ރާއްޖެ ކުޅިވަރު

ސީޓީއަށް ހުއްޓުމެއް ނެތް، ޕްރިމިއާ ލީގްގެ މޮރާޓާގެ ފުރަތަމަ ހެޓްރިކް

Sep 24, 2017

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި، މި ސީޒަންގެ ޕްރިމިއާ ލީގްގައި މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އަންނަ ލަނޑު ޖެހުމުގެ ޓްރެކް ދަމަހައްޓައިފި އެވެ. އަލްވާރޯ މޮރާޓާ ޕްރިމިއާ ލީގްގައި ހެދި ފުރަތަމަ ހެޓްރިކާއެކު ސްޓޯކް ސިޓީގެ މައްޗަށް، 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޗެލްސީ ވެސް ލީގްގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނީ ވަދެފަ އެވެ.

އަމިއްލަ ދަނޑު އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ސިޓީގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ލިރޮއީ ސަނޭ އާއި، ސާޖިއޯ ކުން އަގުއޭރޯ އާއި ފެބިއަން ޑަލްފް އެވެ.

މިހާތަނަށް ކުޅުނު ހަ މެޗުގައި ސިޓީން ވަނީ 21 ލަނޑު ޖަހާފަ އެވެ. އަދި މި މެޗާއެކު، ބައިކޮޅަށް ލަނޑެއް ނުވަދެ އެޓީމުން ފަސް މެޗު ފުރިހަމަ ކޮށްފި އެވެ.

ސްޓޯކް ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި މޮރާޓާ ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗު ފެށިގެން 80 ވަނަ ސިކުންތުގަ އެވެ. ދެ ވަނަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕެޑްރޯ އެވެ. އަނެއް ދެ ލަނޑު މޮރާޓާ ކާމިޔާބު ކުރީ، 77 ވަނަ މިނެޓާއި 82 ވަނަ މިނެޓްގައެވެ. ތިން ވަނަ ލަނޑު މޮރާޓާ ކާމިޔާބު ކުރީ އޭނާގެ ސްޕީޑް ބޭނުން ކޮށްގެންނެވެ. ސްޓޯކް ސިޓީގެ ހާފުގެ ތެރެއިން މެދު ރޮނާގާ ކައިރިން އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އައިސް ގޯލް ތެރެއަށް ފޮނުވާލުމުގައި އޭނާގެ ސްޕީޑް ވަރަށް ބޮޑަށް އެހީވި އެވެ.

މެޗުގެ ކުރިން، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ވަނީ މޮރާޓާއަށް ވަރަށް ބޯޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ މޮރާޓާ އަކީ، ކޮންމެ ބައްޕައަކުވެސް އޭނާގެ އަންހެން ދަރިފުޅު ކައިވެނި ކުރަން އެދޭނެ ފަދަ މީހެއް ކަމަށެވެ.

ޗެލްސީއާ މެންޗެސްޓާ ސިޓީ ބޮޑު ނަތީޖާ ތަކުން މޮޅުވި ނަމަވެސް، ސިޓީގެ ފަހަތުން ދެ ވަނައިގައި ވިއްދަމުން އަންނަ މެންޗެސްޓާ ޔުނައިޓަޑަށް ސައުތުހެމްޓަން އަތުން ލިބުނީ އުނދަގޫ މޮޅެކެވެ. މެޗުގެ ހަމަ އެކަނި ލަނޑު ޔުނައިޓަޑަށް ކާމިޔާބު ކޮށްދިނީ ރޮމެޔޫ ލުކާކޫ އެވެ.

މެޗުގެ ކުރިން، ސިޓީ އާއި ޔުނައިޓަޑް އޮތީ ޕޮއިންޓްގެ ގޮތުން އަދި ލަނޑުގެ ގޮތުން ވެސް އެއްވަރެއްގަ އެވެ. ނަމަވެސް ސިޓީ ވަނީ ޔުނައިޓަޑަށް ވުރެ ހަތަރު ލަނޑު ކުރިއަށް ޖެހިލާފަ އެވެ.

ޓޮޓެންހަމްހޮސްޕާ ވެސް ވަނީ ވެސްޓްހަމް ޔުނައިޓާޑާ ދެކޮޅަށް ކުޅުނު މެޗު 3-2 ން ކާމިޔާބު ކޮށްފަ އެވެ. ޓޮޓެންހަމްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ހެރީ ކޭން އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ކްރިސްޓިއަން އެރިކްސަން އެވެ. ވެސްޓަހްމަގެ ލަނޑުތައް ކާމިޔާބު ކުރީ، ހާވިއާ ހެނާންޑޭޒް އާއި ޝިކޫ ކްޔަޓް އެވެ.