ދުނިޔެ

ލަންކާ ހާމުދުރުން ރޯހިންޔާ މުސްލިމުންނަށް ހަމަލަދީފި

ސްރީލަންކާގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނަ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ބަޔަކަށް އެ ގައުމުގެ ބުދުދީނުގެ ހާމުދުރުންގެ ބަޔަކު ހަމަލާ ދީފި އެވެ.

މައުންޓް ލެވީނިއާގައި އދ. އިން ގާއިމްކޮށްފައިވާ ސޭފް ހައުސްއެއްގައި ތިބި ރޯހިންޔާ މީހުންނަށް އަންގާރަ ދުވަހު ހާމުދުރުން ހަމަލާދީ އެމީހުން އެތަން ދޫކޮށް ދިއުމަށް މަޖުބޫރު ކުރުވި އިރު ލަންކާ ފުލުހުން ވަނީ އެކަމުގައި ހާމުދުރުންނަށް އެއްބާރުލުން ދީފަ އެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ބުޑިސްޓު ހާމުދުރުންގެ އަމަލުތައް ލަންކާ ސަރުކާރުން ކުށްވެރި ކުރާ ކަަމަށާއި އެކަމުގައި ފުލުހުން އަމަލު ކުރި ގޮތާ މެދުގައި ވެސް ސުވާލު އުފަައްދާ ކަމަށެވެ. ލަންކާގެ ކެބިނެޓް ތަރުޖަމާން ޑރ. ރަޖީތާ ސެނަރަތުނަ ވިދާޅުވީ ހާމުދުރުން އަމަލުކޮށްފައި ވަނީ ބުދު ދީނަށް ވެސް ހުތުރުވާ ފަދަ ގޮތަކަށް ކަމަށެވެ.

ރޯހިންޔާ ރެފިއުޖީން ތިބި ތަނަށް ވަދެގަތީ "ސިންހަލަ ޖަތިކާ ބަލަމުލުވާ " ނަމަކަށް ކިޔާ ބުދު ދީނުގެ ޖަމާއަތެއްގެ ހާމުދުރުން ކުރިއަށް ތިބި ބައިގަނޑަކުންނެވެ. އެމީހުން ފުރަތަމަ ކުރި ކަމަކީ ރެފިއުޖީންނަށް ބިރު ދެއްކުމެވެ. އަދި އެއަށް ފަހު އެތަނަށް ވަދެ ގަނެ އެތަނުން ދާން އަންގައި ފުރައްސާރަ ކުރި ވަގުތު ލަންކާ ފުލުހުން ރެފިއުޖީން އެތަނުން ނެރުނު ކަމަށް ކޮލަމްބޯ ގެޒެޓް ނޫހުން ބުންޏެވެ. އެކަމުގެ ތެރޭގައި ރޯހިންޔާ މީހަކަށް އަނިޔާއެއް ވީ ކަމަކަށް ނުވަތަ ނޫން ކަމަކަށް ވެސް ނޫހަކުން ނުބުނެ އެވެ.

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ލަންކާގައި ތިބޭ ރޯހިންޔާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިއްބާ ނަގައިގެން ލަންކާ ކަނޑުގެ ސިފަައިން ނަގައިގެން ގެނައި ބައެކެވެ.