ދުނިޔެ

ރޯހިންޔާ މީހުންނާ ބެހޭ މަޝްވަރާތަކަކަށް މިޔަންމާ އޮފިޝަލުން ބަންގާޅަށް

މިޔަންމާ ސިފައިން ހިންގަމުންދާ ޖަރީމާތަކުން ސަލާމަތްވާން ރޯހިންޔާ ދަރިކޮޅުގެ އެތައް ލައްކަ ބަޔަކު ބަންގްލަދޭޝްއަށް ގޮސް ތިއްބައި، އެމީހުންނާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިޔަންމާ އޮފިޝަލުން އެގައުމަށް ދާން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ޑާކާ ޓްރައިބިއުން ނޫހުން ބުނީ މިޔަންމާ އޮފިޝަލުން އެގައުމަށް އަންނާނީ އަންނަ ހަފުތާގައި ކަމަށެވެ. އަދި ބުނީ މިޔަންމާއިން އަންނަ ޓީމްގެ ވެރިޔަކަށް ހުންނާނީ އެގައުމުގެ މިނިސްޓަރް އޮފް ދަ އޮފީސް އޮފް ސްޓޭޓް ކައުންސިލާ ކިޔާވް ޓިންޓް ސްވީ ކަމަށެވެ. ނަމަވެސް އޮފިޝަލުންނާއެކު ކުރަން ހަމަޖެހިފައިވާ މަޝްވަރާތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ރާޚައިން ސްޓޭޓްގައި އެންމެ ފަހުން ހިނގި ހަމަނުޖެހުންތައް ހިނގައި، ދުނިޔޭގައި ވެސް މިވަގުތު އޮތް ރެފިއުޖީންގެ އެންމެ ބޮޑު މައްސަލަ ގަނޑު އުފެދުމުގެ ކުރިން ވެސް، މަޝްވަރާގެ މޭޒަށް އަައުމަށް ބަންގްލަދޭޝް ސަރުކާރުން ކިޔާވް ޓިންޓް ސްވީއަށް ދައުވަތު ދިނެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިން ދިން ހަމަލާއަކާ ގުޅުވައިގެން މިޔަންމާ ސިފައިން ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ވަރުގަދަ ކުރުމުގެ ކުރިން ވެސް އެދަރިކޮޅުގެ ތިން ލައްކަ މީހުން ބަންގްލަދޭޝްގައި ތިއްބެވެ. މިފަހަރުގެ ހަމަނުޖެހުންތަކާ ގުޅިގެން ހިޖުރަ ކުރި މީހުންނާއި އެކު، ބަންގްލަދޭޝްގައި ތިބި ރޯހިންޔާ މީހުންގެ އަދަދަކީ އަށް ލައްކައެވެ.

ބަންގްލަދޭޝްގައި ތިބި ރޯހިންޔާ މީހުން އެނބުރި މިޔަންމާއަށް ދިޔަ ނުދޭން އެގައުމުގެ ސިފައިން ވަނީ ބޯޑަރުގައި މައިން ވަޅުލަން ފަށާފައެވެ. އެކަން ހުއްޓުވައި ދިނުމަށް ބަންގްލަދޭޝް އިން ވަނީ އދ.އަށް ގޮވާލާފައެވެ. ރޯހިންޔާ މީހުން އެނބުރި މިޔަންމާއަށް ނުގޮސްދާނެތީ އެމީހުންނަށް ރެފިއުޖީންގެ ދަރަޖަ ދޭން ބަންގްލަދޭޝް އިން ދަނީ ދެކޮޅު ހަދަމުންނެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ނަމަކަށް ކިޔާ ރަށުގައިވާ ކޭމްޕްތަކުގައި ތިބި ރޯހިންޔާ މީހުންނަށް އިންސާނީ އެހީ ދިނުމަށް 200 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް ރެފިއުޖީންގެ ކަންތައްތައް ބަލަހައްޓާ އދ.ގެ އެޖެންސީން ވަނީ ބުނެފައެވެ. އެ ފައިސާ ހޯދަން ބަންގްލަދޭޝް ސަރުކާރާއި އެހީދޭ ޖަމާއަތްތައް ގުޅިގެން މިހާރު ވަނީ ފަށާފައެވެ.