ދުނިޔެ

އެމެރިކާއިން އިޒްރޭލުގައި އަސްކަރީ މަރުކަޒެއް ގާއިމްކޮށްފި

އެމެރިކާއިން އިޒްރޭލުގައި ފުރަތަމަ ފަހަރަށް ދާއިމީ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފިއެވެ.

އިޒްރޭލުގެ ހާރެޒް ނޫހުން ބުނީ ނިގޭވް ސަހަރާގައިވާ އިޒްރޭލުގެ ވައިގެ މަރުކަޒެއްގެ ތެރޭގައި ގާއިމްކުރި އަސްކަރީ މަރުކަޒު ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެތަނުގައި ތިބޭ އެމެރިކާ ސިފައިން ކުރާނެ މަސައްކަތްތަކާ ބެހޭ ތަފުސީލެއް އިޒްރޭލު ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

އިޒްރޭލުގެ ވައިގެ ސިފައިންގެ އޭރިއަލް ޑިފެންސް ޑިވިޝަނުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ޒުވީ ހަައިމޮވިޗް ބުނީ އަސްކަރީ މަރުކަޒު ހުޅުވުމަކީ އިޒްރޭލާ އެމެރިކާއާ ދެމެދު އޮންނަ ގާތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ބުނީ އެއީ އިޒްރޭލުގައިވާ އެމެރިކާގެ މުދާތަކުގެ ބައެއްގެ ގޮތުގައި ކޮންމެހެން ހުންނަން ޖެހޭ މަރުކަޒެއް ކަމަށެވެ.

އޭނާ އިޝާރާތްކޮށްފައި އެވަނީ އެގައުމުގައި އެމެރިކާ ސިފައިން އޮޕަރޭޓް ކުރަމުން އަންނަ އެކްސް ބޭންޑް ރާޑަރް ސިސްޓަމްތަކަކަށް ކަމަށް ބެލެވެއެވެ. އެމެރިކާއިން އެ ސިސްޓަމްތައް އިޒްރޭލަށް ގެންދިޔައީ 2009 ވަނަ އަހަރުއެވެ.

ފަލަސްތީނުގެ ބިމުގައި ގަދަބާރުން އުފައްދާފައިވާ ޔަހޫދީ ދައުލަތް ހިމާޔަތް ކުރުމަށް އެމެރިކާއިން އަބަދުވެސް ބޮޑު ހޭދައެއް ކުރެއެވެ. އެމެރިކާގެ އެހީ އެކު މިހާރު މެދު އިރުމަތީގައި ދިފާއަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ތަނަކީ އިޒްރޭލެވެ. އެގައުމުން ގެންގުޅޭ މިސައިލުން ދިފާއުވާ ނިޒާމުގެ އާ ބެޓޭލިއަނެއް މިދިޔަ ހަފުތާގައި ވަނީ ރުކުރުވާލާފައެވެ.