ދުނިޔެ

ކުރުދިސްތާން މިނިވަންވުމުގެ ވާހަކަ ދޫނުކުރާނަމަ ޖެހޭނީ ބަނޑަށް: އުރުދުޣާން

އިރާގުގެ އުތުރުގައިވާ ކުރުދިސްތާން ސަރަހައްދު އިރާގުން ވަކިވެ މިނިވަން ދައުލަތަކަށް ވާން ފެނޭތޯ ނުވަތަ ނޫންތޯ ވޯޓެއް ލުމުން ތުރުކީގެ ރައީސް ރަޖަަބް ތައްޔިބު އުރުދުޣާން ވަރަށް ބޮޑަށް ކޯފާ ވެއްޖެއެވެ.

އިރާގުގެ މައި ސަރުކާރާއި އަވަށްޓެރި ތުރުކީއާއި އީރާނާއި ސޫރިޔާއިން ދެކޮޅު ހަދަމުން ދަނިކޮށް ކުރުދުސްތާނުގެ ސަރަހައްދީ ސަރުކާރުން މިއަދު ނެގި ވޯޓް އަދި ގުނައި ނުނިމެެއެވެ. ނަމަވެސް އެވޯޓުގައި ގިނަ ބަޔަކު ތާއީދު ކުރާނީ ކުރުދިސްތާން މިނިވަން ވުމަށް ކަމަށް ބެލެވެއެވެ.

ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދިއުމަކީ ކުރުދީ ލީޑަރު މަސްއޫދު ބަރަޒާނީގެ ސަރަހައްދީ ސަރުކާރުން ވާ " ޣައްދާރުވުމެއް"ގެ ގޮތުގައި އުރުދުޣާން ވަނީ ސިފަކުރައްވާފައެވެ. އަދި އެއީ ތުރުކީގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިވަން ވުމުގެ މަސައްކަތް ދޫ ނުކުރާ ނަމަ ތުރުކީ ތެރެއިން ލާފައި މެޑިޓަރޭނިއަން ކަނޑަށް އަޅާފައިވާ ތެޔޮ ހޮޅި ބަންދު ކުރާނެ ކަމަށާއި ކުރުދިސްތާން ސަރަހަައްދަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ އުފުލާ ޓްރަކްތައް ހުއްޓުވާނެ ކަަމުގެ އިންޒާރުވެސް އުރުދުޣާން ވަނީ ދެއްވާފައެވެ.

" ތެޔޮ އިސްކުރުތައް އަހަރެމެން ބަންދުކޮށްލީމާ އެކަން ނިމޭނެ. އޭރުން އެމީހުންނަށް ލިބޭ ހުރިހާ އާމްދަނީއެއް ހުއްޓޭނެ. އަހަރެމެންގެ ޓްރަކްތައް އުތުރު އިރާގަށް ދަތުރުކުރުން ހުއްޓައިލީމާ އެމީހުންނަށް ކާނެ އެއްޗެއް ނުހޯދޭނެ،" އުރުދުޣާން ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ތުރުކީގައި އުޅޭ ކުރުދީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހަރުކަށިކަން ދެއްކިޔަސް އުރުދުޣާންގެ ސަރުކާރުން އިރާގުގެ ކުރުދީންނާ ދެމެދު މިހައިތަނަށް އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. ކުރުދިސްތާން ސަރަހައްދުން ނަގާ ތެޔޮ ދުނިޔޭގެ ބާޒާރުތަކަށް ފޯރުކޮށްދެމުން އައީ ތުރުކީ ތެރެއިން އަޅާފައިވާ ތެޔޮ ހޮޅިއަކުންނެވެ. ސަރަހައްދީ ސަރުކާރުގެ އިގުތިސާދަށް އޮތް އެންމެ މުހިއްމު ވަސީލަތަކީ އެއީއެވެ. އަދި އޭގެ ބަދަލުގައި އިރާގުގެ ކުރުދީންނަކީ ތުރުކީ ސަރުކާރާ ހަނގުރާމަކުރާ ކުރުދީ ޖަމާއަތެއް ކަަމަށްވާ ޕީކޭކޭއާ ދެކޮޅު ބައެކެވެ. ޕީކޭކޭއާ ދެކޮޅަށް ހަނގުރާމަ ކުރުަމަށް އިރާގުގެ ކުރުދީންގެ ސަރަހައްދުގައި ތުރުކީ ސިފައިންގެ މަރުކަޒުތައް ހަދާފައި ވެެއެވެ.


ކުރުދީ ނަސްލުގެ މީހުންނަކީ މެދު އިރުމަތީގައި އަރަބީންނަށް ފަހު އެންމެ ބައިބޯ ނަސްލެވެ. އެގޮތުން އިރާގުގެ 37 މިލިޔަން މީހުންގެ އާބާދީގެ 15 ޕަސެންޓަކީ ކުރުދީންނެވެ.