މެލޭރިއާއަށް ފަރުވާކުރުމަށް އާއްމުކޮށް ބޭނުންކުރާ ބޭސްތަކަށް ނުގުޑާ ' ސުޕަ މެލޭރިއާ' ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ފެތުރެމުން އެބަ ދާކަމަށާއި އެއީ މުޅި ދުނިޔެއަށް ވެސް އޮތް ނުރައްކަލެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ފުރަތަމަ ކެމްބޯޑިއާއިން ފެނުނު މެލޭރިއާގެ އެބާވަތް މިހާރު ވަނީ ތައިލެންޑަށާއި ލާއޯސްއަށާއި ވިއެޓްނާމަށް ވެސް ފެތުރިފަ އެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ އޮކްސްފޯޑް ޓްރޮޕިކަލް މެޑިސިން ރިސާޗް ޔުނިޓާ ހަވާލާދީ ބީބީސީ ބުނީ މެލޭޝިއާއަކީ ފަރުވާނުކުރެވޭ ބައްޔަކަށް ވުމުގެ ހަގީގީ ބިރު އެބަ އޮތް ކަމަށެވެ.
" އަަހަރެމެން ދެކެނީ މިއީ ސީރިއަސް ނުރައްކަލެއް ކަމަށް. ވަރަށް ހަލުވިކަަމާ އެކު މުޅި ސަރަހައްދަށް ފެތުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. އަހަރެމެން ބިރުގަނޭ ދުރު ސަރަހައްދުތަކަށް ފެތުރި، އެފްރިކާއާ ހިސާބަށް ފުއްމައިގެން ހިނގައިދާނެތީ،" އޮކްސްފޯޑް ޓްރޮޕިކަލް މެޑިސިން ރިސާޗް ޔުނިޓްގެ ވެރިޔާ ޕްރޮފެސަރް އަރުޖިން ޑޮންޑޯޕް ބީބީސީއަށް ވިދާޅުވެފައި ވެއެވެ.
' ދަ ލޭސެންޓް އިންފެކްޓިއަސް ޑިސީސަސް " ނަމަކަށް ކިޔާ މަޖައްލާގައި ޝާއިއުކޮށްފައިވާ ސިޓީއެއްގައި ރިސާޗަރުން ވަނީ މެލޭރިއާ ޖައްސާ ޕެރަސައިޓަށް އައިސްފައިވާ ބަދަލުތަކުގެ ތަފުސީލުތައް ހާމަކުރައްވާފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި މެލޭރިއާއަށް ދޭ ބޭހެއް ކަމަށްވާ އާޓެމިނިސިންއަކުން ބަދަލުވެފައިވާ ޕެރަސައިޓް މަރައެއް ނުލެވެއެވެ. މެލޭރިއާއަށް ދޭ ފުރަތަމަ ފަރުުވާއެއްގެ ގޮތުގައި ބޭނުންކުރަނީ އާޓެމިސިނިންއާއި ޕައިޕަރެކުއައިން އެވެ.
ނަމަވެސް ޕައިޕަރެކުއައިން އަށް ވެސް ނުގުޑާ ގޮތަށް މެލޭރިއާގެ އެވައްތަރުގެ ޕެރަސައިޓް މިހާރު ވަނީ ބަދަލުވެފައެވެ.
އެހެންވެ، މެލޭރިއާ ޖެހޭ މީހުން ބޭހުން ރަނގަޅު ނުކުރެވޭ ހާލަތްތައް މިހާރު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ޕްރޮފެސަރް ޑޮންޑޯޕް ވިދާޅުވެއެވެ. އެގޮތުން ވިއެޓްނާމްގައި މެލޭރިއާ ޖެހޭ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުންނަށް ފަރުވާ ނުކުރެވޭ ގޮތް މެދުވެރިވާ ކަމަށާއި ކެމްބޯޑިއާގައި 60 ޕަސެންޓް މީހުންނަށް އެގޮތް މެދުވެރިވާ ކަމަށް އޭނާ ވިދާޅުވެއެވެ.
ދުނިޔޭގައި އަހަރަކު 212 މިލިޔަން މީހުންނަށް މެލޭރިއާ ޖެހޭ އިރު އޭގެ ތެރެއިން 92 ޕަސެންޓް މީހުންނަކީ އެފްރިކާގައި އެބަލި ޖެހޭ މީހުންނެވެ. އެހެންވީމާ ބޭހަށް ނުގުޑާ މެލޭރިއާ އެސަރަހައްދަށް ފެތުރިއްޖެ ނަމަ އެކަން ވާނީ އިންސާނީ ބޮޑު ކާރިސާއަކަށެވެ.