ދުނިޔެ

ސިފައިން އެނބުރި ދިޔައިރު މައިންބަފައިން ތިބީ މަރުވެފަައި

ރާޝިދަކީ އުމުރުން އެންމެ 10 އަހަރުގެ ކުއްޖެކެވެ. އެކަމަކު އޭނާގެ ކޮނޑުގައި އެޅިފައި އޮތީ ބޮޑު ޒިންމާއެކެވެ. އެއީ އުމުރުން އެންމެ ހަ އަހަރުގެ ކޮށްކޮ، ރާޝިދާ ބެލެހެއްޓުމުގެ ޒިންމާއެވެ.

އެ ދެކުދިންނަކީ މިޔަންމާއިން ބަންގްލަދޭޝްއަށް މައިންބަފައިންނާ ވަކިން ހިޖުރަކުރި 14000 ކުޑަ ކުދިންގެ ތެރޭގައި ހިމެނޭ ދެކުދިންނެވެ. ބެލެނިވެރިއަކާ ނުލައި އެކުދިން އައީ ރަޚާން ސްޓޭޓުގައި މިޔަންމާ ސިފައިން ހިންގި ޖަރީމާތަކުގައި މައިންބަފައިން ގެއްލި ނުވަތަ މަރުވެފައި ވުމުންނެވެ. ރާޝިދު ހުރީ އޭނާގެ ބައްޕަ ޒާހިދު ހުސައިނާއި މަންމަ ރާމިޖާ ޚާތޫން ނެތުމުގެ ހިތާމައިގައެވެ. އޭނާ ބުނީ މިޔަންމާ ސިފައިން އެ ދެމަފިރިން މަރާލީ ކަމަށެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައިވާ ކޫޓޫޕަލޯންގް ރެފިއުޖީ ކޭމްގައި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ' ޗައިލްޑް ފްރެންޑްލީ ސްޕޭސް( ސީއެފްއެސް)"ގެ ކާރޫބާރޫ ބޮޑެވެ. ކުލަޖައްސާ ކުދިން ކުލަ ޖައްސަނީއެވެ. ކުޅޭ ކުދިން ކުޅެނީއެވެ. އެތަނުގެ އަޑު ގަދަކަމުން ރާޝިދުގެ ބަލިކަށި އަޑު ބައެއް ފަހަރަށް ދަނީ ނުއިިވިއެވެ.

ފާއިތުވި އޮގަސްޓްމަހުގެ 25 ވަނަ ދުވަހާ ޖެހެންދެން އޭނާ ދިރިއުޅުނީ އޭނާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ހަކުދިންނާ އެކުގައެވެ. އެމީހުން އުޅުނީ ޝިކްދޭރްޕަރާ ނަމަކަށް ކިޔާ އަވަށުގައެވެ. އަވަށް ދޫކޮށް ރާޝިދާއި އޭނާގެ ކޮށްކޮ ދިޔައީ މިޔަންމާ ސިފައިން އެއަވަށަށް ހަމަލާ ދިނުމުންނެވެ. އެ ހަމަލާއަކީ ރޯހިންޔާ ދަރިކޮޅުގެ މީހުންގެ އަވަށްތައް އަންދައި ގިނަ އަދަދެއްގެ މީހުން މެރުމަށް މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަނުގެ ބައެކެވެ. ޔޫއެން އިން އެކަން ސިފަކޮށްފައި ވަނީ ' ޓެކްސްޓް' ފޮތްތަކުގައި ލިޔެވޭހާ ސީދަލަށް ހިންގާ ނަސްލު ނައްތައިލުމުގެ އަމަލުތަކެއްގެ ގޮތުގައެވެ.

" އެއީ ހުކުރު ދުވަހެއް، އަހަރެން އަހަރެންގެ އުޚުތުގެ އަތުގައި ހިފައިގެން ކައިރީގައިވާ ފަރުބަދައެއްގެ ކައިރިއަށް ދުވެފައި ދިޔައިން. ސިފައިން ދިއުމުން އަހަރެން އެނބުރި އައި އިރު ފެނުނީ އަހަރެންގެ މައިންބަފައިން މަރުވެފައި ތިއްބާ،" އަލްޖަޒިރާއާ ވާހަކަ ދައްކަމުން ރާޝިދު ބުނެފައި ވެއެވެ.

މައިންބަފައިންގެ ގަބުރުގެ ކައިރީގައި ހިތާމަ ކުރަން އިންނާކަށް އޭނާއަކަށް ގިނަ ވަގުތެއް ނުލިބުނެވެ. އަވަށު މީހުން އޭރު ތިބީ ފަރުބަދަގަނޑުގެ ކައިރީގައެވެ. އޭނާގޮސް އެމީހުންނާ ގުޅުނީއެވެ. ދެން މުޅި ދަތުރުގައި ހުރީ އެގޮތުގައެވެ.

" ބަންގްލަދޭޝް ބޯޑަރަށް އައުމަށް އަހަރެން ތިންރޭ ވަންދެން ހިނގިން. އަހަރެން ނާފް ކޯރު ހުުރަސްކުރީ އީދުގެ އެއް ދުވަސް ކުރިން،"

އެއްބަނޑު އެއްބަފާ އެހެން ކުދިންނަށް ވީގޮތެއް ރާޝިދަކަށް ނޭނގެއެވެ.

" އަޑު އެހިން އަހަރެންގެ ހުރިހާ އަޚުންނާ އުޚުތުން މަރާލާފައިވާކަމަށް،" އޭނާ ބުނެފައި ވެއެވެ.

ނާއުއްމީދުވެފައިވާ އެ ކުއްޖާ ( ރެފިއުޖީ ކޭމްޕް)ގައި ދިރިއުޅެނީ އޭނާގެ އަވަށްޓެރިންތަކަކާ އެކުގައެވެ. އޭނާ ބުނެފައިވާ ގޮތުގައި އެމީހުން އޭނާއަށް ވެސް އަދި ކޮށްކޮއަށް ވެސް ހެވެވެ.

އެހީދޭ ޖަމާއަތްތަކާ ގުޅިގެން ޔުނިސެފުން ހިންގާ ސީއެފްއެސް ސެންޓަރުތައް ވެފައި ވަނީ ބިރުގެންފައިވާ ކުޑަކުދިންނަށް ބޮޑު ހިމާޔަތެއް ލިބޭ ތަނަކަށެވެ. އެތަނުގައި ތިބި ބައެއް ކުދިންނަކީ ޖެހިފައިވާ މުސީބާތުގެ ބޮޑުކަން ނުވެސް ވިސްނޭވަރުގެ ކުދިންނެވެ.

" ރާޝިދު ފުރަތަމަ އައި ދުވަހު ، އޭނާ އިރު އިރުކޮޅުން އައިސް އަހަރެން ގާތު ބުނަމުން ދިޔަ، އޭނާގެ މައިންބަފައިން މަރުވެފައިވާ ވާހަކަ. އޭނާއަށް ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި އޭނާއަށް ވަނީ ލުޔެއް ލިބިފައި. އަދި މިތަނަށް އަންނަން ފެށި " ބަންގްލަދޭޝްގައިވާ ޔުނިސެފްގެ އޮފީހުގައި މަސައްކަތް ކުރާ ކޮމިއުނިކޭޝަން ސްޕެޝަލިސްޓެއް ކަމަށްވާ ފާރިއާ ސަލީމް އަލް ޖަޒީރާއަށް ބުނެފައި ވެއެވެ.

ރާޝިދު ބުނީ މިޔަންމާގައި އޭނާ ސްކޫލުން ކެނޑުނު ކަމަށެވެ. އެކަމަކު ހަފުތާއަކު ހަދުވަހު ހުޅުވާ ސީއެފްއެސް އޭނާއަށް ކަމުދެއެވެ.

" މިތަނުގައި ހަމަލާއެއް އައުމުގެ ނުރައްކަލެއް ނެތް. އެއްވެސް މީހަކު އަހަރެމެންނަކަށް ކަޅިއެއް ނާޅާ. ކޮންމެ މީހަކަށް ވެސް ކުރާ ހިތްވާ ކަމެއް ކުރުމުގެ މިނިވަންކަން އެބަ އޮތް، " ރާޝިދު ބުނެފައި ވެއެވެ.

އޭނާ ބޭނުން ވަނީ ރޯހިންޔާ ދަރިކޮޅުގެ ކުދިންނަށް ކިޔަވައިދިނުމަށް މުސްތަގުބަލުގައި ޓީޗަރަކަށް ވާށެވެ.

ފާރިއާ ސަލީމް ވިދާޅުވެފައިވާ ގޮތުގައި ރޯހިންޔާ ދަރިކޮޅުގެ 42900 މީހުން ދިރިއުޅޭ އުޚިޔާ ނަމަކަށް ކިޔާ ސަރަހައްދާއި ތިކްނާފް ނަމަކަށް ކިޔާ ސަރަހައްދުގައި ޖުމްލަ 42 ސީއެފްއެސް ގާއިމްކޮށްފައި އެބަ ހުއްޓެވެ.

" އަހަރެންގެ މައިންބަފައިން ގަޔަށް ސިފައިން ބަޑިޖެހި މަންޒަރު ދުށިން"

އުމުރުން 11 އަހަރުގެ ދިލާރާ ބޭގަމް އާއި ނުވަ އަހަރުގެ އަޖީޖާ ބޭގަމްގެ މައިންބަފައިން ވެސް ވީ މަރުވެފައެވެ. އޭނާގެ ދައްތަ އަދިވެސް ހުރީ ލިބުނު ޝޮކްގެ ސަބަބުން ގަބު ވެފައެވެ. އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

" އެއީ މެންދުރު ކާ ގަޑީގެ ކުޑަ އިރުކޮޅެއް ކުރި. އަހަރެންގެ މަންމަ ހާމިދާ ބޭގަމް ބުނީ ކުޅެން ދާށޭ، މަސައްކަތަށް ދާން ބައްޕަ ( މަހުމޫދު ހުސައިން) ތައްޔާރުވަންދެން،" އަލްޖަޒިރާއާ ވާހަކަ ދައްކަމުން އަޖީޖާ ބުނެފައި ވެއެވެ.

ދެ ދައްތައިން ކަަަމަށްވާ ދިލާރާއާއި މުޝްތަގީމް އާ އެކު ކުޅެން ހުއްޓާ އިވުނީ ބަޑީގެ އަޑެވެ. ގަތް ބިރުން އެކުދިން ވަނީ ގޭގެ ކައިރީގައިވާ ހޭޅިގަނޑަކަށެވެ. އެ ކުދިންގެ ގެ ހުރީ މުއާންގްޑޯ ނަމަކަށް ކިޔާ ސަރަހައްދުގައިވާ ބަރްގޯޖިބިލް ނަމަކަށް ކިޔާ އަވަށުގައެވެ.

" ހޭޅި ތެރޭ ހުއްޓައި އަހަރެންނަށް ފެނުން އަހަރެންގެ މައިންބަފައިން ގަޔަށް ސިފައިން ބަޑި ޖަހަނިކޮށް. އެމީހުން ފަހުން އަހަރެންގެ ބައްޕަގެ ކަރު ބުރިކޮށްލި އަދި މަންމަގެ ބަނޑަށް ވަރަށް ބޮޑު ވަޅިއެއް ހަަރައިލި. ފަރުބަދަގަނޑުގެ ކައިރީގައި ތިބި އަހަރެމެންގެ އަވަށުގެ މީހުން އަހަރެން ގެންދަން ބުނި، މައިންބަފައިން މަރުވި ވާހަކަ އަހާފައި" އަޖީޖާ ބުނެފައި ވެއެވެ.

ހޭޅި ތެރޭ ހުއްޓައި އަހަރެންނަށް ފެނުން އަހަރެންގެ މައިންބަފައިން ގަޔަށް ސިފައިން ބަޑި ޖަހަނިކޮށް. އެމީހުން ފަހުން އަހަރެންގެ ބައްޕަގެ ކަރު ބުރިކޮށްލި އަދި މަންމަގެ ބަނޑަށް ވަރަށް ބޮޑު ވަޅިއެއް ހަަރައިލި. ފަރުބަދަގަނޑުގެ ކައިރީގައި ތިބި އަހަރެމެންގެ އަވަށުގެ މީހުން އަހަރެން ގެންދަން ބުނި، މައިންބަފައިން މަރުވި ވާހަކަ އަހާފައި
ނުވަ އަހަރުގެ، އަޖީޖާ

ސިކުނޑިއަށް ( މިހާރު ) އުނިކަން ލިބިފައިވާ އޭނާގެ ދައްތަ މުޝްތަގީމްއާ ބައްދަލުވީ ކޫޓޫޕަލޯންގްގައިވާ ރެފިއުޖީ ކޭމްޕުންނެވެ. މުޝްތަގީމް އަންނަނީ ވަޒަނެއް އަރައިގެން ވީ ޒަހަމަކަށް ފަރުވާ ހޯދަމުންނެވެ. އެހަމަލާގައި އޭނާގެ އެއްބަނޑު އެއްބަފާ އަށް ކުދިން މަރުވިއެވެ.

ރާޝިދާއި އަޖީޖާ ފަދައިން މިފަދަ ހިތާމަވެރި ، ބިރުވެރި ހާލަތްތަކުގެ ވާހަކަ އެހެން ބައެއް ކުދިން ވެސް ވަނީ އަލްޖަޒިރާއާ ހިއްސާކޮށްފައެވެ. ރެފިއުޖީ ކޭމްޕަށް އެކަނިމައި އެކަނި އައި 14000 ކުދިންގެ ވެސް ތަޖުރިބާ އަކީ އެއް ތަޖުރިބާއެކެވެ. އެއީ އިންސާނިއްޔަތު ކަމެއް ނެތް ސިފައިންގެ ބަޔަކު ހިންގި ހައްދު ފަހަނަ އަޅާފައިވާ އަމަލުތަކުގެ ސަބަބުން ކުރަން ޖެހުނު ތަޖުރިބާތަކެވެ. ( އަލްޖަޒީރާ)