ދުނިޔެ

ޔިންލަކް ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ހަނޑޫ ގަތުމުގެ، މައްސަލަ ބޮޑު ސްކީމެއްގެ ކަންތަކުގައި އިހުމާލު ވެވަޑައިގެންފައިވާ ކަމަށް ކަނޑައަޅައި، ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންލަކް ޝިނަވަޓްރާ ފަސް އަހަރަށް ޖަލަށްލާން އެ ގައުމުގެ ސުޕްރީމްކޯޓުން ހުކުމްކޮށްފި އެވެ.

ޔިންލަކްގެ ޝަރީއަތް ފާއިތުވި އޮގަސްޓްމަހުގެ 25 ވަނަ ދުވަަހަށް ތާވަލުކޮށް، ހާޒިރުވެވަޑައިގަންނަވަން އެންގުމުން އެކަމަނާ ވަނީ ހާޒިރުވެވަޑައި ނުގެންފަ އެވެ. އޭގެ ބަދަލުގައި އެކަމަނާ ވަނީ ގައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ. އެހެންވެ މިއަދު ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ.

ޔިންލަކްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ހަނޑޫ ގަތުމަށް ޓަކައި ތައިލެންޑްގެ ދަނޑުވެރިން ހައްދާ ހަނޑުލަށް ބޮޑު އަގެއް ހޯދައި ދިނުމަށް 2011 ވަނަ އަހަރު ހިންގި ސްކީމެެއްގެ ސަބަބުން ދައުލަތަށް ގެއްލުން ވެފައިވާ ކަމަށާއި އެކަމުގައި އޭނާ އިހުމާލުވެވަޑައިގެންފައިވާތީ އެވެ.

ޔިންލަކްގެ ވެރިކަން ބަޣާވާތަކުން ވައްޓައިލުމަށް ފަހު އަސްކަރީ ސަރުކާރުން ބުނެފައި ވަނީ ދަނޑުވެރިންގެ ވޯޓު ހޯދަން ހިންގި އެ ސްކީމްގެ ދަށުން އެކްސްޕޯޓް ނުކުރެވޭހާ ގިނަ ހަނޑޫ ގަނެ ރައްކާކޮށްފައިވާ ކަމަށާއި އެކަމުގައި ދައުލަތުގެ ފައިސާއިން ބޮޑު އަދަދެއް އިސްރާފު ވެފައިވާ ކަމަށެވެ. އެކަމާ ގުޅުވައިގެން ދައުވާ އުފުލުމުން ޔިންލަކް ވިދާޅުވަމުން ގެންދަވަނީ ހަނޑޫ ގަތުމުގެ ސްކީމްގެ ސަބަބުން ދަނޑުވެރިންނަށާއި ގައުމަށް ވީ ފައިދާ ކަމަށާއި އެއީ ސިޔާސީ ދައުވާއެއް ކަމަށެވެ.

އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ޔިންލަކްއަށް ހުކުމް ކުރަން ތާވަލުކޮށްފައި އޮތުމުން އެކަމަނާ އަށް ތާއީދުކުރާ ގިނަ ބަޔަކު ވެރިރަށް ބެންކޮށްގެ މަގުތަކަށް ނުކުތެވެ. އަދި އޭގެ ތެރެެއިން ބައެއް މީހުން ސުޕްރީމް ކޯޓު ކައިރިއަށް ވެސް އެއްވި އެވެ. ނަމަވެސް ޔިންލަކް ވަޑައިގެންވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކަަން އޭނާގެ ޕާޓީން އެދުވަހު އިއުލާނު ކުރި އެވެ. ޔިންލަކްގެ ބޭބޭފުޅު ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަޓްރާ ވެސް ވަޑައިގެން އުޅުއްވަނީ އެ ގައުމުގަ އެވެ. އޭނާއަކީ ވެސް އަސްކަރީ ބަޣާވާތެއްގައި ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރެކެވެ. ހިޔާނާތުގެ މައްސަލައެއްގައި އޭނާއަށް ވެސް ޖަލު ހުުކުމެއް އިއްވާފައި ވެއެވެ. -- ސީއެންއެން