ވިޔަފާރި

ސެވަންސްޓާ ލަގްޒަރީ އެވޯޑު ލެޓްސްގޯއަށް

ޓޫރިޒަމްގައިދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ސެވަންސްޓާ ލަގްޒަރީ ހޮސްޕިޓާލިޓީ އެންޑް ލައިފް ސްޓައިލް އެވޯޑު" ރާއްޖޭގެ ލެޓްސްގޯ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ގްރީސްގެ ވެރިރަށް އެތަންސްގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑާ ލެޓްސްގޯގެ ފަރާތުން ހަވާލުވެ ވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) އެވެ.

ލެޓްސްގޯ ރިޔާޒު "އަވަސް" އަށް ވިދާޅުވީ މި އެވޯޑު ލިބުމަކީ ރާއްޖެ އާއި އެ ކުންފުންޏަށް ވެސް ލިބުނު ޝަރަފެއް ކަމަށެވެ. މީގެން ދައްކުވައިދެނީ އެ ކުންފުނިން ދޭ ހިދުމަތަކީ ޓޫރިޒަމްގެ އެންމެ މަތީ ފަންތީގެ ހިދުމަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެއް އެވޯޑު. އެހެންވެ މި އެވޯޑު ލިބުމަކީ ލިބޭ ޝަރަފެއް،" ރިޔާޒު ވިދާޅުވި އެވެ.

ސެވަން ސްޓާ ލަގްޒަރީ އެވޯޑު މީގެ ކުރިން ރާއްޖެ އަށް ތިން ފަހަރެއްގެ މަތިން ލިބިފައިވެ އެވެ. ނަމަވެސް ރާއްޖޭގެ ކުންފުންޏަކަށް މީގެ ކުރިން ލިބުނުކަން އެނގިފައެއް ނުވެ އެވެ. ލަގްޒަރީ ލައިފް ސްޓައިލް މި އެވޯޑު ދެނީ އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހިދުމަތްދޭ ފަރާތް ތަށެވެ. މިގޮތުން ޓްރެވަލް އެޖެންސީތަކާއި ހޮޓާ އަދި ރިސޯޓުތަކުގެ އިތުރުން އެއާލައިންތަކަށް ވެސް މި އެވޯޑު ދެ އެވެ.