ދުނިޔެ

ކުރުދިން ނިންމީ މިނިވަން ވާން، ބަޣުދާދު ރަތަށް!

އިރާގުގެ އުތުރުގައިވާ ސެމީ އޮޓޮނަމަސް ކުރުދިސްތާނު ސަރަހައްދު މިނިވަން ދައުލަތަކަށް ވާންް ފެންނަ ކަމަށް އެސަރަހައްދުގެ މީހުން ނިންމައިފިއެވެ.

އިރާގުގެ މައި ސަރުކާރާއި ތުރުކީއާއި އީރާނުން ދެކޮޅު ހަދަމުން ދަނިކޮށް ފެންނަ ނުފެންނަ ވޯޓް ބޭއްވުމުން، ކުރުދިސްތާނުގެ ސަރަހައްދީ ސަރުކާރަށް އަދަބު ދިނުމަށް އިރާގު ސަރުކާރުން މިހާރު އަންގާފައި ވަނީ އެ ސަރަހައްދުގެ ވައިގެ ބަނދަރުތައް ސަރުކާރާ ހަވާލު ކުރުމަށެވެ.

އިރާގު ބޮޑުވަޒީރު ހައިދަރުލް އަބާދީ އިއްޔެ ވިދާޅުވީ ކުރުދިސްތާން ރީޖަނަލް ގަވަަމެންޓް (ކޭއާރްޖީ)އިން ވައިގެ ބަނދަރުތައް މައި ސަރުކާރާ ހަވާލު ކުރުމަށް ހުކުރު ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް މުހުލަތު ދެއްވާނެ ކަަމަށެވެ. އަދި އެ މުހުލަތު ހަމަވާ އިރު ވައިގެ ބަނދަރުތައް ހަވާލު ނުކުރާ ނަމަ އެ ތަންތަނަށް ބޭރު ގައުމުތަކުން އަންނަ މަތިންދާބޯޓްތައް ޖެއްސުން މަނާކުރައްވާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރުދީންގެ ލީޑަރު މަސްއޫދު ބަރަޒާނީ ވަނީ އެތައް މިލިޔަން މީހުންނެއްގެ ނިންމުމަށް އިހުތިރާމްކޮށް، މަޝްވަރާގެ މޭޒަށް އައުމަށް މައި ސަރުކާރަށް ގޮވައިލައްވާފައެވެ.

ކުރުދިސްތާން ސަރަހައްދު މިނިވަން ދައުލަތަކަށް ވާން ސަރަހައްދީ ގައުމު ތަކުން ދެކޮޅު ހަދަމުން ދާއިރު އެކަމާ އެންމެ ހަރުކަށިކޮށް ވާހަކަ ދެެއްކެވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއެވެ. ނަމަވެސް ކުރުދީންނަށް ދަތިކުރުމަށް ތުރުކީން އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދިއުމަކީ ކުރުދީ ލީޑަރު މަސްއޫދު ބަރަޒާނީގެ ސަރަހައްދީ ސަރުކާރުން ވާ "ޣައްދާރުވުމެއް"ގެ ގޮތުގައި އުރުދުޣާން ވަނީ ސިފަކުރައްވާފައެވެ. އަދި އެއީ ތުރުކީގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިވަން ވުމުގެ މަސައްކަތް ދޫ ނުކުރާ ނަމަ ތުރުކީ ތެރެއިން ލާފައި މެޑިޓަރޭނިއަން ކަނޑަށް އަޅާފައިވާ ތެޔޮ ހޮޅި ބަންދު ކުރާނެ ކަމަށާއި ކުރުދިސްތާން ސަރަހަައްދަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ އުފުލާ ޓްރަކްތައް ހުއްޓުވާނެ ކަަމުގެ އިންޒާރުވެސް އުރުދުޣާން ވަނީ ދެއްވާފައެވެ.

"ތެޔޮ އިސްކުރުތައް އަހަރެމެން ބަންދުކޮށްލީމާ އެކަން ނިމޭނެ. އޭރުން އެމީހުންނަށް ލިބޭ ހުރިހާ އާމްދަނީއެއް ހުއްޓޭނެ. އަހަރެމެންގެ ޓްރަކްތައް އުތުރު އިރާގަށް ދަތުރުކުރުން ހުއްޓައިލީމާ އެމީހުންނަށް ކާނެ އެއްޗެއް ނުހޯދޭނެ،" އުރުދުޣާން ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ތުރުކީގައި އުޅޭ ކުރުދީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހަރުކަށިކަން ދެއްކިޔަސް އުރުދުޣާންގެ ސަރުކާރުން އިރާގުގެ ކުރުދީންނާ ދެމެދު މިހައިތަނަށް އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. ކުރުދިސްތާން ސަރަހައްދުން ނަގާ ތެޔޮ ދުނިޔޭގެ ބާޒާރުތަކަށް ފޯރުކޮށްދެމުން އައީ ތުރުކީ ތެރެއިން އަޅާފައިވާ ތެޔޮ ހޮޅިއަކުންނެވެ. ސަރަހައްދީ ސަރުކާރުގެ އިގުތިސާދަށް އޮތް އެންމެ މުހިއްމު ވަސީލަތަކީ އެއީއެވެ. އަދި އޭގެ ބަދަލުގައި އިރާގުގެ ކުރުދީންނަކީ ތުރުކީ ސަރުކާރާ ހަނގުރާމަކުރާ ކުރުދީ ޖަމާއަތެއް ކަަމަށްވާ ޕީކޭކޭއާ ދެކޮޅު ބައެކެވެ. ޕީކޭކޭއާ ދެކޮޅަށް ހަނގުރާމަ ކުރުަމަށް އިރާގުގެ ކުރުދީންގެ ސަރަހައްދުގައި ތުރުކީ ސިފައިންގެ މަރުކަޒުތައް ހަދާފައި ވެެއެވެ.


ކުރުދީ ނަސްލުގެ މީހުންނަކީ މެދު އިރުމަތީގައި އަރަބީންނަށް ފަހު އެންމެ ބައިބޯ ނަސްލެވެ. އެގޮތުން އިރާގުގެ 37 މިލިޔަން މީހުންގެ އާބާދީގެ 15 ޕަސެންޓަކީ ކުރުދީންނެވެ. ކުރުދިސްތާން ސަރަހައްދުގައި ވަކި ވަރެއްގެ މިނިވަންކަމެއް ދީފައިވާ ސަރަހައްދީ ސަރުކާރުގެ ބާރު ހިނގާ 40000 ކިލޯ މީޓަރުގެ ސަރަހައްދެއް އޮންނަ އިރު، ކުުރުދީންގެ އަމިއްލަ ލަޝްކަރު ބިޝްމަރުގާގައި 200000 މީހުން ތިބެއެވެ. ( އަލް ޖަޒީރާ)