ކުޅިވަރު

ފީފަގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ރޮނާލްޑޯ، މެސީ އަދި ނޭމާ

Sep 23, 2017

ފީފާގެ 'ދަ ބެސްޓް އެވޯޑް' އަށް ވާދަ ކުރާ ފަރާތްތައް ފީފާއިން އިއުލާން ކޮށްފި އެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރަނީ އެންމެ ފަހުން މި އެވޯޑް ހޯދި، ރެއާލް މެޑްރިޑާއި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ބާސެލޯނާ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ބާސެލޯނާގެ ނަމަވެސް މިހާރު ޕީއެސްޖީ އަށް ބަދަލުވެފައިވާ ބްރެޒިލްގެ ނޭމާ އެވެ.

ފީފާއިން މިދިޔަ އަހަރު އަލަށް ދޭން ފެށި، އެވޯޑް، މިދިޔަ އަހަރު، ރޮނާލްޑޯ ކާމިޔާބު ކުރީވެސް، މެސީއާ ވާދަ ކޮށެވެ. މިދިޔަ އަހަރު ތިން ވަނައަށް ވާދަ ކުރީ އެތުލެޓިކޯ މެޑްރިޑާއި ފްރާންސްގެ ފޯވަޑް އެންޓޯން ގްރީޒްމަން އެވެ. ރޮނާލްޑޯ އާއި މެސީ އަކީ، ފުޓްބޯޅައިގެ އިންޑަވިޖުއަލް އެވޯޑްގައި މިދިޔަ 10 އަހަރު އެންމެ ވާދަވެރި ދެ ނަމަވެ. މިފަހަރުގެ ޔުރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށްވެސް ވާދަ ކުރީ މި ދެ ކުޅުންތެރިން ނެވެ.

އެންމެ މޮޅު ކޯޗަކަށް ވާދަ ކުރަނީ، ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގް ރެއާލް އަށް ހޯދައިދިން، ޒައިނުއްދީން ޒިދާން އާއި ފައިނަލުގައި ރެއާލްއާ ދެކޮލަށް ނިކުތް ޔުވެންޓަސްގެ މެސިމިލިއާނޯ އެލެގްރީގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގް ޗެލްސީއަށް ހޯދައިދިން، އެންޓޯނިއޯ ކޮންޓޭ އެވެ. މިދިޔަ އަހަރު، އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދީ، އޭގެ ކުރީގެ ސީޒަންގައި، އިނގިރޭސި ޕްރިމިއާ ލީގް ލެސްޓާ ސިޓީއަށް ކާމިޔާބު ކޮށްދިން ކޯޗް، ކްލައުޑިއޯ ރަނިއޭރީ އެވެ.

މިފަހަރުގެ އެވޯޑްގައި އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑަށް ވާދަ ކުރާނީ، ޔުވެންޓަސްގެ ޖިއާންލުއީޖީ ބުފޮން އާއި ރެއާލް މެޑްރިޑްގެ ކޭލޯ ނާވަސް އާއި ބަޔާން މިޔުނިކްގެ މެނައުލް ނޯޔާ އެވެ. މިފަހަރުގެ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި ބުފޯން އަކީ ތިން ވަނަ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑަށް ވަދަ ކުރަނީ، އެންމެ ފަހުން އެވޯޑް ހޯދި އެމެރިކާގެ ކާލީ ލިޔޮޑް އާއި ކޮލަމްބިއާގެ ޑޭނާ އާއި ހޮލެންޑްގެ ލީކޭ މާޓިންސް އެވެ.

އެއް ވަނަ ސަޕޯޓެއް ދިން ކުލަބުގެ އެވޯޑަށް ނޮމިނޭޓް ވެފައިފައި ވަނީ، ޖަރުމަންގެ ބްރޫޝިއާ ޑޯޓަމުންޑް އާއި ސްކޮޓްލޭންޑްގެ ސެލްޓިކް އާއި ޑެންމާކުގެ ކޯޕެންހޭގަން އެފްސީ އެވެ.

އެވޯޑް ރަސްމިއްޔަތު އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު ލަންޑަންގެ ޕެލަޑިއަމްގެ ތިއޭޓާގަ އެވެ.