ކުޅިވަރު

ޑޯޓަމުންޑް ބަލި ކުރީ އެޓީމު ކުޅޭގޮތް ދަސްކޮށްގެން: ޒިދާން

Sep 27, 2017
1

ބުރޫޝިއާ ޑޯޓަމުންޑްގެ ދަނޑުގައި އެ ޓީމު ބަލި ކުރެވުނީ، އެ ޓީމު ކުޅުނު ގިނަ މެޗުތަކެއް ބަލައި އެ ޓީމު ކުޅޭ ގޮތް ދަސްކޮށްގެން ކަމަށް، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ. ޑޯޓަމުންޑްގެ ސިގްނަލް އިޑްނާ ޕާކު ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލް ކާމިޔާބު ކުރީ 3-1 ން ނެވެ.

ރޭގެ މެޗަކީ، ޖަރުމަންގެ ބިމުގައި، ރެއަލްއަށް ޑޯޓަމުންޑް ބަލި ކުރެވުނު ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގްގެ އަވޭ މެޗު ތަކުގައި، ރެއާލް ބަލި ނުކުރެވޭ ޓީމުގެ ލިސްޓުން ޑޯޓަމުންޑް އެ އުނިވީ އެވެ. އެ ލިސްޓުގައި ބާކީ ދެން ހިމެނެނީ ހަތް ޓީމެވެ. ޑޯޓަމުންޑްގެ ދަނޑުގައި، މީގެ ކުރިން، ރެއާލް ކުޅުނީ ހަތަރު މެޗެވެ. ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ އެއް މެޗުން އެއްވަރުވީ އެވެ.

"މިތަނުގައި [ޑޯޓަމުންޑްގެ ދަނޑު] އަހަރެމެން އެއްވެސް މެޗަކުން މޮޅުވެފަ އެއް ނެތް،" ޒިދާން ބުންޏެވެ. "އަހަރެމެން ވާހަކަ މި ދައްކަނީ މެޗުގެ ކޮންމެ ވަގުތެއްގައިވެސް އުނދަގޫ ކުރިމަތި ކުރާ ޓީމެއްގެ ވާހަކަ، ނަމަވެސް އެންމެ ފަހުން އަހަރެމެންނަށް މޮޅެއް މި ލިބުނީ."

"ބުރޫޝިއާ ޑޯޓަމުންޑް ކުޅުނު ގިނަ މެޗުތަކެއް އަހަރެމެން ބެލިން،" ޒިދާން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އަހަރެމެން ބެލިން އެމީހުން ކުޅެނީ ކިހިނެއްތޯ، އެ ޓީމަކީ މެޗު ވަރުގަދަ އަށް ކުޅޭ ބޯޅަ ޕޮޒިޝަން ވެސް ހިފަހައްޓައިގެން ކައުންޓަ އެޓޭކްތަކުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ޓީމެއް."

ރޭގެ މެޗުގައި ރެއާލް ގެ ފުރަތަމަ ލަނޑު، 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގެރެތު ބޭލް އެވެ. އޭގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ބޭލްއަށް ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްދީފަ އެވެ. މިއީ މިވަގުތު ރަނގަޅު ފޯމެއްގައި ނެތް ކަމަށް ބުނެ، ބޭލް އަށް ކުރިމަތިވާ ފާޑު ކިޔުންތަކަށް އޭނާ ދިން ރަނގަޅު ރައްދެކެވެ.

ރެއާލްގެ ކޯޗް ޒަިނުދީން ޒިދާން ވެސް ބުނީ މިދުވަސް ކޯޅަކީ ބޭލްއަށް ފަސޭހަ ދުވަސްކޮޅެއް ނޫން ކަމަށާއި އޭނާގެ ފަރާތުން ލަނޑެއް ފެނުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަރެން އުންމީދު ކުރަން ބޭލް ކުރީގެ ފޯމަށް އެނބުރި އަންނަން މިކަހަލަ ގިނަ ޓާނިން ޕޮއިންޓްތަކެއް ލިބޭނެ ކަަމަށް،" މެޗަށް ފަހު ޒިދާން ބުންޏެވެ.

މެޗުގައި ޑޯޓަމުންޑަށް ޕެނަލްޓީ އެއް ލިބެންޖެހޭ ހާލަތެއް ދިޔަ އެވެ. އެ ޓީމުން އުފެއްދި ހަމާލާއެއް ގޯލް ލައިން މަތިން ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ރެއާލްގެ ކެޕްޓަން ސާޖީއޯ ރާމޯސްގެ އަތުގައި ޖެހުނެވެ. ޕެނަލްޓީ އެއް ލިބޭނެ ކަމަށް ޑޯޓަމުންޑުން އުންމީދު ކުރި ނަމަވެސް، މެޗުގެ ރެފްރީ، ހޮލެންޑްގެ ބިއޯން ކައިޕާސްގެ މޫނުމަތިން ފެނުނީ ސުވާލު އުފެދިފައިވާ ތަނެވެ. ރެފްރީ ހުރީ އެމަންޒަރު ރަނގަޅަށް ފެންނަ ހިސާބެއްގަ އެއް ނޫނެވެ.

ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، ޑޯޓަމުންޑުން ނަތީޖާ ހަމަހަ ކުރުމަށް ރަނގަޅު ފުރސަތެއް ލިބުނެވެ. އެންޑްރީ ޔާމެލެންކޯ ފޮނުވަލީ ބޯޅަ، ރަފާލް ވަރާން ކޯނަރަކަށް ބޭރު ކޯށްލީ ޑޯޓަމުންޑްގެ އެހެން ކުޅުންތެރިޔަކު، އެ ބޯޅަ ފޮނުވާލުމުގެ ކުރިން ނެވެ.

ރެޢާލްގެ ދެ ވަނަ ލަނޑު، ދެ ވަނަ ހަފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބު ކުރީ ގެރެތު ބޭލް ނަގައިދިން ހުރަހަކުން ނެވެ. އޭގެ ފަސް މިނެޓް ފަހުން، ޕީއާރޭ އެމްރިކް އަބޯމަޔަންގް ވަނީ ޑޯޓަމުންޑްގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގައި އަބޯމަޔަންގަށް ވަނީ ނަތީޖާ ހަމަހަމަ ކުރަންވެސް ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ.

ރެއާލްގެ ތިން ވަނަ ލަނޑު ލުކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ރޮނާލްޑޯ އެވެ. މިހާތަނަށް ސްޕެނިޝް ލީގްގައި ކުޅުނު ދެ މެޗުގައި ވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާ، ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގްގައި ކުޅުނު ދެ މެޗުގައި ހަތަރު ލަނޑު ޖަހާފަ އެވެ.

މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، ޓޮޓެންހަމް ހޮސްޕާ އާއި އަޕޮއެލް ނިކޯސީ ކުޅުނު މެޗު، ޓޯޓެންހަމް ކާމިޔާބު ކުރީ، 3-0 ން ނެވެ. ޓޮޓެންހަމްގެ ތިން ލަނޑުވެސް ކާމިޔަބު ކުރީ ހެރީ ކޭން އެވެ.

ކޭން ވަނީ، މި މަހު އޭނާ ކުޅުނު ހަތް މެޗުގައި، 11 ލަނޑު ކުލަބަށާއި ގައުމީ ޓީމަށް ޖަހައިދީފަ އެވެ.