ކުޅިވަރު

ކޮސްޓާއާ މެދު އެއްވެސް މައްސަލައެއް ނެތް: ކޮންޓޭ

Sep 27, 2017

ޗެލްސީގެ ޕްލޭންގައި ނުހިމެނޭ ކަމަށް ބުނެ، އެ ޓީމުން ބާކީ ކުރުމަށްފަހު، މިހާރު އެތުލެޓިކޯ މެޑްރިޑަށް ދޫކޮށްލާފައިވާ، ޑީއޭގޯ ކޯސްޓާއާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށް، ކޮސްޓާގެ ކުރީގެ ކޯޗް ޗެލްސީ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ސީޒަނަށް ފަހު، ކޮންޓޭ ވަނީ، ޗެލްސީގެ އާ ޕްލޭންގައި ކޮސްޓޭ ނުހިމެނޭ ކަމަށް ބުނެ، އޭނާއަށް މެސެޖު ކޮށްފަ އެވެ. ޗެލްސީން މި ސީޒަނަށް ޕްރެކްޓިސް ފެށިއިރު، ޓީމާއެކު ދުވަސް ކޮޅަކު ހުރުމަށްފަހު، ކޮސްޓާ ވަނީ ޓީމު ދޫކޮށް ގޮސްފަ އެވެ. އަދި ޗެލްސީން އިން ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓްއާގައި ވެސް ކޮސްޓާ ބައިވެރި ކޮށްފަ އެއް ނުވެ އެވެ.

ޗެލްސީ އާއި އެތުލެޓިކޯ އާ ދެމެދު ކުރެވުނު ދިގު މަޝްވަރާތަކަށް ފަހު، ދެ ޓީމުގެ ދެމެދުގައި ވަނީ ކޮސްޓާ އާ މެދު އެއްބަސްވެފަ އެވެ. އަދި މިހާރު، ކޮސްޓާ ވަނީ، އޭނާގެ ކުރީގެ ކުލަބު އެތުލެޓިކޯ އަށް ސޮއި ކޮށްފަ އެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ސްޕެނިޝް ލީގް ޗެމްޕިއަންކަން އެތުލެޓީކޯ އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ޗެމްޕިއަންސް ލީގްއި، މިރޭ ޗެލްސީ ނިކުންނާނީ އެތުލެޓިކޯއާ ދެކޮޅަށެވެ. ކޮސްޓާ އެތުލެޓިކޯއާ ގުޅުނު ނަމަވެސް، ޗެލްސީއާ ދެކޮޅަށް އޭނާ އަށް ނުކުޅެވޭނެ އެވެ. ފީފާއިން އެތުލެޓިކޯ އާ ދެކޮޅަށް އަޅާފައިވާ ޓްރާންސްފާގެ ބޭން އާ ގުޅިގެން ނެވެ. ކޮސްޓާއާ އަށް އެތުލެޓިކޯ އަށް ކުޅެވޭނީ އަންނަ ޖަނަވަރީ މަހު އެކެއްގެ ފަހުން ނެވެ. އެހެންވެ، ކޮސްޓާ ކުރިމަތި ލާން ޖެހި ދާނެ ކަމުގެ ނުތަނަވަސް ކަމެއް ކޮންޓޭ އަކަށް ނޯންނާނެ އެވެ.

"ކޮސްޓާއާ މެދު އަހަރެންގެ އެއްވެސް މައްސަލައެއް ނެތް،" މިރޭ، އެތުލެޓިކޯގެ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ކޮންޓޭ ބުންޏެވެ. "އޭނާގެ ކެރިއަރުގައި އަހަރެމެން އޭނާ ރަނގަޅު ކާމިޔާބީ އަކަށް އެދެން."

މިރޭގެ މެޗާ ބެހޭގޮތުން ކޮންޓޭ ބުނީ، އެތުލެޓިކޯ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި ވޭތުވެދިޔަ އަހަރު ތަކުގައި ޔޫރަޕްގެ މުބާރާތްތަކުގައި ސްޕެއިންގެ ޓީމުތައް ވަރުގަދަ އަށް ޑޮމިނެޓް ކުރަމުން އަންނައިރު، އެތުލެޓިކޯ އާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ އެތުލެޓިކޯ ވަނީ ޗެމްޕިއަންސް ލީގް ފައިނަލުގައި ދެ ފަހަރަށް ކުޅެފަ އެވެ.

"އެތުލެޓިކޯ އަކީ ވަރަށް ރަނގަޅު ޓީމެއް، ޗެމްޕިއަންސް ލީގްގައި ވަރަށް ތަޖުރިބާ ބޮޑު އަދި ވަރަށް ރަނގަޅަށް ކުޅޭ ޓީމެއް،" ކޮންޓޭ ބުންޏެވެ. "ވޭތުވެދިޔަ އަހަރު ތަކުން ފެށިގެން ސްޕެއިންގެ ކުލަބުތައް އަންނަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގައި ޑޮމިނޭޓް ކުރަމުން."

މިރޭ ގެ މެޗަކީ، ޗެލްސީގެ އެއް ނަންބަރު ކީޕަރު، ތައިބަޓް ކޯޓްއާވެސް ހާއްސަ މެޗެކެވެ. ލޯން އެއްބަސްވުމުގެ ދަށުން އޭނަ ވަނީ، ތިން އަހަރު ވަންދެން އެތުލެޓިކޯ އަށް ކުޅެފަ އެވެ. އެތުލެޓިކޯއިން 2014 ވަނަ އަހަރު ލީގް ކާމިޔާބު ކުރުމާއި ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދަތު ކުރިއިރު ކޯޓްއާ މޮޅު ކުޅުމެއް ދެއްކި އެވެ.

ކޯޓްއާ ބުނީ، އެތުލެޓިކޯގެ މިހާރުގެ އާ ސްޓޭޑިއަމް ވަންޑާ މެޓްރަޕޮލިޓަނޯ އިމާރާތް ކުރަން އިއުލާން ކުރީ، އޭނާ އެތުލެޓިކޯގައި ހުރި އިރު ކަަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ވެސް އޭނާ ބައިވެރި ވެފައިވާނެ ކަމަށެވެ.

ކޯޓްއާ އަށް އެތުލެޓިކޯގައި އިރުޝާދު ދިން، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޭނޯ ބުނީ ކޯޓްއާ އާއި އެތުލެޓިކޯގެ މިހާރުގެ އެއް ވަނަ ކީޕަރު ޔާން އޮބްލެކް އަކީ މިހާރު ދުނިޔޭގެ ތިބި އެންމެ މޮޅު ދެ ކީޕަރުން ކަމަށެވެ.

ސިމިއޯނޭ ބުނީ، 2014 ވަނަ އަހަރުން ފެށިގެން، ޗެލްސީ ފެންނަނީ ތަފާތު ޓީމެއްގެ ގޮތުގައި ކަމަށެވެ.

"އަހަރެން އެ ޓީމާ މެދު ވަރަށް ގަޔާވޭ، ސަބަބަކީ އެމީހުންގެ ގޭމް ލެވަލް މަތިވުމާ ބެލެންސް ކޮށް އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާތީ އާއި ޑިފެންސް ކުރާއިރު ވެސް މުޅި ޓީމު މަސައްކަތް ކުރާތީ، ޕްރިމިއާ ލީގް އެ ޓީމު ކާމިޔާބު ކުރީ އެ އިންޓެންސިޓީގައި ކުޅެގެން." ސިމިއޭނޯ ބުންޏެވެ.

އެތުލެޓިކޯ އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:45 ގަ އެވެ.