ބޮލީވުޑް

ރޯގާ ޖެހިދާނެތީ "ތަގްސް އޮފް ހިންދުސްތާން" ގެ ތަރިން މާސްކް އަޅަނީ

Sep 24, 2017

މެގަސްޓާ އަމީތާބް ބައްޗަން އާއި ސުޕަސްޓާ އާމިރް ޚާން އެކުގައި ކުޅޭ ފުރަތަމަ ފިލްމުގެ އެންމެފަހުގެ މަންޒަރުތައް އަންނަނީ މުމްބައިގެ ސްޓޫޑިއޯއެއްގައި ނަގަމުންނެވެ.

މިފަހުން އިންޑިއާ އަށް ބޯކޮށް ވާރޭވެހި މުމްބައީގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ހުމާއި ރޯގާ ފެތުރެމުން އަންނައިރު "ތަގްސް އޮފް ހިންދުސްތާން" ގެ ޕްރޮޑަކްޝަންގައި ހަރަކާތްތެރިވަމުން އަންނަ ގިނަ މުވައްޒަފުން ހުން އައިސް ރޯގާ ޖެހިގެން ވަނީ ޗުއްޓީ ނަގާފަ އެވެ.

ހުން އައިސް ރޯގާ ޖެހުން މި ފިލްމުގެ ސެޓުގައި ބާރަށް ފެތުރެން ފެށުމުން ޕްރޮޑަކްޝަނުން ވަނީ ފިލްމުގެ ކާސްޓުންނާއި ކްރޫއިން ސެޓުގައި ހަރަކާތްތެރިވާއިރު މާސްކް ބޭނުންކުރަން އިލްތިމާސްކޮށްފަ އެވެ.

މިކަން ޔަގީންކޮށްދެމުން އަމީތާބް އޭނާގެ ބްލޮގްގައި ލިޔުނު ޕޯސްޓެއްގައި ވަނީ ފިލްމުގެ ސެޓުގައި ހުރިހާ އެންމެ އެކި ކޮޅުކޮޅަށް ދުވަނީ މާސްކް އަޅައިގެން ކަމަށާއި އެންމެންވެސް ބުރަކޮށް މަސައްކަތްކުރަމުން ދަނީ ފިލްމުގެ ޝޫޓިން އަވަަހަށް ނިންމަން ކަމަށެވެ.

" ސެޓުގެ ސިއްހީ ކަންކަން ބަލަހައްޓާ އެސިސްޓެންޓް ޑައިރެކްޓަރުންވަނީ ހުންނަ އައިސްގެން މަސައްކަތަށް ނުނިކުންނަ މީހުން ގިނަވަމުން އަންނަތީ ސެޓުގައި ހަރަކާތްތެރިވާ މީހުން މާސްކް އަޅައި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި،" އަމީތާބް ބްލޮގްގައި ލިޔެފައިވެ އެވެ.

މީގެއިތުރުން ފިލްމުގެ ސެޓުގައި އާމިރް ހަރަކާތްތެރި ވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކުވުމުން ވަނީ ފިލްމުގެ ސެޓުގެ ސެކިއުރިޓީ ކަންކަން ވެސް ވަރުގަދަކޮށްފަ އެވެ.

މޯލްޓާގައި ފިލްމުގެ މަންޒަރުތައް މިދިޔަ މަހުގެ ތެރޭގައި ނަގައި ނިންމި ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު، އަދިތްޔަ ޗޯޕްޅާ ބައެއް މަންޒަރުތަކާ މެދު ހިތްހަމަނުޖެހިގެން އަލުން އެ މަންޒަރުތައް މިހާރު އަންނަނީ ޝޫޓްކުރަމުންނެވެ.

އަމީތާބް ވަނީ ރެއާ ދުވާލު ބުރަކޮށް ފިލްމުގެ ޝޫޓިން ނިންމުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އާމިރް އާއި އަމީތާބާ އެކު މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި "ޑަންގާލް" ގެ ތަރި ފާތިމާ ސަނާ ޝައިހް އެވެ.