްނެތި ވަރަށް އާދައިގެ ގޮތަކަށް އިސްތަށިގަނޑު އައްސައިގެން މާހިރާ ރަންބީރާއެކު ސިނގެރެޓް ބޯން އިންނަނީ ހޮޓަލުގެ ބޭރުގައި ހުންނަ ފާރުބުރިއެއްގެ މަތީގައި އިށީންދެގެންނެވެ.

މި ފޮޓޯތަކުން މި ދެތަރިންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތްކަން ޔަގީން ނުވިޔަސް ވަރަށް ވަރުގަދަ ގުޅުމެއް އެމީހުންގެ މެދުގައި އޮންނަ ކަމަށް ހަަބަރުތައް ބުނެ އެވެ.

މި ދެތަރިން އެކުގައި ސިނގެރެޓް ބޯން ތިބި ފޮޓޯތައް އާންމުވުމުން ބައެއް ފަރާތްތަކުން ވަނީ މާހިރާ އަށް އިންތިހާ އަށް ފާޑުކިޔާފަ އެވެ.

ބޮލީވުޑުގައި ފިޔަޖަހާލާނެ ފުރުސަތެއް މާހިރާ އަށް ނުލިބުނަސް އޭނާއަކީ މާޝްހޫރު ބަތަލާ އެކެވެ. ރަންބީރަށް ވުރެން ދެ އަހަރު ހަގު މާހިރާ އަކީ ކައިވެންޏެއްކޮށް ވަރިވެފައިވާ މީހެކެވެ. އެ ކައިވެންޏަށް ވަނީ އަށް އަހަރުުގެ ފިރިހެން ކުއްޖަކު ވެސް ލިބިފަ އެވެ.