ހަބަރު

ވަޅި ޖަހައި އަނެއްކާވެސް މީހަކު މަރާލައިފި

މާލޭގައި ގްރޫޕްމާރާމާރީތައް މަދުވެފައިވާ އޮންނަތާ ދުވަސްކޮޅަކަށް ފަހު މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ޒަހަމް ކޮށްލި ދެ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ. އެ މީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ މިރޭ ތޫނު އެއްޗަކުން މީހަކު ހަމަލާދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 11:22 ހާއިރު ކަމަށެވެ. މާރާމާރީގައި އަނިޔާވި ދެވަނަ މީހާއަށްވެސް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މާރާމާރީ ހިންގާފައި ވަނީ މާފަންނު، ދުބުރިމިސްކިތް ހިމެނޭ ސަރަހައްދުގަ އެވެ. އެ ސަރަހައްދު ބަންދުކޮށް ފުލުހުން އަންނަނީ ސީންގައި ހަރަކާތްތެރިވަމުން އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައިވަނީ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގާ ޒުވާނަކު މަރާލާފަ އެވެ. އެއަށް ފަހު ހިނގި ގްރޫޕް މާރާމާރީތަކުގައި، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް ވަނީ މަރާލައިފަ އެވެ.

މިރޭގެ މާރާމާރީ ވެސް ހިނގީ މާލޭގެ މަޝްހޫރު ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށްވެ އެވެ.