ސައުދީ އަރަބިއްޔާގައި އަންހެނުން އަމިއްލައަށް ވެހިކަލް ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފި އެވެ. ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދުގެ ޝާހީ ގަރާރަކުން ދިން އެ ހުއްދައަކީ ސައުދީއަށް ގެންނަން ފަށާފައިވާ އިޖުތިމާއީ ބޮޑެތި ބަދަލުތަކުގެ ބައެކެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އާ ހަވާލާދީ އަރަބް ނިއުސް ބުނީ ރަސްގެފާނު ސަލްމާން ނެރުއްވި ގަރާރުގައިވާ ގޮތުން ޑްރައިވިން ލައިސަންސް ދިނުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުމެއް ދެން ނޯންނާނެ ކަމަށެވެ. އަދި އެ ބަދަލު ގެނައި ކަން ސައުދީ ސަރުކާރުގެ ޓީވީންނާއި ފޮރިން މިނިސްޓްރީގެ ޓްވިޓާ ހޭންޑުލް އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
އަންހެނުންނަށް އުޅަނދުތައް ދުއްވުމުގެ ހުއްދަ ނުދިނުމުން ވާ ގެއްލުންތަކާއި ހުއްދަ ދިނުމުން ވާ ފައިދާތައް ރަސްގެފާނުގެ ގާރާރުގައި ފާހަގަކުރައްވާފައި ވެއެވެ.
އަންހެނުން އުޅަނދުތައް ދުއްވުން މަނާކޮށްފައި އޮތް އިރު އެކަމާ ބެހޭ ގޮތުން ސައުދީގައި ބޮޑެތި ބަހުސްތައް ދިޔައީ ކުރަމުންނެވެ. އެއީ އެ ގަވައިދަކީ އިސްލާމީ އެއްވެސް ޝަރުއެއްގެ މައްޗަށް ބިނާކޮށްފައިވާ ގަަވައިދެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ނުކުރާތީއެވެ.
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަދި ރަސްގެފާނު ސަލްމާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމަކުން އެގައުމަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ދީނީ ފުލުހުންގެ ބާރުތައް ހަނިކުރުމާއި އަންހެނުންނަށް ކުރިއަށް ވުރެ ބޮޑަށް މިނިވަންކަން ދިނުން ހިމެެނެއެވެ. އެގައުމުގެ ގައުމީ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތްތައް ބަލަން ވަނުމުގެ ފުރުސަތުވެސް އަންހެނުންނަށް ވަނީ ދީފައެވެ. އެއީ ވެސް ބަދަލެކެވެ.