(21 ސެޕްޓެމްބަރ 2017 އާ ގުޅޭ) -- ގޭ ދޮރުމައްޗަށް އަހަރެން ފޭބުމާއެކު އަޒާން ދަނީއޭ ބުނެ އެ ހަދިޔާ ކުރި ޗާލު ހިނިތުންވުން ހީވީ ރުވާފައި ދޫކޮށްލި ތީރެއް ހެންނެވެ. އައިސް ހެރުނީ އަހަރެންގެ ހިތުގެ އެންމެ ފުނަށެވެ. އުފުރާ ނުލެވޭހާ ފުނަށް ވަދެގެން ހިނގައްޖެއެވެ.
ގޭގެ ދޮރޯށި ހުޅުވާލި ވަގުތާއި އަޒާން ސައިކަލުގައި ނައްޓާލި ވަގުތުވާވީ އެއްވަގުތަށެވެ. ނަމަވެސް އަހަރެންގެ ނަޒަރުން އަޒާން ކަސިޔާރުވެގެން ނުދެއެވެ. އެ ރީތި ފުރިހަމަ ޒުވާނާ ސައިކަލުގައި ގޮސް އަހަރެންގެ ލޮލަށް ގެއްލޭންދެން ބަލަން ހުރީމެވެ. ބޭއިޚްތިޔާރުގައި ރަކި ހީނލުމަކާއެކު އަހަންނަށް ބޯހޫރާލެވުނެވެ. އަމިއްލަ ނަފްސަށް އަންނަމުންދާ ބަދަލުތަކާ މެދު އެހިނދު ވިސްނާލެވުނީއެވެ. މި ނޫނީ ފިރިހެނަކު ރީތިވެގެން އަހަރެންގެ ހިތަށް ބަޔާންކުރާން ދަތި ގޮތްތަކެއް ނުވެއެވެ. އަމިއްލައަށް ކަނާތުން ބޮލުގައި ޖަހާލުމާއެކު ގޭތެރެއަށް ވަދެގެން އައީއެވެ.
މިރޭ އެހެން ރޭ ރެއާ މުޅިން ތަފާތެވެ. ޚިޔާލުތައް އަހަރެންގެ ބާރުން ވީއްލި މާދުރަށް ދަތުރުކުރަނީއެވެ. ހިތާއި ސިކުނޑީގައި ތަސްވީރުތަކެއްހެން ފޮރުވިފައިވާ އަޒާންގެ ހިތްގައިމު ހަރަކާތްތައް އިރުއިރުކޮޅާ ލޯ ކުރިމަތީން ސިފަވަނީއެވެ. ގޭތެރޭގެ މަސައްކަތުގައި ހުރިއިރު ވެސް މެއެވެ. އެންމެ ފަހުން ނިދާން ތައްޔާރުވެގެން އެނދުގައި އޮށޯތުމުން ވެސް ނިދޭގޮތެއް ނުވިއެވެ. ދެއަތަށް ފުރޮޅިފުރޮޅި އޮވެވުނީ ހަމަ އަޒާންގެ ޚިޔާލުތަކުގައެވެ. ޑައިރީގެ ސަފުޚާތައް އަޒާންގެ ނަމުން ފުރާލަން ވެސް ހިތް ބުނެއެވެ. ޟަމީރުގެ އަޑުލައިގަތުންވަނީ ފަނޑުވެފައެވެ. ގޮތް ނޭނގޭ ޒުވާނަކު އަހަރެންގެ ޚިޔާލުތަކާއި ހިތް ޙިސާރުކުރަމުންދަނީ ކަމުގައި އެ ޟަމީރު ވިސްނައިދޭން އުޅުނެވެ. ނަމަވެސް މި ފޮނިފޮނި ޚިޔާލުތަކުގެ ތެރޭ ބެހިގެންދާން އަހަރެންގެ ހިތް ބޭނުންވެފައި ވެއެވެ. އަހަރެންގެ އެންމެހާ ސިއްރުތައް ހިފަހައްޓައިދޭނެ ތި އެކުވެރިޔާގެ ސަފުޙާތަކުގައި އަހަރެންގެ މި އިހުސާސްތަކުގެ ވާހަކަ ލިޔާނޭ ގޮތް ޚުދު އަހަންނަށް ވެސް ވަނީ ނޭނގިފައެވެ. ނަމަވެސް މި ޚިއްޞާކުރީ އަހަރެންނަށް ބުނެދެވޭނޭ އެންމެ ތިލަކޮށެވެ. އަހަންނަކީ ޝާއިރާއެއްނޫނެވެ. ފަށުވި ބަސްތަކުން އިހުސާސްތަކުގެ ރާގު މާމުއިގެ ކަންވާރެއް ފަދައިން ކަންފަތްތަކަށް އަޑުއަހާލަން ހިތްގައިމު ވާނޭ ތަރާނާއެއް ގޮތަށް އަމުނާލުމަށް އަހަރެން ނުކުޅެދެއެވެ.
* * * *
"މި ފަށުގައި މިވަނީ އޭ އަކުރު، އެއީ އަޒާންގެ ނަންފެށޭ އަކުރު" ޔާނާ ޑައިރީ ކިޔަމުން ދަނިކޮށް ޒޭން ބުނެލިއެވެ.
"އެނގޭތަ ޒޭނަށް! އަހަރެންގެ ބައްޕައަށް ވެސް ކިޔަނީ އަޒާން... މަޖާ ދޯ! ކޮމަން ނަމަކީ" ޔާނާ ހީނލިއެވެ.
"ދޮންމަންމަ އެ އުޅޭ ގޮތުން ހީވަނީ އެ އަޒާންއެއް ދެކެ ލޯބިވެވިގެން އުޅޭހެން. ނޫންތަ؟" ޒޭނަށް ދެބުމަ ކައިރިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
"އަހަންނަށް ވެސް ހީވަނީ ތިހެން... ދެން ލިޔެފަ އޮތް އެއްޗެއް ވެސް ކިޔާލީމައެއްނު އެނގޭނީ... ކިޔަނީ އިނގޭ" ޔާނާ އިނީ ޑައިރީ ކިޔުމަށް ނިކަން ޝައުގުވެރިވެފައެވެ. މިންނުގެ ޑައިރީގައި ބަޔާންކުރަމުން އަންނަ އިހުސާސްތަކަކީ ޚުދު ޔާނާއަށް ވެސް މިހާރު ކުރެވެމުން އަންނަ އިހުސާސްތަކެކެވެ. އެ ވާހަކަ އޭނާ މީހަކު ގާތު ނުބުނި ނަމަވެސް އޭނާއަށް ވެސް އެހެންވީމާ ލޯބި ވެވެނީތާއެވެ. ތުންފަތުގައި ދުވެލި ލުއި ހިނިތުންވުން ސިއްރުކޮށްލުމާއެކު އުނގުގައި އޮތް ޑައިރީގެ ސަފުޙާތަކަށް ޔާނާގެ ނަޒަރު ހިންގާލިއެވެ.
* * * *
މިންނުގެ ޑައިރީ:
ހަޔާތުގައި ކުރެވުނު ފުރަތަމަ ދަތުރަށްފަހު އަހަރެންގެ ހިތަކީ އަހަރެންގެ ބާރު ފޯރާއެއްޗަކަށް ނުވިއެވެ. އޮފީހަށް ދާހިތުން ރޭގައި ނުވެސް ނިދެއެވެ. އޮފީހުން ނޫނީ އަޒާން ނުފެންނާނޭކަން އެނގޭތީއެވެ. އެހާވަރުން އަޒާން ދުށުމަށް އަހަރެން ބޭނުންވެފައި ހުރީ ކުރެވުނު ދަތުރަށްފަހު އަހަންނަށް މި އައި ފަދަ ބަދަލުތަކެއް އޭނާއަށް ވެސް އައިތޯއެވެ. އަޒާންގެ ޚިޔާލުތަކުން ބައެއް ފަހަރަށް އަހަރެންގެ ޖަޒުބާތުތައް އުތުރިގަންނަހެން ހީވެއެވެ. އަނެއްބައި ފަހަރަށް ބަނޑުގައި ކުދިކޮކާ ބުރާހެން ވެސް ހީވެއެވެ. މި ހުރިހާ ކަމަކީ ލޯބިބާއެވެ. އަހަންނަށް ވެސް ލޯބިވެވެނީ ބާއެވެ. ނޫނީ އަހަރެން މިވަނީ އެ ލޯބީގައި ރަނގަޅަށް ބަނދެވި ނިމިފައި ބާއެވެ. އެއްގޮތަކަށް ވެސް ނޭނގެއެވެ. އަހަރެންގެ އަތުގައި އަޒާން ހިފާލި ހިސާބުގައި ފިރުމާލެވުނީ ކިތައް ފަހަރަކު ކަމެއް ވެސް ނޭނގެއެވެ.
އެކުވެރިޔާއެވެ. ލޯތްބަކީ ކޮންކަހަލަ ޖާދޫއެއް ހެއްޔެވެ. ރޭގަނޑުގެ ނިދި ތިމާއާ ދުރުކުރެއެވެ. ހިނގަހިނގާ ހުންނަ އިންޖީނެއް ފަދައިން ހިތާއި ސިކުނޑީގައި އަބަދުމެ ދައުރުވެ ހުންނަނީ އެއް ސޫރައެކެވެ. އެއް މަންޒަރެއް ތަކުރާރުކޮށް ސިފަވި ނަމަވެސް ފޫހިވުމެއް ނުވެއެވެ. ހިތުގެ ހަމަޖެހުން ތުންފަތަށް ހިނިތުންވުން ވެރިކުރުވަނީ އިޚްތިޔާރަކާ ނުލައެވެ.
މިއަދު އަހަރެން އޮފީހަށް ދިޔައީ ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. އެހެން ދުވަސް ދުވަހަށްވުރެ އަވަހަށް ގެއިން ވެސް ނުކުމެވިއްޖެއެވެ. ކަރުގެ ދެފަރާތަށް ވާގޮތަށް ފުރަގަހަށް ދޫކޮށްލެވިފައިވާ ދޯޕައްޓާގެ ކަނުގައި ހިފަހައްޓާލައިގެން ހުރެ މަގުގެ އެއްފަރާތުން އަހަރެން ހިނގަމުން ދިޔައީމެވެ. އޮފީހާ ހަމައަށް ދެވޭންދެން ވެސް ހުރެވުނީ އަޒާންގެ ޚިޔާލުގައެވެ. އިޝްގީ ބަލިމަޑުކަމުގެ އަސަރު އަހަންނަށް ވަރަށް ބޮޑަށް ކޮށްފިއެވެ. ކުރީން ގެއިން ނުކުތް ކަމުގައި ވިޔަސް ޚިޔާލީ ދުނިޔެއްގައި ހުރެވުނީތީ އޮފީހާ ހަމައަށް ދެވުނީ އެހެންޏާ ވެސް އާދެވޭ ގަޑީގައެވެ. ސިޑިން އަރައިގެން އައިސް އަހަރެން މަސައްކަތް ކުރާ ސެކްޝަންގެ ތެރެއަށް ވަދެވުނީ ހިނިތުންވެ ހުރެއެވެ. އެ ހިނިތުންވުން އޮފީހުން ދިމާވި ކޮންމެ މީހަކަށް ހަދިޔާކޮށްލެވުނެވެ.
ސައިކޮޓަރިއަށް އެހެންޏާ ވެސް އެންމެން ޖަމާވާ ގަޑިއަށް މިއަދު ވެސް ޖަމާވިއެވެ. އަންހެނުންތަކުގެ ތެރޭގައި ފާޑަކަށް ހިނިއައިސްފައި އަހަންނަށް އިނދެވުނުކަން އެނގުނީ އެމީހުންގެ ސަމާލުކަން އެކަމަށް ހުއްޓުނު ފަހުންނެވެ. އެކަކު އަނެކަކަށް އެކަމާ ގުޅުވައިގެން ސުވާލު އުފައްދަން ފެށީ އަހަންނަށް ވެސް އަޑު އިވޭ ހިސާބުގައެވެ. ބައެއް މީހުން އަހަރެންގެ ތުންފަތުގައިވި ހިނިތުންވުން ދަތުރާ ގުޅުވާލިއެވެ. އެއާއެކު އެމީހުންގެ ދޫތަކުން ހަސަނުގެ ނަން އިއްވާލުމާއެކު އަހަރެން މުޅީން މާޔޫސްވިއެވެ. އިސްޖަހާލުމާއެކު ސައިޖޯޑު ހުސްކޮށްލައިގެން އެ ތަނުން ނުކުންނާން އަހަރެން ނިންމީމެވެ. ހަމަ އެވަގުތު ސެކްޝަނުގެ ސީނިއަރ މުވައްޒަފެއްކަމަށްވާ ޝަފީގާ ވާހަކަދެއްކިއެވެ.
ޝަފީގާ: (ކަރުކެހިލާފައި) މިއަދު ހާދަ ތަފާތު ދުވަހެން ހީވޭ... މަންޖެ ގަޔާވާ ފަދަ ކަމަކާ ލައިގަތީތަ؟
ނަޒާރާ: އަހަރުމެން ދިޔަ ދަތުރުގެ އަސަރުހެން މަށަށް ހީވަނީ.
އެ މީހުންގެ ވާހަކަތަކަށް އަހަރެން ހިނިތުންވެލީމެވެ. އަދި ދަތުރުގެ ސަބަބުން އަހަންނަށް ބަދަލުތަކެއް އަތުވެއްޖެކަން ސިއްރެއް ނުކުރަމެވެ. ދަތުރު ދިއުމަކީ ސިކުނޑި ތާޒާވާ ކަމެއްކަން އަހަންނަށް އެނގުނީ އަދި ކިރިޔާ ކަމުގައި އެމީހުންނަށް ބުނެދިނީ ވާހަކައިގެ މިސްރާބު ހަސަނުން ނެއްޓި އެހެން ދިމާއަކަށް ދޭތޯއެވެ. ދަތުރަކަށްފަހު އަލުން އެނބުރި އޮފީހުގެ މަސައްކަތާ ކުރިމަތިލާއިރު މީހާ ހަމަޖެހިލާނޭ ފުރުޞަތު ލިބިއްޖެކަމުގައި ވެސް އަހަރެން ބުނީމެވެ. އަހަރެންގެ ވާހަކަތަކާ އެއްބަސްވާނޭ ބަޔަކު ތިއްބެވެ.
ސައިގަޑި ނިމި، އޮފީހުގެ ބުރަ މަސައްކަތްތައް ފެށުނުއިރު ވެސް އަޒާން އަހަންނާއި ދިމާއަށް ބަލާނުލިއެވެ. އެހެން ދުވަސް ދުވަހެކޭ އޭނާގެ ޢަމަލުތައް ތަފާތެއް ނުވިއެވެ. އެކަން އަހަންނަށް ވީ ޤަބޫލުކުރަން ދަތިވި ކަމަކަށެވެ. މި ހިތަށް ތަދުވާންފެށީ ދެނެވެ. އެދުވަހު ދަތުރުގައި އަޒާން އަހަންނާއި ވާހަކަދެއްކީ ނުހަނު ގާތްކޮށެވެ. އަހަރެން އުންމީދުކޮށްގެން ހުރީ އަހަރުމެންގެ ދެމެދުގައި އެކުވެރިކަމުގެ ފާލަމެއް އެޅިގެން ދިޔަ ކަމުގައެވެ. އެއީ ދަތުރު ނިންމާފައި މާލެ އައުމުން ވެސް އޭނާ އަހަންނަށް އެހީތެރިވެދިނީތީއެވެ. އޭނާގެ ފަރާތުން އެހީތެރިކަމަށް އަހަރެން ނޭދެނީސް ޚުދު އޭނާ އަމިއްލައަށް އިސްނެގީއެވެ. އެ ހުރިހާ ކަމެއް އެގޮތަށް ކުރުމުގެ ބޭނުމަކީ ކޮބާ ބާއޭ ހިތަށް އެރިއެވެ. އަނެއްކާ އަހަންނަށް ހީކުރެވުނު ގޮތް ގޯހީކަމަށް ވެސް ހިތަށްއެރިއެވެ. ކުރާން ހުރި މަސައްކަތަށްވުރެ އަޒާނަށް ދެވެން ފެށި ސަމާލުކަން އިތުރުވިއެވެ. އެކަމަކު އެއީ ގަސްދުގައެއް ނޫނެވެ. މި ހިތްހަމަ މަޑުން ނޯވެގެން ކުރެވުނު ކަމެކެވެ. ދަތުރަށްފަހު ސިކުނޑި ތާޒާވިއޭ ބުނި ބުނުމުގެ އެއްވެސް އޮއްޓަރެއްނެތެވެ. މަސައްކަތަށްވުރެ އެހެންކަމަކަށް އަހަރެންގެ ސަމާލުކަން ހުއްޓޭތީއެވެ.
ރަސްމީގަޑި ނިމި ގެއަށްދާން ތައްޔާރުވަމުންދިޔައިރު އަހަރެންހުރީ މުޅިން ވަޅޯވެފައި އިން މަލެއްހެންނެވެ. އެހިސާބުން އެއީ އަޒާން ރަނގަޅުކަމުން އަހަންނަށް ވެދިން އެހީތެރިކަމެއް ކަމުގައި ނިންމީމެވެ. ނޫނީ އެވާނީ ފަޒްލާއާއި އަޒާންއާ ދެމެދު ހިނގި ކަންތައްތަކުގެ ވާހަކަ ބަޔަކު ގާތުގައި އަހަރެން ދައްކާފާނޭކަމަށް އޭނާ ވެދިން އެހީތެރިކަމެއް ކަމުގައެވެ. އެ ޚިޔާލާއެކު އަޒާންގެ ޢަމަލުތަކާ މެދު އަހަރެންގެ ޟަމީރު ސުވާލު އުފެއްދިއެވެ. އޭނާއަކީ މަޑުމައިތިރި ފިރިހެނެއްކަމަކު އެއީ އޭނާގެ ހަޤީޤީ ސޫރަބާއެވެ. ނޫނީ އޭނާ ކަމެއް ފޮރުވަނީ ކަމަށް ވެސް ވެދާނެއެވެ. ހުސް ވެސް ހީތަކެވެ. އެއްކަމެއް ވެސް ޔަގީނެއްނުވިއެވެ. ހީތަކުގެ ޝިކާރައަކަށް އަހަރެންގެ ހިތްވެ ނިމެމުންދިޔައެވެ. ވީފޫހިންނާއި، އެއަށްވުރެ ވީދެރަޔާއެކު އޮފީހުން ނުކުންނާން މަޑުކުރީ އެންމެ ފަހުންނެވެ. އޭރު ވެސް ކުރިމަތީ ހުރި ޕާޓިޝަންގެ އަނެއްފަރާތުގައި އަޒާން ކޮމްޕިއުޓަރުން ކޮންމެ ވެސް މަސައްކަތެއް ކުރާން އިނެވެ. މުޅިތަން ހިމޭންވެ އަޒާން ނޫން އިތުރު މުވައްޒަފަކު ސެކްޝަނުގައި ނެތެވެ. ތަދު އިހުސާސް ކުރެވެމުންދިޔަ އަހަރެންގެ މޮޔަ ހިތަށް ވިސްނައިދެމުން ފަހު ފަހަރަށް ބަލާލާ އުސޫލުން އަޒާނަށް ސިއްރުން ބަލާލީމެވެ. އަދި ހަލުވި ހިނގުމުގައި އޮފީހުން ނުކުތީއެވެ.
އެކުވެރިޔާއެވެ. ހީކުރެވޭ ކޮންމެ ހީއަކީ އެކަމުގައި އެއްވެސް ހަޤީޤަތެއް އޮންނަ ކަމެއް ނޫނެވެ. ނަމަވެސް ވިސްނުމާއި ބުއްދި ދެއްވި ރަސްކަލާނގެ ކުޅަދުންވަންތަކެމެވެ. އަހަރުމެންގެ ސިކުނޑި ކުޑަކުޑަކަމާ މެދު ވެސް އެތައް ހާސް ގޮތަކަށް ވިސްނައެވެ. ކަންތައްތައް ކުރިއަށް ވާން އޮންނަ ގޮތް ދެނެވޮޑިގެންވަނީ އެންމެ ފަރާތެކެވެ. މުސްތަޤުބަލު ދެނެގަތުމަތީ އިންސާނުންގެ ބުއްދިއަށް ވެސް ލިބިގެންވާ ބާރެއް ނޫނެވެ. އެހެންނޫންނަމަ އޮފީހުގައި ހޭދަވެގެންދިޔަ ހުރިހާ ވަގުތެއްގައި އަޒާންދެކެ ހިތްހަމަނުޖެހި ފޫހިވެފައި އަހަރެން ނުއިނީމުހެވެ. އެހެންނޫނަސް ހިތް އެދޭ މީހަކުދެކެ ނުރުހުންވެފައި ގިނައިރަކު ނުހުރެވޭނެއެވެ. ކަންތައްތައް ވެގެންދިޔައީ އަހަރެން ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
އަހަރެން އޮފީހުން މަގުމައްޗަށް ނުކުމެ ނުކުމެ ހުއްޓާ ފަހަތުން މީހަކު ގޮވާލިއެވެ. އެ އަޑު އިވުމާއެކު ވަގުތުން އެއީ ކާކުކަން އަހަރެންގެ ހިތް ދެނެގަތެވެ. އަޒާންގެ ފިރިހެންވަންތަ ޖާދުވީ އަޑުޖެހުމުން އަހަރެންގެ ހަށިގަނޑުން ވާގި ނުދިޔައީ ކިރިޔާއެވެ. ވަގުތުން ފަސް އެނބުރި ހިތުގެވެރިޔާއާ ދިމާއަށް ބަލާލަން ބޭނުންވިއެވެ. ހަމައެއާއެކު އަޒާން އެހާ އަވަހަށް އޮފީހުން ފޭބި ގޮތަކާ މެދު އަހަރެން އަޖައިބު ވިއެވެ. ހިތަށް އިތުރު އަނިޔާތަކެއް ލިބިދާނޭ ޟަމީރު ވިސްނައިދިނީ އެވަގުތުއެވެ. އެހެންވެ އަޒާންގެ އަޑު އިވުނު ކަމަށް ނުހަދާ ކުރިއަށް ހިނގައިގަތީމެވެ. ނަމަވެސް އަހަރެންގެ ހިތް ގޮވަމުންދިޔައީ ފަސްއެނބުރި އަޒާނަށް ބަލާލުމަށެވެ. އަތްދަބަހުގައި ބާރަށް ހިފަހައްޓާލީމެވެ. ނަފްސުގެ މައްޗަށް ބާރު ފޯރުވުމަށް ހިތްވަރު ނެރުމަށެވެ. ފަހަތުން މީހަކު ދުވެފައި އައިސް އެއްވަރު ކުރުމުން އަހަރެން ބަލާލީމެވެ.
އަޒާން: ގެއަށް ދަނީތަ؟
އޮފީސް ނިމޭ ގަޑީގައި ދެން އަހަރެން ގެއަށްނޫން ތަނަކަށް ދާނެހެއްޔެވެ. އަހަންނަކީ އެއްވެސް އިރަކު ދާނޭ މާގިނަ ތަންތަނެއް އޮންނަ މީހެއްނޫނެވެ. އަޒާނެއް ކަމަކު އެއީދެން ކުރަން ކޮންކަހަލަ ސުވާލެއް ހެއްޔެވެ. އެކަމަކުވެސް އަހަރެން ހޫނ އެކޭ ބުނެލީމެވެ. ގަސްދުގައި ގަޔާނުވާކަން ދައްކަން ނިކަން މަސައްކަތް ކުރީމެވެ. އަޒާން ދޭތެރެއަކުން ބަލާލާއިރު ހީވަނީ ކޮންމެވެސް ވާހަކައެއް ބުނާން ބޭނުންވެގެން އުޅޭ ހެނެވެ. އެހެން ހުރެފައި ނިކަން އަވަސް އަވަހަށް ވަށައިގެން ނަޒަރު ހިންގާ ވެސް ލައެވެ. ހީވަނީ އަހަރުމެން ދެ މީހުންނަށް މީހެއްގެ ނަޒަރު ހުއްޓިދާނޭތީ އޭނާ ކަންބޮޑުވަނީ ހެނެވެ. ނަމަވެސް އަޒާނަށް އެ ދައްކާން އުޅޭ ވާހަކައެއް ނުބުނެވުނެވެ. އަނެއްކޮޅުން އަހަންނަށް ވެސް ބުނާނޭ އެއްޗެއް ނޭނގުނެވެ. ސުވާލެއްކޮށްލާކަށް ވެސް ނުކެރުނެވެ.
އަޒާން: އަހަރެން... މީ... މިންނުގެ ގެއަށް ގެންގޮސްދޭންތަ؟
އިރުކޮޅަކު ހުރެފައި އަޒާން އަހާލިއެވެ. އަނެއްކާ ވެސް އޭނާގެ ސައިކަލު ފަހަތަށް އަރާން ދަޢުވަތު ދިނީއެވެ. އުފަލުންގޮސް ހުރިތަނުގައި ހުރެ ވެސް ނަށައިގަންނާން ބޭނުންވިއެވެ. އެހެންނަމަވެސް އަހަރެންގެ ހަނދާނަށް ކުއްލިއަކަށް އައީ އަޒާން މިއަދު އުޅުނުލެއް ދުރުކަމެވެ. ރަޙުމަތްތެރިކަން ބާއްވަން ބޭނުންވަންޏާ ވެސް ރީތިގޮތުގައި ފާޅުގައި ބޭއްވުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި އަހަރެން ޤަބޫލުކުރަމެވެ. މީހުންނަށް ނުފެންނާނޭހެން ސިއްރު ސިއްރުން އަހަންނާ ވާހަކަދައްކަން އަޒާން ބޭނުންވުމަކީ އެކަމަށް އަހަންނަށް ރުހެވޭނޭ ކަމެއްނޫނެވެ. ޚިޔާލުތަކުގައި ހުރެ މާޔޫސްކަމާއެކު އަހަރެން ދެކޮޅު ހެދީމެވެ. ހިތާ ދެކޮޅަށެވެ.
އަޒާން: އަހަންނަށް އުނދަގުލެއްނުވާނޭ... އަހަރެން ގެއަށްދާ މަގުމަތި އެއީ. މިންނު ގެންގޮސް ދީފާނަން. ހިނގާފައި ދިއުމަށްވުރެ އަވަހަށް ދެވޭނެ. ޕްލީޒް... ހިނގާ އަހަންނާއެކު.
އަހަރެން ނޫނެކޭ ބުނުމުން ވެސް އަޒާން އަލުން އެހީއެވެ. އޭނާ އެހާ ވަރުން އެދުމުން އަހަންނަށް ވެސް އަހަރެންގެ އަމިއްލަ ހިތް ނުހިފެއްޓުނީއެވެ. އަޒާން ހަޤީޤަތުގައި ވެސް އަހަރެން ގޮވައިގެން ދާން ބޭނުންވަނީއޭ އަހަރެންގެ ހިތް ބުނެލިއެވެ. ލުއި ހިނިތުންވުމަކާއެކު އާނއެކޭ ބުނެވުނީއެވެ. -- (ނުނިމޭ)