ހޮލީވުޑް

ގުޑްފެލާސް: މިއީ އެންމެ މޮޅު ގޭންގްސްޓާ ފިލްމުތަ؟

ޔަގީނަށް ވެސް ޑައިރެކްޓަރު މާޓިން ސްކޯސެސީ ގެނެސްދިން އެންމެ މޮޅު ގޭންގްސްޓާ ފިލްމަކީ މިއީ އެވެ. އަދި ގިނަ ބަޔަކު އިއްތިފާގުވާ ގޮތުން ނަމަ މި ފިލްމަކީ ސްކޯސެސީގެ އާދަޔާހިލާފު ކެރިއަރުން ވެސް ނެގެން އޮތް އެންމެ މޮޅު ފިލްމެވެ.

ކޮންމެއަކަސް މި ހިތްގައިމު މަސައްކަތަށް 25 އަހަރު ފުރުނީ އެވެ. އެހެންވީމަ ކުޑަކޮށް މި ފިލްމާ ބެހޭ ގޮތުން ވާހަކަކޮޅެއް ދައްކާލަމާ ހިނގާބަލާށެވެ.

ފިލްމަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ އަންނަ 25 ވަނަ ދުވަހު ޓްރިބެކާ ފިލްމު ފެސްޓިވަލްގަ އެވެ. ފެސްޓިވަލްގެ ތެރެއިން ބާއްވާ މި ރަސްމިއްޔާތުގައި ފިލްމުގެ އޮރިޖިނަލް ކާސްޓް މެމްބަރުން ބައިވެރިވާނެ އެވެ.

"ގުޑްފެލާސް" އަކީ ނިއު ޔޯކްގެ މަޝްހޫރު ގޭންގްސްޓާރެއް ކަމުގައިވީ ހެންރީ ހިލްގެ ހަޔާތުގެ މައްޗަށް ސްކްރީންރައިޓާ އަދި ވާހަކަ ލިޔުންތެރިޔާ ނިކޮލަސް ޕިލޭގީ ލިޔެ، 1986 ވަނަ އަހަރު ޝާއިއުކުރި "ވައިސްގައި" ގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ހެންރީގެ ރޯލު ކުޅެފައި ވަނީ ރޭއި ލިއޯޓާ އެވެ. އޭނާގެ އިތުރުން ރޮބަޓް ޑި ނީރޯ އާއި ޖޯ ޕެސްކީ ފަދަ މަޝްހޫރު ތަރިން ވެސް ފިލްމުގައި އުޅެ އެވެ.

ގިނަ ބަޔަކު ބުނާ ގޮތުން ނަމަ މިއީ ގޭންގްސްޓާރުންގެ ދިރިއުޅުން އެންމެ ފުރިހަމަ ގޮތުގައި ބޮޑު ސްކްރީނަށް ގެނެސްދިން ފިލްމެވެ. މިހެން ބުނާއިރު "ދަ ގޯޑްފާދާ" ގެ ފޭނުން ވެސް ތިބޭނެކަން އެނގެ އެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަނީ "ގޯޑްފާދާ" އަށް ވުރެން ވެސް އަސްލާ އެއްގޮތަށް ނުވަތަ މާފިއާ ލައިފްސްޓައިލްގެ ހަގީގީ ކުލަ ޖައްސާފައިވާ ފިލްމަކީ "ގުޑްފެލާސް" ކަމަށެވެ. "ގޯޑްފާދާ" އަކީ މާފިއާ މެމްބަރުންގެ ޝަރަފާއި ފަހުރާއި ލޯބި އެއްކޮށްލާފައިވާ ފިލްމެއް ނޫން ހެއްޔެވެ؟

އަނެއްކޮޅުން ގޭންގްސްޓާރުންގެ ގޮތުގައި އުޅެފައިވާ މީހުންގެ މެދުގައި ވެސް "ގޯޑްފާދާ" އަށް ވުރެ މަގްބޫލީ "ގުޑްފެލާސް" އެވެ. މި ފިލްމު ގެނެސްދީފައިވާ ގޮތް ހެންރީ އަށް ވެސް ނިކަން ކަމުދިޔަ ކަމަށްވެ އެވެ.

މި ފިލްމު އެހެން ގޭންގްސްޓާ ފިލްމުތަކާ ތަފާތުވާ ސިފަތަކަށް ބަލާއިރު "އަނގަގަދަ ގޭންގްސްޓާރުން" ސިނަމާގެ ދުނިޔެ އަށް ތައާރަފްކޮށްދިން ފިލްމަކީ ވެސް މިއީ އެވެ. ސްކޯސޭސީގެ މި ފިލްމަކީ ނިކަން ފޯރިއާ އެކު އަނގަތަޅާ ގޭންގްސްޓާރުން އުޅޭ ފިލްމެކެވެ.

އޭގެ ނުފޫޒު ހޮލީވުޑަށް ވެސް ވަނީ ފަހުންކޮށްފަ އެވެ. މިސާލަކަށް ކުއެންޓިން ޓެރެންޓީނޯގެ ފިލްމުތަކަށް ބަލާ ނަމަ އޭނާގެ ފިލްމުތަކުގައި އުޅޭ ގޭންގްސްޓާރުން ވެސް ނިކަން އަނގަގަދަކަމަށް ފާހަގަކުރެވޭނެ އެވެ. "ދަ ޔޫޝުއަލް ސަސްޕެކްޓްސް" އާއި އެޗްބީއޯގެ މަޝްހޫރު މާފިއާ ޑްރާމާ "ދަ ސޮޕްރާނޯސް" އަކީ ވެސް މިފަދަ ކެރެކްޓާތަކަށް މަޝްހޫރު އުފެއްދުމެކެވެ.