މި ސީޒަންގައި ލިވަޕޫލަށް ޑިފެންސަށް ކުރިމަތިވެފައިވާ މައްސަލަ އަކީ އޭނާއަށް ކުރިމަތިވާ ވަރަށް ބޮޑު ބޮލުގެ ރިހުމެއް ކަމަށް، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ޕްރިމިއާ ލީގްގައި އެ ޓީމު ކޮޅަށް މިހާތަނަށް ވަނީ 11 ގޯލް ވަދެފަ އެވެ. އެއަަށްވުރެ ގިނައިން ގޯލް ވެދެފައި ވަނީ ތާވަލުގެ އެންމެ ފަހަތުގައި އުޅޭ ޓީމުތައް ކަމަށްވާ، ކްރިސްޓަލް ޕެލަސް އާއި ވެސްޓްހަމް އާއި ލެސްޓާ ސިޓީގެ ކޮޅަށެވެ.
އެންމެ ފަހުން ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި، ލިވަޕޫލުން ތިން ލަނޑުގައި ވަނިކޮށް، ނަތީޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ލެސްޓާ ދިޔަ އެވެ. ނަމަވެސް، ލިވަޕޫލް ސަލާމަތްވީ ޖޭމްސް ވާޑީ ފޮނުވާލި ޕެނަލްޓީ، ކީޕަރު ސިމޯން މިނިއޯލޭ ދިފާއު ކުރުމުން ނެވެ.
ކްލޮޕް ފާހަގަ ކޮށްފައި ވަނީ ޑިފެންސްގައި ހުންނަން ޖެހޭ ސޮލިޑް އޭނާގެ ޓީމުގެ ޑިފެންސްގައި އުނި ވާ ކަމަށެވެ.
"ތެދެއް އަހަރެމެން ކޮޅަށް ވަރަށް ގިނަ ގޯލް ތަކެއް ވަދެއްޖެ އެކަމަކީ އަހަންނަށް ވަރަށް އުނދަގޫ ވާ ކަމެއް،" ކްލޮޕް ބުންޏެވެ. "އަހަންނަކީ ވަރަށް ރަނގަޅު ޑިފެންސިވް ކޯޗެއް ނަމަވެސް އަދި މިހާތަނަށް އެކަން އެހާ ރަނގަޅަކަށް މަސައްކަތެއް ނުކުރޭ."
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލުން ވަނީ، ސައުތުހެމްޓަންގެ ހޮލެންޑްގެ ޑިފެންޑަރު ވިރެޖިލް ވެން ޑީކް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަން ހުއްޓާލަން ޖެހުނީ، އޭނާ ގެނައުމަށް ލިވަޕޫލުން ޓްރާންސްފާގެ އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރާ ކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާ ގުޅިގެން ނެވެ.
ސެންޓްރަލް ޑިފެންސް ވަރުގަދަ ކުރުމަށް، ކްލޮޕްގެ ޓީމަށް އިތުރު ޑިފެންޑަރެއް ގެނެސްފަ އެއް ނުވެ އެވެ. ދިފާއީ ކުޅުންތެރިޔަކަށް އޭނާ ގެނައީ ހަލް ސިޓީއަށް ކުޅެމުން ދިޔަ ވާތު ބެކް އެންޑްރޫ ރޮބިންސަން އެވެ. ފަހުން ކްލޮޕް ބުނެފައި ވަނީ އޭނާގެ ޓީމުގައި އޮތް ސްކޮޑާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
ޗެމްޕިއަންސް ލީގްގައި މާދަމާ ރޭ، ލިވަޕޫލް ނިކުންނާނީ ރަޝިޔާގެ ސްޕާޓޭކް މޮސްކޯއާ ދެކޮޅަށެވެ. އެ މުބާރާޓުގެ ފުރަތަމަ މެޗުގައި، ސެވިއްޔާ އާދެކޮާޅށް އމަިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ވެސް، ލިވަޕޫލް ލީޑްގައި ވަނިކޮށް މެޗުގެ އެންމެ ފަހު ކޮޅުގައި، ސެވިއްޔާއިން ޖެހި ލަނޑުން ނެވެ.