ވިޔަފާރި

ޑަބްލިއުޓީއެމްގެ ރޯޑްޝޯއެއްގައި ބައިވެރިވާން މަޓާޓޯއިން ހުޅުވާލައިފި

ނޮވެމްބަރު މަހު ލަންޑަނުގައި އޮންނަ، ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ގައި އޮންނަ މުހިންމު ރޯޑްޝޯއެއްގައި ބައިވެރިވުމުގެ ފުރުސަތު މަޓާޓޯއިން ހުޅުވާލައިިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނީ އިނގިރޭސިވިލާތުގެ ޓްރެވަލް ފާމެއް ކަމަށްވާ ޓްރެވަލް ވީކްލީއާ ގުޅިގެން ބާއްވާ ރޯޑްޝޯ އޮންނާނީ ޑަބްލިއުޓީއެމް ފެއާ އޮންނަ އެންމެ ފަހު ދުވަސް ކަމަށްވާ، ނޮވެމްބަރު 8 ވަނަ ދުވަހު ކަމަށެވެ.

"މި ރޯޑްޝޯއަކީ މުހިންމު ގިނަ އަދަދެއްގެ ކްލައިންޓުން ބައިވެރިވާ މުހިންމު އިވެންޓެއް. އެހެންވެ މީއީ ދިވެހި ކުންފުނިތަކަށް ލިބޭ މުހިންމު ފުރުސަތެއް. ވިޔަފާރިތަކާއި ވިޔަފާރިތައް ބައިވެރިވާ މުހިންމު އިވެންޓެއް މިއީ،" މަޓާޓޯ އިން ބުނެފައިވެ އެވެ.

ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން ބުނީ މި ރޯޑްޝޯގައި ދުނިޔޭގެ ޓޫރިޒަމްގެ 150 ކުންފުނި ބައިވެރިވާއިރު، ރާއްޖޭގެ ފަސް ކުންފުންޏަކަށް ފުރުސަތު ލިބޭނެ ކަމަށެވެ. މި ގޮތުން ފުރުސަތު ލިބޭނީ ފުރަތަމަ އެދޭ ފަރާތްތަކުގެ ތަރުތީބުން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ ޑެސްޓިނޭޝަން ރޯޑްޝޯގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންނަމަ އެ ޖަމިއްޔާއިން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

ޑަބްލިއުޓީއެމް އޮންނާނީ ނޮވެމްބަރު މަހުގެ 6-8 އަށް ލަންޑަންގަ އެވެ. މިއީ ދުނިޔޭގެ ޓޫރިޒަމްގައި ބާއްވާ ދެވަނައަށް އެންމެ ބޮޑު ފެއާ އެވެ.