ދުނިޔެ

ހަމްބަންޓޯޓާ ބަނދަރުގައި ހަޅުތާލުކޮށްފި

ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރުގައި ތިބި އެ ގައުމުގެ 467 މުވައްޒަފުންގެ ވަޒީފާ ދަމަހައްޓައި ދިނުމަށް ގޮވާލައި، އެމީހުން ހަޅުތާލެއް ކޮށްފި އެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ބަނދަރުގެ މުވައްޒަފުން ހަޅުތާލު ކުރީ އިއްޔެ ހެނދުނު 8.00 އިން ފެށިގެން ކަމަށެވެ. އެމީހުން ހަޅުތާލު ކުރީ ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދިނުމުން އެމީހުންގެ ވަޒީފާ ދެމި ނޯވެދާނެ ކަަމަށް ހީވެގެން، ވަޒީފާގެ ޔަގީންކަން ދިނުމަށް ސަރުކާރަށް ޑިމާންޑް ކުރުމުގެ ގޮތުންނެވެ.

ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން ސޮއިކުރީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ. އެކަމާ އެންމެ ބޮޑަށް ކަންބޮޑުވީ އެއް ގައުމަކީ އިންޑިއާ އެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް (ސީއެމްޕޯޓްސް) އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެ އެވެ. އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެ ކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ މައިގަނޑު ހިއްސާ، 70 ޕަސެންޓް އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެ ކުންފުންޏަށެވެ.

އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ