ކުޅިވަރު

ފަހު ބޯޅައިން ބަޓްޝުއާއީ އެތުލެޓިކޯ ބަލި ކޮށްލައިފި

Sep 28, 2017

މެޗު 1-1 އެއްވަރުވާން ދަނިކޮށް، މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ފަހު ޓަޗުގައި މިޝީ ބަޓްޝުއާއީ ކާމިޔާބު ކުރި ލަނޑުން، އެތުލެޓިކޯ މެޑްރިޑްގެ އާ ސްޓޭޑިއަމްގައި، ޗެލްސީން އެތުލެޓިކޯ ބަލިކޮށް ހިތްދަތި ކޮށްލައިފި އެވެ.

މިއީ މީގެ އެއް ހަފުތާ ކުރިން ރަސްމީ ކޮށް ހުޅުވި، އެތުލެޓިކޯގެ ހިތްގައިމު އާ ސްޓޭޑިއަމް ވަންޑާ މެޓްރަޕޮލިޓާނާ ދަނޑުގައި އެތުލެޓިކޯއަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް އެތުލެޓިކޯ އިން ނެވެ. ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރެއިން، އެ ޓީމުގެ ޑޭވިޑް ލުއިޒް އެތުލެޓިކޯގެ ލޫކަސް ހެނާންޑޭޒްގެ ޖޯޒީގައި ހިފެއްހެޓުމުން ދިން ޕެނަލްޓީއެއްގައި އެތުލެޓިކޯގެ ލަނޑު ކާމިޔާބު ކުރީ އެންޓޯން ގްރީޒްމަން އެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު، އެތުލެޓިކޯއިން ލީޑް ފުޅާ ކުރަން ފަހި ފުރުސަތެއް ލިބިގެން ދިޔަ އެވެ. ޗެލްސީގެ އޭރިއާގެ ބޭރުން، ސައުލް ނިގޭޒް ފޮނުވާލި ބާރު ބޯޅަ، ޗެލްސީގެ ކީޕަރު ކޯޓްއާ ދިފާއު ކުރުމުން ރީބައުންސަށް ނިކުތެވެ. ދެ ވަނަ ފަހަރށް އެ ބޯޅަ ކޯކް އަށް ޖަހަން ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ޗެލްސީގެ އެޑެން ހަޒާޑް ވެސް ވަނީ ގޯލް ޖަހާނެ ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑި އަށެވެ. އޭގެ ކުރިން މެޗުގެ ކުރީ ކޮޅު، އޭނާ ވަނީ އަލްވާރާ މޮރާޓާއަށް ވެސް ފުރުސަތެއް ތަނަވަސް ކޮށްދީފަ އެވެ.

މެޑްރިޑަށް އައިސް މޮރާޓާ ވަނީ، ޗެލްސީގައި އޭނާ ދަމަހައްޓަމުން އަންނަ ލަނޑު ޖެހުމުގެ ޓްރެކް ދަމަހައްޓާފަ އެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓްގައި މޮރާޓާ ވަނީ ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ހަޒާޑް އޭރިއާގެ އަރިމަތިން ހުރަސް ކުރި ބޯޅަ މަރޯޓާ ގޯލް ތެރެއަށް ފޮނާވާލީ އޭނާގެ ބޮލުން ބޯޅަ ކޮށްޕާލައިގެން ނެވެ.

އެންމެ ޕޮއިންޓަކާ އެކު އޮތް، އެތުލެޓިކޯގެ ހިތް، މެޗުގެ 93 ވަނަ މިނެޓްގައި، ބަޓްޝްއާއީ ކުދިކުދި ކޮށްލީ، އޭރިއާގެ އަރިމަތިން މާކޯސް އަލޮންސޯ ދިން ބޯޅަ ގޯލް ތެރެއަށް ވައްދާލައިގެން ނެވެ.

މި ގުރޫޕްގައި ހިމެނޭ، އަނެއް ދެ ޓީމު ކަމަށްވާ އޭއެސް ރޯމާ އާއި ކަރަބާގް ކުޅުނު މެޗު، ރޯމާ ކާމިޔާބު ކުރީ 2-1 ން ނެވެ.

އިނިގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓަޑް، ރަޝިޔާގެ ސީއެސްކޭ މޮސްކޯއާ ދެކޮޅާށް ކުޅުނު މެޗު، ކާމިޔާބު ކުރީ 4-1 ން ނެވެ. ޔުނައިޓަޑްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ރޮމެޠޫ ލުކާކޫ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ އެންތޮނީ މާޝިއަލް އާއި ހެންރިކް މިހިތާރިޔަން އެވެ. މާޝިއަލް ލަނޑޫ ޖެހީ ލިބުނު ޕެނަލްޓީ އަކުން ނެވެ. ކަރަބާގްގެ ލަނޑު މެޗުގެ އެންމެ ފަހު މިނެޓޤގައި، ކާމިޔާބު ކުރީ ކޮންސްޓެޓެއިން އެވެ.