ރާއްޖޭގެ 25 ކުންފުންޏަކުން އިންޓަނޭޝަނަލް ފްރެންޗު ޓްރެވަލް މާކެޓު (އައިއެފްޓީއެމް) ޓޮޕް ރަސާ 2017 ގައި ބައިވެރި ވަމުންދާ ކަމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.
ސަރުކާރުގެ ޕީއާރު އެޖެންސީ، އެމްއެމްޕީއާރުސީއިން ބުނީ އައިއެފްޓީއެމްގައި ރާއްޖޭގެ 25 ކުންފުންޏަކުން 43 ފަރާތެއް ބައިވެރިވަމުންދާ ކަމަށެވެ.
ފްރާންސުގެ ވެރިރަށް ޕެރިހުގައި މިމަހުގެ 26-29 ގެ ނިޔަލަށް ކުރިއަށްދާ އައިއެފްޓީއެމްގައި ރާއްޖޭން ވަނީ ފުރިހަމަ ސްޓޯލެއް ބަހައްޓާފަ އެވެ. މިގޮތުން މި ސްޓޯލުގައި ރާއްޖޭގެ ޓޫރިޒަމްގެ ހުރިހާ ކުލައެއް ދައްކާލަމުންދާ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.
ނަވާރަ ސަތޭކަ ހަތްދިޔަ އަށް ވަނަ އަހަރުން ފެށިގެން މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށް ބާއްވާ މި ފެއާ ބާއްވަމުން އަންނަތާ 39 އަހަރު ވަނީ ވެފަ އެވެ.
އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ ފްރާންސަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް މާކެޓު ކަމަށެވެ. އަދި ރާއްޖޭން އަބަދުވެސް ފްރާންސުގެ މީހުންނަށް ހޫނު މަރުހަބާއެއް ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ފްރާންސުން 40،487 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 26,149 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.
އައިއެފްޓީއެމް، ޓޮޕް ރަސާ ފެއާއަކީ 1000 ނޫސްވެރިންނާއި 5،000 ޓްރެވަލް އެޖެންޓުންގެ އިތުރުން 30،000 އެކްސްޕާޓުން ބައިވެރިވާއިރު، މި ފެއާގައި 550 ސްޓޭންޑެއް ބަހައްޓާފައި ހުރެ އެވެ.