ދުނިޔެ

ކިންގް ފައިސަލްއާ އެކު 'ޔޯޑާ'ގެ ފޮޓޯއެއް ސައުދީ ޓެކްސްޓްފޮތެއްގައި

ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްކަލެއްކަމަށްވާ ކިންގް ފައިސަލް ބިން އަބުދުލް އަޒީޒު އަލް ސައުދުގެ ފޮޓޯފުޅަކަށް ސްޓާވޯސްގެ ކެރެކްޓާ އެއްކަމަށްވާ ' ޔޯޑާ' ސުޕަ އިމްޕޯޒްކޮށްފައި ވަނިކޮށް، އެފޮޓޯ އެގައުމުގެ ޓެކްސްޓް ފޮތެއްގައި ޖެހުމުން އެގައުމުގެ އެޑިއުކޭަޝަން މިނިސްޓްރީއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.

ސޯޝަލް ސްޓަޑީޒް ފޮތުގައި ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އާ ބެހޭ ގޮތުން އޮތް ފިލާވަޅުގައި ޖަހާފައި ވަނީ ސައުދީ އަރަބިއްޔާއިން ޔޫއެން ޗާޓަރުގައި ސޮއިކުރާ މަންޒަރު ފެންނަ ފޮޓޯއެވެ. އެފޮޓޯއިން ފެންނަނީ އޭރު އަދި އަމީރެއްގެ ގޮތުގައި ހުންނެވި ފައިސަލް ޔޫއެން ޗާޓަރުގައި ސޮއިކުރައްވާ މަންޒަަރެވެ. ނަމަވެސް އެފޮޓޯގައި ފައިސަލްއާ ޖެހިގެން ސުޕަ އިމްޕޯޒްކޮށް ބައިންދާފައި އިނީ ޔޯޑާއެވެ.

އެފޮޓޯ އެގޮތަށް ތައްޔާރުކުރީ ސައުދީ އާޓިސްޓެއް ކަަމަށްވާ ސަވީޝް އެވެ. ނަމަވެސް ފޮޓޯ ޓެކްސްޓް ފޮތުގައި ޖެހުނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ބީބީސީއަށް ބުނެފައި ވަނީ އެފޮޓޯ އެގޮތަށް ތައްޔާރުކުރީ ކިންގް ފައިސަލްއަށް އިހާނެތިކޮށް ހިތުމުގެ ބޭނުމަކު ނޫން ކަމަށެވެ.

ސަވީޝް އެފޮޓޯ ތައްޔާރުކުރީ 2013 ވަނަ އަހަރުއެވެ. އޭނާ ބުނެފައިވާ ގޮތުގައި އެއީ އެމެރިކާގެ ޕޮޕްކަލްޗާގައި މަޝްހޫރު ކެރެކްޓާތައް ތާރީހީ ފޮޓޯތަކަށް ލައިގެން އޭނާ ހެދި ސިލްސިލާއެއް ކަަމަށެވެ. އެގޮތުން ' ކެޕްޓަން އެމެރިކާއާއި ޑާތު ވޭޑާ ފަދަ ކެރެކްޓާތައް އޭނާ ވަނީ ތާރީހީ ފޮޓޯތަކުގައި ހިމަނާފައެވެ. އެ މަސަައްކަތް އެގޮތަށް ކުރަން ހިތްވަރު ލިބުނީ މިސްރުގެ ކުރީގެ ރައީސް އަންވަރު ސާދާތު ޑިޒްނީ ލޭންޑަށް ކުރެއްވި ޒިޔާރަތެއްގައި މިކީ މައުސް އާ އެކު ނަންގަވާފައިވާ ފޮޓޯއެއް ފެނިގެން ކަަމަށް ވެސް ބުނެފައި ވެއެވެ.


އެޑިޓްކޮށް، އަސްލު ގެއްލިފައިވާ ފޮޓޯ ޖެހުނު ފޮތްތައް ރަނގަޅު ކުރުމަށް ސައުދީ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަނބުރައި ގެންގޮސްފައެވެ.