ވާހަކަ

މިންނުގެ ޑައިރީ

(24 ސެޕްޓެމްބަރ 2017 އާ ގުޅޭ)
އަހަރެން ނޫނެކޭ ބުނުމުން ވެސް އަޒާން އަލުން އެހީއެވެ. އޭނާ އެހާ ވަރުން އެދުމުން އަހަންނަށް ވެސް އަހަރެންގެ އަމިއްލަ ހިތް ނުހިފެއްޓުނީއެވެ. އަޒާން ހަޤީޤަތުގައި ވެސް އަހަރެން ގޮވައިގެން ދާން ބޭނުންވަނީއޭ އަހަރެންގެ ހިތް ބުނެލިއެވެ. ލުއި ހިނިތުންވުމަކާއެކު އާނއެކޭ ބުނެވުނީއެވެ.

އަހަރެން އަޒާންގެ ސައިކަލުފަހަތުގައި އިންއިރު އޭނަ ޖަހާފައިހުރި ސެންޓުގެ މީރުވަސް އޭރުވެސް ދުވަދުވާ ހުއްޓެވެ. އެވަހާއެކީ އަހަންނަށް ދެލޯ މަރާލެވުނެވެ. ހަމައެވަގުތު އަޒާން ހަދާލިގޮތަކުން އަހަރެންގެ މޫނުގޮސް އޭނަގެ ކަނދުރާގައި ޖެހުނެވެ. ލިބުނު ހިތްހަމަޖެހުމަށްވުރެ ގަތްލަދު މާބޮޑެވެ. މުޅިމީހާ ރަތްވިކަން އަމިއްލައަށްވެސް އިނގުނެވެ. އަޒާން ސޮރީއަކުން ނިންމާލީއެވެ. އަހަރެން އިނީ ގެއަށް އާދެވުނުލެއް އަވަސްކަމުން ދެރަވެފައެވެ. އަދި އެސައިކަލުގައި އަޒާންގެ ފަހަތުގައި އިނދެލުމުގެ ފުރުޞަތު ލިބޭނެ ނަމައޭ ހިތަށް އެރިއެވެ.

އަހަރެންގެ ގޭގެ ދޮރުމައްޗަށް އަޒާން މަޑުކޮއްލުމުން އަހަރެން ފޭބީމެވެ. އަދި ކަރުގައި އޮތް ދޯފައްޓާ ރީތިކޮއްލަމުން އަޒާންއަށް ޝުކުރުއަދާ ކުރީމެވެ. އަހަރެން އަޒާން ގާތު އޮފީސް އެކަކު ކައިރީވެސް ފަޒްލާ އާއިއެކު ދަތުރުގައި ވީކަންތަކުގެ ވާހަކަ ނުބުނާނަން ކަމުގައި ބުނީމެވެ. އަދި ސައިކަލުގައި އަހަރެން ގެއަށް ނުގެނެސް ދިނަސް އެންމެ ރަނގަޅުކަމުގައިވެސް ބުނީމެވެ. އަހަރެން އެހެން ބުނީ އަޒާން ބުނަނީ ކީކޭތޯ ބެލުމަށެވެ. އޭނަ ފާޑަކަށް އަހަންނަށް ބަލާލުމަށްފަހު ހޭންފެށިއެވެ. އަހަރެން ކިހިނެތްވީތޯ އަހާލީމެވެ. ނަމަވެސް ދެފަރާތަށް ބޯހޫރާލަމުން ހިނިއައިސް ފައި ބަލަން އިނެވެ. އަހަރެން ނުބުނަންޏާ ދެން މިދަނީއޭ ކިޔާ ގޭތެރެއަށް ވަނުމަށް އެނބުރުނު ވަގުތު އަޒާން އަހަރެންގެ އަތްތިލާގައި ހިފިއެވެ. އަހަންނަށް ހީވީ ހަށިގަނޑުގައި ކަރަންޓު ދުވެލިހެނެވެ. ސިހިފައި އަޒާންއަށް ބަލާލެވުނީއެވެ. ބުނާނެ އެއްޗެއް ނޭގުނެވެ. އަތުގައި ހިފީ ކީއްވެތޯވެސް އަހާނުލެވުނެވެ. މުޅި މީހާ ގަނޑުވީއެވެ.

އަޒާން: "މިންނު ހީކުރީ އަހަރެންގެ ސައިކަލު ފަހަތަށް މިންނު އެރުވީ އެހެންވެގެން ކަމަށްތަ؟ ތީ މުޅިން ގޯހެއް.... އަދި އަމުދުން ފަޒްލާ ކަހަލަ އަންހެނަކަށް އަހަރެންގެ ސައިކަލު ފަހަތަށް ހުވަފެނުގަ ވެސް ނޭރޭނެ"

އަހަރެންގެ ހިތްބާރަށް ތެޅެން ފެށިއެވެ. އަތްދާހިއްލަން ފެށިއެވެ. ބުނާނެ އެއްޗެއް ނޭނގިގެންނެވެ. އެހެން ހުއްޓާ އަނެއްކާވެސް ވާހަކަދެއްކީ އަޒާންއެވެ. އޭރުވެސް އަހަރެންގެ އަތަކުން ދުލެއް ނުކުރެއެވެ. އޭނަ އަހަރެން ކައިރީ އެހިއެއްޗެއް އެނގޭހެއްޔެވެ. އޭނަ ބުނީ އަހަރެން މިރޭ ފުރީ ވާނެހޯ..........އޯ އުފަލުންގޮސް އުދުއްސައިގަންނަން ބޭނުންވިއެވެ. އަހަރެން އިސްޖަހާލައިގެން ހުރެ އާނއެކޭ ބުނީމެވެ. ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އަޒާން މިރޭ ހަތްގަޑި ބަޔަށް އަންނާނަން ކަމުގައި ބުންޏެވެ. އަދި މަޑުމަޑުން އަހަރެންގެ އަތްދޫކޮށްލިއެވެ. އަހަންނަށް ދޯޕައްޓާއާއިއެކު ދެއަތްގެނެސް މޭގައި ޖައްސާލެވުނެވެ. އަޒާން އަޑުވީއްލާ ހީނލާފައި ސައިކަލު ދުއްވާލިއެވެ.

އޯ އެކުވެރިޔާއެވެ. މިވަނީ ކިހިނެތް ހެއްޔެވެ. އަހަރެންގެ ހިތަށް މިވަނީ ކޮންކަހަލަ ގޮތްތަކެއް ހެއްޔެވެ. އެތެރެއަށްވަދެ ދޮރާށީގައި އަހަރެން ލެގިލައިގެން ހުރިތަން ސުހައްތައަށް ފެނުނުކަންވެސް އަހަންނަށް އެނގުނީ އޭނަ އަހަރެން ސިއްސުވާލީމައެވެ. ދެމީހުންނަށް އެއްކޮށް ހޭންފެށުނެވެ. ސުހައްތަ ނިތްއަރުވާލަމުން ކޮންކަމެއްހޭ އަހާލިއެވެ. އެއީ ސުހައްތަކަމުގައި ވީނަމަވެސް އަހަރެން ލަދުގަތެވެ. އަހަރެންގެ މޫނުން ސުހައްތަ ހުރިހާ ކަމެއް ދެނެގަތެވެ. ސުހައްތަ ހާދަމޮޅޭ އަހަރެންގެ ހިތަށްއެރިއެވެ.
ފެންވަރާ ނަމާދުކޮއްލުމަށްފަހު އަހަރެން ކާންދިޔައިރު ސުހައްތަ ބަދީގޭގައި އުޅެއެވެ. އަހަރުމެން ދެމީހުންނަށް ވާހަކަ ދައްކާލާނެ ފުރުޞަތެއް މިލިބުނީ އަދިކިރިޔާއެވެ. އަހަރެން ސުހައްތަ ގާތު ހަނީމޫނު ދަތުރު އޮތީ ކޮންއިރަކުންތޯ އަހާލީމެވެ. އެއާއެކު ސުހައްތަ އަހަންނާ ދިމާކޮއްލިއެވެ. ދެން އަހަރެންވެސް ހަނީމޫނު ދަތުރު ދާކަށް މާގިނަދުހެއްނެތޭ ކިޔާފައެވެ. އަހަރެން ތިއެކުވެރިޔާ އާއި އަޒާންގެ ވާހަކަ ހިއްސާކުރިޔަސް، ސުހައްތައަށް އަޒާން އާއިބެހޭ އެއްވެސް އެއްޗެއް އަދި ކިޔާދޭކަށް ބޭނުމެއްނޫނެވެ. މިހެން ބުންޏަސް އަހަންނާއި އަޒާން އާއި ގުޅެވޭނެ ކަމެއްނޭގެއެވެ. ގުޅިއްޖެއްޔާ އެދުވަހަކުން ސުހައްތަ ގާތުވެސް ބުނާނަމެވެ. ސުހައްތަ ދެދުވަހެއް ތެރޭ މަންމަމެން ގާތަށް ލަންކާއަށް ދާންއުޅޭ ވާހަކަ ބުންޏެވެ. އަދި ޖައުބެ ވަޒީފާ އެހެން އޮފީހަކުން ހޯދުމަށް އުޅޭވާހަކަވެސް ބުންޏެވެ. މިހާރު އުޅޭތަނުން ދޭމުސާރަ މާކުޑަވީމައެވެ.

އަހަރެން ފުރުޞަތުގެ ބޭނުން ހިފާލަމުން ހަފިއްތަ ގެންގުޅޭ މޯބައިލް ފޯނުގެ ވާހަކަ ބުނީމެވެ. އެހާ އަގުބޮޑު އެއްޗެއް އޭނަ ހޯދީ ކިހިނެތްހޭ ސުހައްތަ ގާތު އަހާލެވުނެވެ. ސުހައްތަ ބުނިގޮތުގައި ހަފިއްތަވެސް އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނެވެ. އަހަންނަށް މިވާގޮތެއް ރެޔަކާލީ އަދިކިރިޔާއެވެ. އެހެންވީމަ އެފޯނުވެސް އެއީ އޭނަދީގެން އުޅޭ އެއްޗަކަށް ނޫނީ ނުވާނެއެވެ. އެންމެ ފަހުން ހަފިއްތަ ބޭނުންވި ކަހަލަ މުއްސަންޖަކާ ދިމާވީ ކަންނޭގެއެވެ.

އިރު އޮއްސުނީ އަހަރެން އިރުނުއޮއްސިގެން އުޅޭތާ ކިތަންމެ އިރެއްވީފަހުންނެވެ. ކޮޓަރީގައި ވާހަކަ ފޮތެއް ހިފައިގެން އޮތްއިރު، އެފޮތް އަހަންނަށް ކިޔޭގޮތެއްނުވިއެވެ. އެނދު ކައިރީހުރި އާދައިގެ ކުޑަމޭޒުމަތީ އިން ކުޑަސޯނާ ގަޑިއަށް ބެލުނު ވަރެއްވެސް ނޭގެއެވެ. ހަތްގަޑި ބައިވާނީ ކިހާ އަވަހަކަށް ބާއޭ ހިތަށް އެރިއެވެ.

ހާއްސަކަމެއް ވާން އުޅޭހެން އަޅެ ހިޔެއްނުވޭހެއްޔެވެ. އަހަރެންގެ ހިތް ބިރުވެސް ގަނެއެވެ. އަޒާން ބައްދަލު ކުރަން އެއުޅެނީ ކީއްވެކަމެއް ނޭގޭތީއެވެ. ހަތްގަނޑި ފަނަރަ ހިނގިއިރު އަހަރެން ހުރީ ތައްޔާރުވެގެންނެވެ. އެވަގުތު އަތުގައި އޮތް އެންމެ އާހެދުން ލައިގެންނެވެ. އެވެސް ހަރުވާޅު ހެދުމެކެވެ. މަޑު ފެހިކުލައިގެ ތުނިތުނި ދޯފައްޓާ އެނދުމަތީ ބޭއްވީމެވެ. ގަޑި ކައިރިކޮއްލާފައި އެޅުމުގެ މަގުސަދުގައެވެ. އެކުވެރިޔާއެވެ. ގަޑި ކައިރިވާ ވަރަކަށް އަހަރެންގެ ހާސްކަން އިތުރުވިއެވެ. ތިން ހަތަރު ފަހަރަށް އަލަމާރީގައި އިން ލޯގަނޑުން އަމިއްލަ ސިފަބަލާލެވުނެވެ. ނިތްމަތިން ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ރީތިކޮއްލެވެއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގާލެވެއެވެ.

ބަރާބަރު ތިރީސް ހިނގިއިރަށް އަހަރެން އެނދުމަތީ އޮތް ދޯފައްޓާ ކަރުދޮށަށް އެއްލަމުން ކޮޓަރިން ނުކުތީމެވެ. އޭރު އަޒާން ސައިކަލުގަ ދޮރާށި ދޮށުގައި މަޑުކޮއްލައިގެން އިނެވެ. އަހަރެން ނިކުތީ ބަރާބަރު ގަޑިއަށެވެ. އަޒާން އެހާއަވަހަށް އައީ ކިހިނެތްތޯ އަހާލެވުނެވެ. އެކުވެރިޔާއެވެ. އޭނަ ބުނިގޮތުގައި ހަތްގަޑި ބައިވަން ދިހަމިނެޓު ހުއްޓަ އައިއްސިއެވެ. އަހަންނަށް ކުޑަކޮށް ހެވުނެވެ. ބައްދަލު ކުރަން ބޭނުންވެފަހުރީ ހަމައެކަނި އަހަރެން އެކަނި ނޫންކަން އެނގުނީމައެވެ. އަޒާން ސައިކަލުގެ ހަރު ޖައްސާލަމުން އޭނަގެ އަތުގައި އޮތް ހުދު ކުލައިގެ އޯކިޑު މާކޯނި އަހަންނަށް ދިއްކޮއްލިއެވެ. އަހަރެން އުފަލުން ހިފީމެވެ. އެއީ އަހަންނަށް އެންމެ ރީތި މަލަށްނުވިޔަސް، އެމާ އަހަރެން ގަބޫލުކުރީ އަޒާން އަހަންނަށް ދިން ފުރަތަމަ ހަދިޔާގެ ގޮތުގައެވެ. އަޒާން އަހަންނަށް ރީތީ ކޮންކަހަލަ މަލެއްކަމެއް ނޭގޭތީ، އެހެންވެ އޭނައަށް އެންމެ ރީތިމާ ގެނެސް ދިނީކަމުގައި ބުންޏެވެ. އަހަރެން އަވަސް އަވަހަށް އެއީ އަހަންނަށްވެސް އެންމެ ރީތިމަލޭ ބުނެލީމެވެ. އެކަމަކު އެހެން އޭރު ބުނެވުނީ ކީއްވެކަމެއް ނޭގެއެވެ.

އަޒާން އާއިއެކު އޭނަގެ ސައިކަލު ފަހަތުގައި އަހަރުމެން ދުއްވާލަން ދިޔައީމެވެ. އަދި މޫދު ފެންނަން އޮތްދިމާލަކަށް އަހަރުމެން ހިނގާލާފައި ދިޔައީމެވެ. މަޑުމަޑުން ޖެހިލާ ވައިރޯޅު އަހަރެންގެ ދޯފައްޓާ އާއި ހެދުމުގެ ފަސްބަޔާ ކުޅެލައެވެ. އޮޔާ ވަޔާއެކު ނަށަމުން ދިޔަ ރާޅުތައް ބީއްސާލާއިރު ހީވަނީ އަޑުއަހާލަން ހިތްގައިމު މިއުޒިކެއް ހެންނެވެ. އަޒާން އެތަނުގައި އިށީނުމަށް ހިޔާލު ފާޅުކުރިއެވެ. އަހަރެން އެކަމަށް އިންކާރެއް ނުކުރަމެވެ. އެހެނީ މިގޮތަށް އަޒާން އާއިއެކު ވަގުތު ހޭދަކޮއްލެވޭނެއެކޭ މީގެ ކުރިން އަހަރެން ހިތަކަށްވެސް ނާރައެވެ. އަހަރެންގެ ހިތުގެ ވެރިޔާކަމުގައި އަޒާން ވީހިނދު އެކަން ހަގީގަތަކަށް ވާނެއެކޭ އަހަރެންނަށް އޭރު ގަބޫލުވެސް ނުކުރެވެއެވެ.

އަހަރެން ދެފައިކުރުކޮއްލައިގެން ދެއަތުން ކަކުލުގައި ހިފަހައްޓާލައިގެން އިނީމެވެ. އަޒާން އެއް އަތް ވެލިގަނޑުގައި ޖައްސާލައިގެން އަނެއްއަތް ކުރުކޮއްލާފައިވާ ކަނާތުފައިގެ ކަކުލުގައި ބާއްވާލާފައި ވާއިރު އޭނަ އިނީ އަހަންނާ ދިމާލަށް ކޮންމެވެސް ވަރަށް އެނބުރިއެވެ. އޭނަ ބަލާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަންނަށް މާގިނައިރަކު ކެތެއް ނުކުރެވުނެވެ. މަޑުމަޑުން އަޒާން ގާތު ކޮންތާކަށްތޯ ތިބަލަނީ އަހާލީމެވެ. އެއާއެކު އަޒާން އޭނަ މިބަލަނީ މިންނުއަށް ކަމުގައި ބުންޏެވެ. އަހަންނަށް ލަދުވެތި ހިނިތުންވުމަކާއިއެކު އިސްޖަހާލެވުނީ އެހެންވެއެވެ.

އަޒާން ވާހަކަދައްކަން ފެއްޓިއެވެ. އޭނައަށް އަހަރެންގެ އެލަދުވެތިކަން ވަރަށް ކަމުދާވާހަކަ ބުންޏެވެ. އަދި އަހަރެން ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އެހިތުގައި ބުނަންބޭނުންވެފައިވާ ވާހަކައެއް އޮތްކަމުގައި ބުންޏެވެ. އެންމެ ފަހުން ދިޔަދަތުރަކީ އަޒާންއަށް އަހަރެންނާއި ވާހަކަ ދައްކާލުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި ބުންޏެވެ. ސައިގަޑީގައި އޮފީސް އެހެން އަންހެންކުދިންގެ ތެރޭ އިނދެ އަހަރެން ހީލާ މަންޒަރުތަކަކީ އަޒާން އަބަދުމެ ބަލާ މަންޒަރުތަކެއްކަން އަހަންނަށް އެނގިގެން ދިޔައެވެ. އަޒާން އަހަރެންގެ ބިންމަތީގައި ޖައްސާލިއަތް ނަގާ އޭނަގެ އަތުގެ ތެރެއަށް ލިޔެވެ. އަދި އޭނަގެ މޭގައި އަހަރެންގެ އަތްތިލަ ޖައްސާލީ އޭނަގެ ހިތުގެ ތެޅުން އިޙްސާސްވޭހޭ އަހާލަމުންނެވެ. އަހަންނަށް އަޒާންއަށް ބަލާލާނެ ހާ ހިތްވަރުވެސް ނުލިބުނެވެ. އެކަމަކު އަޒާން އަހަރެންގެ ދަތްދޮޅީގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލިއެވެ. އެކުވެރިޔާއެވެ. އޭނަ ދުލުން އެބޭރުކޮއްލީ އަހަރެން އެޖުމްލައެއް އަޑުއަހަން ކެތްމަދުވެފައިވާ ޖުމްލައެކެވެ. އަޒާން އަހަރެންގެ ގާތުގައި އެދުނީ އޭނަގެ ހަޔާތުގެ ނަވުގައި އޭނައާއިއެކު ދަތުރު ކުރުމަށެވެ. އެހަޔާތަށް ދިރުންގެނެސް ދިނުމަށެވެ. މަތިވެރި ލޯބީގައި އޭނަގެ ބައިވެރިއަކަށް ވުމަށެވެ. އެކަމަކަށް މިހިތް އެދޭވަރު ތިއެކުވެރިޔާއަށް އެނގޭ ނޫންހެއްޔެވެ. ވީއިރު އަހަންނަށް އެކަމަށް ފުރަގަސް ދެވޭނެ ހެއްޔެވެ. އަހަރެން އަޒާންގެ އެބޭނުންތައް ފުއްދާދިނުމުގެ ގޮތުން ބޯޖަހާލީމެވެ. އަޒާން ހުރީ ވަރަށް އުފަލުންކަން އެނގުނެވެ. އޭނަ އަހަރެންގެ ދެއަތްތިލާގައި ބޮސްދިނެވެ. އަދި ދުވަހަކުވެސް މީހަކު އެފަދަ ކަމެއް އަހަންނަކަށް ނުކުރެއެވެ.

އަޒާންގެ އެހަރަކާތުން އަހަރެންގެ ހިތް ނޭގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ބުނެދޭން ނުކުޅެދޭފަދަ އިޙްސާސްތަކެއް އަހަރެންގެ މުޅިހަށިގަނޑަށް ފެތުރެމުންދިޔައިރުވެސް، އަހަރެންގެ މޫނުމައްޗަށް ވެރިވެފައިވާ އުފާވެރި ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދިޔައެވެ. އަހަރުމެން އެތަނުން ތެދުވެގެން ހިނގައިގަތްއިރުވެސް އަޒާންގެ އަތުގެތެރޭ އަހަރެންގެ އަތްތިލަ ފިނިވެފައިވިއެވެ. އިރުއިރުކޮޅާ އަޒާން އަހަންނަށް ބަލާލަމުން ހީލައެވެ. އޭނައަށް އަހަރެން ހާސްވެފަހުރިވަރު އިނގެނީކަންނޭގެއެވެ. ސައިކަލުގައި ދެމީހުން އެކީ ގެއަށްދިއުމަށް މިސްރާބުޖެހީމެވެ. އަހަރެން އަޒާންގެ ސައިކަލުގައި ކުރިން އިންނަގޮތް އޭނައަށް ކަމަކު ނުދިޔައެވެ. އެހެންވެ ގެއަށް ދިއުމަށް ސައުކަލުގައި އިންއިރު އަހަރެން އިނީ އަޒާންއާއި ވަރަށް ކައިރީގައެވެ. އެކުވެރިޔާއެވެ. އަހަރެން ހުރީ ގެއަށްދާ ހިތަކުން ނޫނެވެ. މުޅިރޭވެސް ސައިކަލުގައި އަޒާންގެ ފަހަތުގައި އެގޮތަށް އިންނަން ބޭނުންވީމައެވެ.

ގެއާ ހަމަޔަށް އަހަރުމެންނަށް އާދެވުނުއިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. އެކަން އެނގުނީވެސް އަޒާންގެ އަތުކުރީގައި އޮތްގަޑިޔަށް އޭނަ ބަލާލީމައެވެ. އަޒާން އަހަރެން ގެއަށްވަންނަންދެންވެސް އަތުންދޫކޮއްލާ ހިޔާލެއް ނުކުރެއެވެ. އަހަރެން މިކަންތައް މީހުންނަށް އެނގިދާނެތީ ބިރުގަނޭތޯ އަޒާން ގާތު އެހީމެވެ. އޭނަ އަހަރެން ގާތު ބުނިއެއްޗެއް އެނގޭހެއްޔެވެ. އޮފީސް މީހުންނަށް އިނގުމަކީ އޭނަ ކުޑަކޮށްވެސް ކަންބޮޑުވާކަމެއް ނޫންކަމަށެވެ. އަދި އަހަންނާ ސުވާލުކުރި، އަނެއްކާ އޮފީސް މީހުންގާތު ބުނަން ބޭނުންވަނީތޯ، އޭގެ ޖަވާބުގައި އަހަރެން ދެފަރާތަށް ބޯތަޅުވާލީއެވެ. އަޒާން ދެވަނަ ފަހަރަށް ގަޑިއަށްބަލާލުމުން އަހަރެން ހައިރާންވިއެވެ. އޭނަ ތަނަކަށް ގަޑިއަށް ދާން ބޭނުންވެގެން އުޅޭހެން ހީވެ އެސުވާލު ކުރީމެވެ. އަޒާން ބުނިގޮތުގައި އޭނަގެ މައިންބަފައިން އަދިވެސް އޭނައަށް ވަރަށް ބަލާވާހަކަ ބުންޏެވެ. ލަހުން ގެއަށް ވަނުމަކީ އެމީހުން ބޭނުންވާގޮތެއް ނޫންކަމުގައެވެ. އެންމެ ލަސްގަޑިއަކީ އެގާރަ ޖަހާއިރުކަމަށެވެ. އޭގެ ކުރިން އޭނަ ދާން ޖެހޭނެ ވާހަކައެވެ. އެކަމަކު އަހަރެންނާ ދުރަށް ދާކަށް އޭނަވެސް ބޭނުމެއްނުވެއެވެ.

ހަޔާތުގައި ކުރެވުނު އެންމެ ތަފާތު އިޙްސާސްތައް މިރޭ އަހަރެން ވަށާލާފައިވެއެވެ. އަހަންނާ އަޒާން ވަކިވީ ހެދުނުން ތައްޔާރު ވެގެން ހުނައްޗޭ ބުނަމުންނެވެ. އޭނަ ހެދުނު އޮފީހަށް ދާގަޑީގައި އަހަރެން ބަލާއަންނަން ބުނީއެވެ. އެހިސާބުން އަހަރުމެން މިރެއަށް އަލްވަދާއުކިޔާ، އަހަރެން ގެއަށްވަނީމެވެ.

ކޮޓަރިއަށް ވަދެވުމާއެކު އެނދުގައި އޮތް ބާލީސް ނަގާ އަނގަމަތީ އަޅާ ބާރަށް ހަޅޭލަވަންފެށީމެވެ. ހިތަށްމިވާގޮތްތައް، ކުރެވޭ ބުނެދޭންނޭގޭ އިހްސާސްތައް ބޭރުވާނޭކަމަށް ހީކޮށެވެ. ލިބިފައިވާ އުފާވެރިކަން ބަޔާންކުރެވޭތޯއެވެ. އެކަމަކު ދުވަހަކުވެސް މީހަކު އަހަރެން އިހްސާސްތައް ބަޔާންކުރާގޮތަށް ކޮށްފާނެބާއެވެ. ލައިލާ މަޖުނޫނުދެކެ ވީލޯތްބަށްވުރެ އަހަރެން އަޒާންދެކެ ވާލޯބި ބޮޑުކަމާމެދު ދަޢުވާކުރަން ކެރިދާނެއެވެ. އެހެނީ މިހިތްއެކަންޏެއް ނޫނެވެ. މުޅިހަށިގަނޑުވެސް އަޒާންއަށް ފިދާވާނެއެވެ. (ނުނިމޭ)