ދުނިޔެ

ރޯހިންޔާ މީހުނަށް ރެފިއުޖީންގެ ދަރަޖަ ދޭން ބަންގާޅު ދެކޮޅު

މިޔަންމާ ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކުން ސަލާމަތްވާން ބަންގްލަދޭޝްއަށް ގޮސް ތިބި ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ރެފިއުޖީންގެ ދަރަޖަދޭން ބަންގްލަދޭޝް ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ޑާކާ ޓްރައިބިއުން ނޫހުން ބުނީ ރޯހިންޔާ މީހުންނަށް ރެފިއުޖީންގެ ދަރަޖަ ދޭން ރެފިއުޖީންނާ ބެހޭ އދ. ގެ އެޖެންސީން ބަންގްލަދޭޝް ސަރުކާރުގައި އެތައް ފަހަރެއްގެ މަތިން އެދުނު ނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންނަށް އެހީތެރިވުމުގެ ކަންތައްްތައް ކުރިއަށްދާ ގޮތް ބައްލަވަން މިހާރު ވަޑައިގެން އުޅުއްވާ، ރެފިއުޖީންނާބެހޭ އދ. ގެ އެޖެންސީގެ ވެރިޔާ ފިލިޕޯ ގްރާންޑީ އިއްޔެ ބަންގާޅުގެ ޑިޒާސްޓާ މެނޭޖްމެންޓް އެންޑް ރިލީފް މިނިސްޓަރު މުފައްޒަލް ހުސައިން ޗައުދަރީ މާޔާއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވެވި އެވެ. ޗައުދަރީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ "މިޔަންމާއިން ބަންގްލަދޭޝްއަށް އައިސް ތިބި ރޯހިންޔާ މީހުންނަކީ ގަވައިދާ ހިލާފަށް އައިސް ތިބި ބައެއް" ކަމަށެވެ.

ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ ޑާކާ ޓްރައިބިއުން ނޫޙުން ބުނީ ރޯހިންޔާ މީހުންނަށް ރެފިއުޖީންގެ ދަރަޖަ ދޭން ބަންގާޅު ސަރުކާރުން ބޭނުން ނުވަނީ އެގޮތަށް އަމަލުކޮށްފި ނަމަ، މިޔަންމާއިން އެމީހުން އެއްގޮތަކަށް ވެސް އަނބުރައި ނުގެންގޮސްފާނެތީ ކަމަށެވެ.

"ރޯހިންޔާ މީހުންނަށް ފާއިތުވި 40 އަހަރުވެސް ދިޔައީ އަނިޔާ ލިބެމުން. މިޔަންމާއިން އެމީހުން އަނބުރައި ގެންދިއުމުގެ ފުރުސަތު ވަރަށް ކުޑަ،" ޑާކާ ޓްރައިބިއުންއާ ވާހަ ދެއްކި އޮފިޝަލް ވިދާޅުވި ކަމަށް އެ ނޫހުން ބުންޏެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ފެށި ކެމްޕޭނުގައި 429000 އަށް ވުރެ ގިނަ ރޯހިންޔާ މީހުން ވަނީ ގައުމުން ބޭރުކޮށްލާފައެވެ. އެމީހުން މިހާރު ތިބީ އަވަށްޓެރި ބަންގްލަދޭޝްގަ އެވެ.