ވިޔަފާރި

ބުކިން ޑޮޓްކޮމް އާއި ސްރީލަންކަން ގުޅިއްޖެ

ސްރީ ލަންކަން އެއާލައިންސް އިން "ބުކިންޑޮޓްކޮމް" އާއިއެކު އެއްބަސްވުމެއް ހަދައި، ޓިކެޓާއެކު ހޮޓާތައް ބުކް ކުރުމުގެ ހިދުމަތް ފަށައިިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ ފްލައިޓުތައް ބާއްވާ ސްރީލަންކަން އެއާލައިންސްއިން ބުނީ މި އެއްބަސްވުން ގާއިމް ކުރުމާއެކު އެ އެއާލައިންގެ "ފްލައި ސްމައިލްސް ޕްރޮގްރާމް" ގެ މެމްބަރުން ޓިކެޓާއެކު ހޮޓާ ކުބް ކުރުމުން ހިލޭ ލިބޭ ޕޮއިންޓް (މައިލްސް) ދެ ގުނަ އިތުރުވާ ޕްރޮމޯޝަނެއް ނޮވެމްބަރު 18 ވަނަ ދުވަހާ ހަމައަށް ފަށާފައިވާ ކަމަށެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން ސްރީ ލަންކަން އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސާ ސިވާ ރަމަޗަންދުރަން ވިދާޅުވީ މި ގުޅުމުގެ ސަބަބުން ކަސްޓަމަރުންނާ ގާތުން މަސައްކަތް ކުރުމަށް އިތުރު ދޮރެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.

ބުކިން ޑޮޓްކޮމްގެ ސީނިއާ ޑައިރެކްޓާ އޮފް ސްޓްރެޓީޖިކް ޕާޓްނާޝިޕްސް ބްރިއަން ބަޓިސްޓާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމާއެކު ހޮޓާތަކުގެ އިތުރުން އެޕާޓްމަންޓްތަކާއި ވިލާތަކުގެ އިތުރުން މަތީ ފެންވަރުގެ ލަގްޒަރީ ކޮޓަރިތައް ވެސް ބުކް ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ސްރީލަންކަން އެއާލައިންސްއަކީ ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ހިއްސާއެއް ވެދޭ އެއް އެއާލައިނެވެ. އަދި މި އެއާލައިންއަކީ ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ އެއާލައިނެކެވެ.