ކުޅިވަރު

އަށް އަހަރަށްފަހު ނެޑްވިއެޑް އަލުން ކުޅެން ތައްޔާރު ވެއްޖެ

Sep 25, 2017

ކުޅުން ހުއްޓާލިތާ އަށް އަހަރު ފަހުން، ޗެކްރިޕަބްލިކްގެ ލެޖެންޑް ޕަވެލް ނެޑްވިއެޑް އަލުން ކުޅެން ފަށަން ތައްޔާރުވުމުގެ ގޮތުން، ޗެކްރިޕަބްލިކްގެ ޓީމަކަށް ކުޅެން ސޮއި ކޮށްފި އެވެ.

ޔުވެންޓަސްގައި ކާމިޔާބު އަށް އަހަރު ހޭދަ ކުރުމަށްފަހު، ނެޑްވިއެޑް ރިޓަޔާ ކުރީ 2009 ވަނަ އަހަރު އެވެ. މިހާރު އޭނާ އަކީ ޔުވެންޓަސްގެ އެއް ނައިބު ރައީސް އެވެ. އޭނާ ގުޅުނު ޓީޖޭ ސްކަލްނާ އަކީ، ނެޑްވިއޭޑްގެ ޔޫތު ކެރިއާގައި އޭނާ ކުޅުނު ޓީމެކެވެ. އޭނާގެ ދަރިފުޅު ޕަވެލް ޖޫނިއާ ވެސް ކުޅެމުން ދަނީ އެޓީމަށެވެ.

ސްކަލްނާ އަށް ނެޑްވިއެޑް ސޮއި ކުރީ، ޔުވެންޓަސް އާއި ސްކަލްނާ އާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ. ނެޑްވިއެޑް ވަނީ 2003 ވަނަ އަހަރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.

"އަހަރެމެން އިއުލާން ކުރަން އޭނާ އެޓީމެއްގައި ހުރެގެން ބޮޑުވި ޓީމަށް ޕަވެލް [ނެޑްވިއެޑް] ގުޅިއްޖެ ކަމަށް،" ސްނަލްކާގެ ވެބްސައިޓްގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

ސުވާލަކީ، އޭނާ އެނބުރި ކުޅެން ނިކުންނާނީ ކޮން ދުވަހަކުން ހެއްޔެވެ. ނުވަތަ އެއީ އޭނާގެ ދަރިފުޅު ކުޅެމުންދާ ކުލަބަށް ޕްރަމޯޓް ކުރުމުގެ ގޮތުން އޭނާ ކުރި ސޮޔެއް ހެއްޔެވެ. ފުޓްބޯޅަ ކިޓްގައި ދަނޑަށް ނިކުމެ އޭނާގެ ކުރީގެ ޖާދޫ ދައްކާ ލެވޭނެ ހެއްޔެވެ.

"ޕަވެލް ޓީމާ ގުޅޭނެ ދުވަހެއް އަދި ސާފެއް ނުވޭ، ޔުވެންޓަސްގެ ނައިބު ރައީސެއްގެ މަސައްކަތުގައި އޭނާ އުޅެނީ ވަރަށް ބުރަކޮށް." ސްކަލްނާގެ ބަޔާނުގައި އޭނާ ބުނެފައި ވެއެވެ.

ޗެކްރިޕަބްލިކްގެ ގައުމީ ޓީމަށް އޭނާ ވަނީ 91 މެޗު ކުޅެދީފަ އެވެ. ސީނިއާ ކުލަބު ލެވަލްގައި އޭނާ ބޮޑުބައެއް ހޭދަ ކުރީ، އިޓަލީގެ ލާޒިއޯ އާއި ޔުވެންޓަސްގަ އެވެ.