ދުނިޔެ

ލަންކާގައި ކާރުހާނާއެއް ހަދަން ޗައިނާއިންް 3 ބިލިޔަން ޑޮލަރު ހޭދަ ކުރަނީ

ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފައިވާ ހަމްބަންޓޯޓާ ބަނދަރުގައި ތެޔޮ ސާފުކުރާ ކާރުހާނާއެއް އަޅަން ތިން ބިލިޔަން ޑޮލަރު އިންވެސްޓް ކުރުމަށް ސްރީލަންކާ ސަރުކާރުން ޗައިނާގެ ދެ ކުންފުންޏަކާ ވާހަކަ ދައްކަން ފަށައިފި އެވެ.

ލަންކާ ސަރުކާރުގެ ބޯޑް އޮފް އިންވެސްޓްމެންޓްގެ ޑައިރެކްޓަރް މަންގަލަ ޔާޕާ ސަންޑޭ ޓައިމްސް ނޫހަށް ވިދާޅުވެފައި ވަނީ ޖޮއިންޓް ވެންޗާ އެއް އުފައްދައިގެން ކާރުހާނާ އަޅަން ޗައިނާގެ ދެ ކުންފުންޏަކުން ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ދެ ކުންފުނިން ހުށަހަޅާފައި ވަނީ އަހަރަކު ފަސް މިލިޔަން ޓަނުގެ ތެޔޮ ސާފުކުރެވޭ ވަރުގެ ކާރުހާނާއެއް އަޅަން ކަމަށެވެ. އެކަަމަށް 2.5 ބިލިޔަން ޑޮލަރާ ތިންް ބިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ އިންވެސްޓް ކުރަން ވެސް އެ ދެ ކުންފުނިން ވަނީ ހުށަހަޅާފައެވެ.

ކާރުހާނާ އަޅަން 500 އޭކަރުގެ ބިމެއް ބޭނުންވާނެ ކަމަށް ވެސް މަންގަލަ ވިދާޅުވެފައި ވެއެވެެ. ތެޔޮ ސާފުކުރާ ކާރުހާނާ އަޅަން ހުށަހެޅި ޗައިނާގެ ދެކުންފުނީގެ ނަމެއް މަންގަލަ ހާމަައެއް ނުކުރައްވައެވެ.

ކާރުހާނާއަޅަން ޗައިނާގެ ދެކުންފުންޏަކާ ލަންކާ ސަރުކާރުން ވާހަކަ ދައްކަން ފެށި އިރު، އިންޑިއާގެ ކުންފުންޏަކުން މިހާރު ވެސް އަންނަނީ އެފަދަ ކާރުހާނާއެއް ލަންކާގައި ހިންގަމުންނެވެ. ޓްރިންކޮމޮލީގައި ހިންގާ އެ ކާރުހާނާއިން ދުވާލަކު އެއް ލައްކަ ފީފާ ތެޔޮ ސާފުކުރެ އެވެ.

ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން ސޮއި ކުރީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ. އެކަމާ އެންމެ ބޮޑަށް ކަންބޮޑުވީ އެއް ގައުމަކީ އިންޑިއާ އެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް (ސީއެމްޕޯޓްސް)އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެ އެވެ. އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނީގެ މައިގަނޑު ހިއްސާ (70 ޕަސެންޓް ހިއްސާ) އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެކުންފުންޏަށެވެ.

އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ.