ކުޅިވަރު

ޔުވެންޓަސް އަތުން ބަލިވުން އެޅުނީ އަހަރެންގެ ބޮލުގައި: މެތިއު

Sep 26, 2017

މިދިޔަ އަހަރު، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި، ޔުވެންޓަސް އަތުން ބާސާ ބަލިވުމުން އެޅުވީ އޭނާގެ ބޮލުގައި ކަމަށާއި އެހެން ކުޅުންތެރިންގެ ބޮލަށް އެކަން ނާންނަ ކަމަށް ބާސާގެ ކުރީގެ ޑިފެންޑަރު ޖެރުމީ މެތިއު ބުނެފި އެވެ.

މިހާރު ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަން އަށް ކުޅެމުންދާ މެތިއު ބުނީ، އެ މެޗުގައި، މައްސަލައަކީ އޭނާ ކަމަށާއި ޖަރާޑް ޕީކޭ އާއި ހާވިއޭ މެޝަރާނޯ ކުރީ ކީއްތޯ ސުވާލު ނުކުރާ ކަމަށެވެ.

"އަހަރެން ދުށިން ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު އެންމެން ބުނީ އަހަންނޭ އެ މެޗުގައި މައްސަލަ އަކީ، އެއީ ތެދެއް ޔުވެންޓަސްއިން ގޯލް ޖެހިއިރު އަހަރެން ހުރީ ވަން އެގެއިންސްޓް ވަން ގައި ނަމަވެސް އަހަންނަކަށް ބޯޅަ ނުހޯދުނު، ނަމަވެސް ބޯޅަ މިސްރާބު ބަދަލު ކޮށް ޔުވެންޓަސް އިން ޕާހެއް އުފެއްދީ، ނަމަވެސް އެއްވެސް މީހަކު ނުބުނޭ ކޮބާހޭ މެޝަރާނޯ އާއި ޕީކޭ ކުރި ކަމަކީ އެއްވެސް މީހަކު އެ ސުވާލެއް ނާހާ." ސްޕެއިންގެ މާސާ އަށް ދިން އިންޓަވިއުގައި މެތިއު ބުންޏެވެ.

އޭނާ ބުނީ ކުޅިވަރު މީޑިއާތަކުންވެސް، އެކަން އެޅުވީ އޭނާގެ ބޮލުގައި ކަމަށާއި އޭނާ އަބަދުވެސް ކުޅޭއިރު ކުޅިވަރު މީޑިއާ ތަކުން ސުވާލު އުފައްދާ ކަމަށެވެ.

އަދި ބާސާގެ ރައީސް ޖޯސެފް މާރިއާ ބޯޓެމައު އާއި ޓެކްނިކަލް ޑައިރެކްޓާ ރޮބަޓް ފެނާންޑޭޒް އޭނާއާ މެދު ކަންތައް ކުރީ ވަރަށް ވިޔާ ނުދާކޮށް ކަމަށެވެ.

ޗެމްޕިއަންސް ލީގްގައި، މާދަމާ ރޭ ބާސާ ނިކުންނާނީ، ސްޕޯޓިން އާ ދެކޮޅަށެވެ. ބާސާއާ ކޮޅަށް އޭނާ ލަނޑު ޖަހައިފިނަމަ އުފާ ފާޅު ކުރާނެތޯ އެހުމުން އޭނާ ބާސާގައި ތިބީ އޭނާ ކުރީ އެކުވެރިން ކަމަށާއި އެޓީމުގެ ސަޕޯޓަރުންނަވެސް އިހްތިރާމް ކުރާ ކަމަށެވެ.