ފަހަރެއްގައި މިއީ މިހާރު މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެވެ. ހޮލީވުޑުގައި ސްކްރިޕްޓް ލީކުކުރުމާއި ޕްރިމިއާކުރަން ތައްޔާރުކޮށްފައި އޮންނަ ފިލްމާއި ޓީވީ ޑްރާމާތައް ލީކުކުރުން އާންމުވެފައިވާ މި ދުވަސްކޮޅުގައި "އެވެންޖާސް" ގެ ޓީމުން މި ހެދީ މޮޅު އެއްޗެއް ނޫން ހެއްޔެވެ؟
ހުރިހާ ވެސް ކެއްސެއް، ކުއެންޓިން ޓެރެންޓީނޯއަކަށް ނޫން ހެއްޔެވެ؟
ކޮންމެއަކަސް ޓެރެންޓީނޯގެ "ހޭޓްފުލް އެއިޓް" އަށް ޖެހުނު ހާލު ނުޖެހި "އެވެންޖާސް 2" މި ވަނީ ސަލާމަތްވެފަ އެވެ. މި ފިލްމުގެ ޕްރިމިއާ އަށް ތައްޔާރުވަމުން އަންނައިރު ފިލްމުގެ ތަރިން ބުނަނީ ޝޫޓިންގެ ކޮންމެ ދުވަހަކީ ވެސް ސްކްރިޕްޓް އަންދަން ޖެހުނު ދުވަހެއް ކަމަށެވެ.
ފިލްމުގައި ސްކާލެޓް ވިޗުގެ ރޯލު ކުޅެފައިވާ އެލިޒަބަތު އޮލްސެން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފިލްމު ޝޫޓިންތައް ގެންގޮސްފައިވަނީ ނިކަން ސެކިއުރިޓީ ވަރުގަދަކޮށްގެން ކަމަށާއި ސްކްރިޕްޓްގެ ކޮޕީއެއް ލީކުވެދާނެ ކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ.
ދަ ވިޝަންގެ ގޮތުގައި މި ފިލްމުން ބެލުންތެރިންނާ ބައްދަލުކުރާ ޕައުލް ބިޓެނީ ބުނީ މާވެލް އިން ފިލްމުގެ ސްކްރިޕްޓް އޭނާ އަށް މެއިލް ވެސް ނުކުރާ ކަމަށެވެ. ސްކްރިޕްޓް ހިފައިގެން އަންނަނީ "ސެކިއުރިޓީ ގާޑެއް" ކަމަށާއި އޭނާގެ އަތަށް ނޫން އެހެން މީހެއްގެ އަތަށް ސްކްރިޕްޓް ނާރުވާ ކަމަށް ވެސް ބިޓެނީ ބުންޏެވެ.
އޮލްސެން ބުނީ ކޮންމެ ދުވަހަކު ވެސް ޝޫޓްކުރަން ޖެހޭ މިންވަރު ޝޫޓްކޮށް ނިމުމުން އެ ދުވަހަށް އާންމުކޮށްފައި އޮންނަ ސްކްރިޕްޓްގެ ބައިގެ ކޮޕީތައް އަންދާލަނީ އެވެ.
އެވެންޖާސްގެ މުހިންމު އެހެން ތަރިންނަކީ ކްރިސް އިވާންސް އާއި ސްކާލެޓް ޖޯހެންސަން އަދި ރޮބަޓް ޑައުނީ ޖޫނިއާ އާއި މާކް ރަފަލޯގެ އިތުރުން ކްރިސް ހެމްވޯތެވެ.
"އެވެންޖާސް 2" ރަސްމީކޮށް ޕްރިމިއާކުރާނީ އަންނަ މަހުގެ އެކެއްގަ އެވެ. މި ފިލްމު ބޮކްސް އޮފީހުގެ ރިކޯޑްތައް މުގުރާލާނެ ކަމަށް ބެލެވޭއިރު މީގެ ފުރަތަމަ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ބޮޑު ހިޓެކެވެ.
އެ ފިލްމަށް 1.5 ބިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ލިބުނެވެ.