ދުނިޔެ

ޖަރުމަނުގެ ޗާންސެލާ ހޮވަން ވޯޓްލާން ފަށައިފި

ޗާންސެލަރަކާއި ސަރުކާރެއް އިންތިހާބު ކުރަން އިންތިހާބުގައި އެގައުމުގެ ރައްޔިތުން މިއަދު ވޯޓްލާން ފަށައިފިއެވެ.

ޖަރުމަނުގެ އިންތިހާބުގައި މިފަހަރު އެންމެ ކައިރިން ވާދަކުރައްވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވައިގެން އުޅުއްވާ މިހާރުގެ ޗާންސެލާ އެންޖެލާ މާކެލްއާއި އިދިކޮޅު ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް މާޓިން ޝުލްޒްއެވެ. މާކެލް އަކީ ވެރިކަން ކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަންގެ ކެންޑިޑޭޓެވެ.

ޖަރުމަނުގެ އިންތިހާބުގައި ވޯޓްލުމަށް ޕޯލިން ސްޓޭޝަންތައް ހުޅުވާފައި ހުންނާނީ އެގައުމުގެ ގަޑިން މިއަދު ހަވީރު ހައެއް ޖަހަން ދެނެވެ. ވޯޓްލާ ނިމުމާ އެކު އެގައުމުގެ މައިގަނޑު ދައުލަތުގެ ދެ ޓީވީ ޗެނަލުން ލަފާ ކުރާ ނަތީޖާއެއް ހާމަ ކުރާނެ ކަމަށް ބެލެވެއެވެ.

ފުރުސަތު ބޮޑީ ކާކަށް؟

ޖަރުމަނުގެ ޗާންސެލާ ކަމަށް ދެން ވަޑައިގަންނަވާ ބޭފުޅަކު ކުރައްވަން އޮތީ ވަރަށް އުނދަގޫ މަސަައްކަތްތަކެކެވެ. އޭގެ ތެރެއިން އެންމެ އުނދަގޫ ކަމަކީ ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ކުރާ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ. އޭގެ އިތުރުން ޓެރަރިޒަމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ.

ބައިނަލް އަގުވާމީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ އެ މަސައްކަތްތަކުގެ އިތުރުން ޖަރުމަނުގެ އެތެރޭގައި ކުރައްވަން ވެސް ހުރީ ބުރަ މސައްކަތްތަކެކެވެ. އޭގެ ތެރޭގައި ހިޖުރަކުރާ މީހުންގެ މައްސަލައާއި ތައުލީމަށާއި ޒަމާނީ ޓެކްނޮލޮޖީއަށް ކުރަން ޖެހޭ އިންވެސްޓް ހިމެނެއެވެ.

މަގާމުގައި މިހާރު ހުންނެވި މާކެލް ވައުދުވެވަޑައިގެންފައި ވަަނީ ޖަރުމަނުގައި މިހާރުވެސް ނިސްބަތުން ކުޑަ ކަމެއްގެ ގޮތުގައިި އޮތް ވަޒީފާ ނެތް މީހުންގެ އަދަދު މަދުކުރުމާއި މެދު މިންވަރަކަށް ޓެކްސް ކުޑަކުރުމަށެވެ. ރެފިއުޖީންގެ ކަންތަކުގައި ގެންގުޅުއްވާނީ މިހާރުވެސް އޮތް ހުޅުވާލާފައިވާ ސިޔާސަތު ކަމަށް މާކެލް ވަނީ ވިދާޅުވެފައެވެ.

މާކެލްގެ އެ ސިޔާސަތުގެ ސަބަބުން މިލިޔަނަކަށް ވުރެ ގިނަ ރެފިއުޖީން މިހާރުވެސް ވަނީ ޖަރުމަނަށް އެތެރެވަފައެވެ.

މި ވައުދުތަކާ އެކުގައި ވެސް ޖަރުމަނުގެ މީޑިއާއިން ސިފަކުރާ ގޮތުގައި އިންތިހާބަށް މާކެލް ވެވަަޑައިގެންފައިވާ މާބޮޑު ވައުދު ތަކެއް ނެތެވެ. އޭނާގެ ކެމްޕޭން މީޑިއާއިން ސިފަކޮށްފައި ވަނީ ' ނިދީގައި ހިނގާ ހިނގުމެއް" ގެ ގޮތުގައެވެ.

އިދިކޮޅު ލީޑަރު ޝުލްޒް ވައުދުވެވަޑައިގެންފައި ވަނީ މުއްސަނދިންގެ އަތުން ނަގާ ޓެކްސްތައްް ބޮޑު ކުރުމަށާއި މަސައްކަތްތެރިންނާއި ޕެންޝަނަރުންގެ ފަގީރުކަން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުއްވުމަށެވެ. އުމްރާނީ އޮނިގަނޑު ބިނާކުރުމަށާއި ތައުލީމަށް އިންވެސްޓްކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ. އެ ވައުދު ތަކާ އެކު އޭނާ ކުރައްވަމުން ގެންދަވަނީ ވަރުގަދަ ކެމްޕޭނެކެވެ.

ކެމްޕޭން ކުރިއަށް ގެންދަވާ ގޮތަށް ބަލާއިރު ޝުލްޒްއަށް ފުރުސަތު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.

ޖަރުމަނުގެ އިންތިހާބުގައި ވޯޓުލުމަށް ޝަރުތު ހަމަވާ 61.5 މިލިޔަން މީހުން އެބަ ތިއްބެވެ. އިންތިހާބުގައި ވާދަކުރަނީ 42 ޕާޓީއަކުންނެވެ. އެކަމަކު ޖަރުމަނު ޕާލަމެންޓަށް މެމްބަރުން އިންތިހާބުވާނެ ކަމަށް ބެލެވެނީ އޭގެ ތެރެއިން އެންމެ ހަ ޕާޓީއަކުންނެވެ.