ދުނިޔެ

އުތުރުކޮރެއާ އަށް ބިރު ދައްކަން އެމެރިކާއިން މަތިންދާބޯޓްތަކެއް ފޮނުވައިފި

އުތުރުކޮރެއާގެ އިރުމަތީ އައްސޭރީގެ ކައިރިން އެމެރިކާގެ ބޮން އަޅާ މަތިންބޯޓްތަކެއް އުދުހިއްޖެއެވެ.

އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަނުން ބުނީ އެއީ އެގައުމުގެ ބަލިކުރަން އަސްކަރީ ފިޔަވަޅު އެޅުމަށް އޮތް ފުރުސަތުތައް ދައްކައިލުމަށް ކުރި ކަމެއް ކަަމަށެވެ. އަދި ބުނީ މިއީ ދެކޮރެއާ ދެމެދު ގާއިމްކޮށްފައިވާ އަސްކަރީ ހަރަކާތްތައް ހިންގުން މަނާ ސަރަހައްދުގެ އުތުރުން، 21 ވަނަ ގަރުގައި އެންމެ ދުރަށް އެމެރިކާ ބޯޓްތައް އުދުހުނު ފުރަތަމަ ފަހަރު ކަމަށެވެ.

އުތުރުކޮރެއާއަށް ބިރު ދައްކަން އެމެރިކާއިން ވަނީ ކުރިން ވެސް މަތިންދާބޯތްތަކެއް އުދުއްސާފައެވެެ. ނަމަވެސް އެގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އުތުރުކޮރެއާއިން ކުރިއަށް ގެންދާ ނިއުކްލިއަ މަޝްރޫއާ ހެދި އެމެެރިކާއާ އެގައުމާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފައެވެ.

ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން އުތުރުކޮރެއާގެ ފޮރިން މިނިސްޓަރު ރީ ޔޮން ހޯ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް ގެންދަވަނީ އަމިއްލައަށް މަރުވުމުގެ މަސައްކަތްޕުޅެއް ކަމަށެވެ. އެއީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް ނިސްބަތް ކުރައްވާ ޓްރަމްޕް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމަށް ވިދާޅުވި ވާހަކަފުޅެކެވެ.

ޔޫއެން ޖެނެރަލް އެސެމްބްލީގައި ޓްރަަމްޕް ކުރެއްވި ފުރަތަމަ ތަގުރީރުގައި ވިދާޅުވީ ' ރޮކެޓް މޭން" އުޅެނީ އަމިއްލައަށް މަރުވުމުގެ މިޝަން އެއްގައި ކަމަށެވެ. " ރޮކެޓް މޭން" އަކީ ކިމްޖޮން އުން އަށް ޓްރަމްޕް ހައްދަވައިގެން އުޅުއްވާ ވަނަމެކެވެ.

ރީ ވިދާޅުވީ ޓްރަމްޕް ކުރެއްވި މަލާމާތުގެ ސަބަބުން އުތުރުކޮރެއާގެ ރޮކެޓްތައް އެމެރިކާގެ މައި ރަށަށް ފޯރުމަކީ ނުވެ ނުދާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ' އެމެރިކާ އާއި ބައިވެރިން ދިފާއުކުރުމަށް އުތުރުކޮރެއާ މުޅިން ފަނާކޮށްލަން ޖެހިދާނެ ކަަމަށް" ވިދާޅުވެ، ޓްރަމްޕް ދެއްކެވި ވާހަކަފުޅުގެ އަގު ވަރަށް ބޮޑުކޮށް ދައްކަވަން ޖެހޭނެ ކަމަށެވެ.

ރީގެ ވާހަކަފުޅަށް ޓްރަމްޕް ރައްދު ދެއްވީ އާދައިގެ މަތިން ސޯޝަލް މީޑިއާ ޓްވިޓާގައެވެ. ވިދާޅުވީ ރުޅި އެރުވުމާއި ބިރު ދެއްކުން ކުރިއަށް ގެންދާ ނަމަ ރީ އާއި ކިމް އަށް މާގިނަ ދުވަހަކު ނުތިބެވޭނެ ކަމަށެވެ.

ނިއުކްލިއަ ޓެސްޓް ނުކުރުމަށާއި މިސައިލް ނޫފެއްދުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވައިލަމުންދާ ގޮވައިލުންތަކަށް އުތުރުކޮރެއާއިން ވަނީ ބީރު ކަންފަަތެއް ދީފައެވެ. އަދި އެގައުމުން ވަނީ ފަހަކަށް އައިސް ގިނަ މިސައިލްތަކެއް ޓެސްޓްކޮށްފައެވެ.