ކުޅިވަރު

ޕީއެސްޖީ އަތުން ބަޔާން ބަލި، ބާސާއަށް ހަނި މޮޅެއް

Sep 28, 2017

އަމިއްލަ ދަނޑުގައި ބޮޑެތި ޓީމުތަކާ ދެކޮޅަށް ވަރުގަދަ ނަތީޖާ ނެރުމުގައި އެންމެ މަޝްހޫރު ޓީމަކީ ޕީއެސްޖީ އެވެ. ރޭ ބަޔާން މިޔުނިކުގެ މައްޗަށް، އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޕީއެސްޖީން ބަޔާންވެސް އެ މަޅީގައި ޖައްސައިފި އެވެ.

މިދިޔަ އަހަރު، ޗެމްޕިއަންސް ލީގްގެ، ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗުގައި، އަމިއްލަ ދަނޑުގައި، ޕީއެސްޖީން ވަނީ ބާސާ ވެސް، އެ މަޅީގައި ޖައްސާފަ އެވެ. އެފަހަރު، ޕީއެސްޖީން މެޗު ކާމިޔާބު ކުރީ 4-0 ން ނެވެ. ޕީއެސްޖީގެ ކޯޗް އުނައި އެމްރީ ވަނީ، އެ މެޗުގައި ކުޅުނު ފަސް ކުޅުންތެރިޔަކަށް ރޭގެ މެޗުން ވެސް ފުރުސަތު ދީފަ އެވެ.

ނަމަވެސް، ރޭ ގެ މެޗުގައި، ބާސާގެ ތަރިންނަށް ވީ، އަލަށް ޕީއެސްޖީއާ ގުޅުނު ބާސާގެ އޭރުގެ ކުޅުންތެރިޔާ ނޭމާ އާއި 18 އަހަރުގެ ކިލިޔަން އެމްބަޕޭ އެވެ. ފަސް ފަހަރު، ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ބަޔާނަށް، އެ ކުޅުންތެރިޔާ ހުއްޓުވަން އުނދަގޫތަކާ ކުރިމަތި ވެގެން ދިޔަ އެވެ.

މެޗު ފެށިގެން 84 ވަނަ ސިކުންތުގައި، ޕީއެސްޖީން ވަނީ ލިޑް ނަގާފަ އެވެ. ނޭމާ ބަޔާންގެ އޭރިއާ ތެރޭގައި ހުރެފައި އޭރިއާގެ އަރިމައްޗަށް ވާގޮތަށް ނަގައިދިން ބޯޅަ، ޑެނީ އަލްވޭސް ކާމިޔާބު ކުރީ ބާރު ސްޕީޑެއްގައި ދުވެގެނެވެ. ނޭމާ ބޯޅަ ތަނަވަސް ކޮށްދިއރު، ޑެނީ އަލްވޭސް ހުރީ ތަންކޮޅެއް ދުރުގަ އެވެ. އެހެންވެ އެ ބޯޅަ އޭނާ ބޭނުން ކުރީ އޭނާގެ ސްޕީޑް ބޭނުން ކޮށްގެން ނެވެ.

ޕީއެސްޖީގެ ދެ ވަނަ ލަނޑު 31 ވަނަ މިނެޓް ތެރޭގައި ކާމިޔާބު ކުރީ ކާވާނީ އެވެ. ބަޔާންގެ އޭރިއާ ތެރޭގައި ހުރެފައި އެމްބަޕޭ ބޯޅަ ދިނީ އޭރިއާ ބޭރުގައި ހުރި ކަވާނީ އަށެވެ. އޭނާ ވަނީ އެއްފަހަރުން ޖަހައި އެބޯޅަ ތަނަވަސް ކޮށްދީފަ އެވެ.

ޕީއެސްޖީގެ ތިން ވަނަ ލަނޑު ނޭމާ ޖެހުމުގައި ވެސް، އެމްބަޕޭގެ ދައުރު ބޮޑެވެ. އޭރިއާ ތެރޭގައި ހުރެފައި، އެމްބަޕޭ ބޯޅަ ތަނަވަސް ކޮށްދިނީ ނޭމަ އަށެވެ. ބަޔާންގެ ޑިފެންޑަރުން އެ ބޯޅަ ކޮންޓްރޯލް ކުރި ނަމަވެސް، ރަނގަޅަށް ދިފާއު ނުކުރެވުމުން ނޭމާ ވަނީ އެ ބޯޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ނޭމާގެ ލަނޑަށް ފަހު، އުފާ ފާޅު ކުރުމުގައި، ފެނިގެން ދިޔައީ ތަފާތު މެސެޖެއް ދިން މަންޒަރެކެވެ. ޕީއެސްޖީގެ ޕެނަލްޓީ ޖަހާނެ ކުޅުންތެރިޔަކާ މެދު، ނޭމާ އާއި ކަވާނީގެ ދެމެދުގައި ބަހުސް އުފެއްދި މައްސަލަ ބޮޑުވެފައިވާ ކަމަށް މީޑީއާއިން ބުނާ ދެކުޅުންތެރިން ވަނީ އެކުގައި އުފާ ފާޅު ކޮށްފަ އެވެ. ކަވާނީ ވަނީ، ނޭމާ ލަނޑު ޖެހުމުން އޭނާގެ ގައިގައި ބައްދާލަފަ އެވެ.

މި ސީޒަންގެ ޝްޕެނިޝް ލީގްގައި، ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ، ބާސެލޯނާ އަށް ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަން އަތުން ލިބުނީ އުނދަގޫ މޮޅެކެވެ. މެޗުގެ ހަމަ އެކަނީ ލަނޑު ބާސާ އަށް ލިބުނީ ވެސް، ސްޕޯޓިންގެ ސަބެސްޓިއަން ކޮއަޓޭސް އަތުން ބައިކޮޅަށް ވަން ލަނޑަކުން ނެވެ.

ހާފުގެއް މެދަހެއްހާ ހިސާބުން، ދަނޑުގެ ބޭރު ރޮނގު ކައިރިން، އަރިމަތިން ލިބުނު ހިލޭ ޖެހުން ލިއޮނަލް މެސީ ފޮނުވާލުމުން، ލުއިސް ސުއަރޭޒް ބޮޅުން ފޮނުވާލި ބޯޅަ، ގޯލަށް ވަނީ ކޮއަޓޭސްގެ ފައިގައި ޖެހިފަ އެވެ.

ބާސާ ހިމެނޭ ގުރޫޕްގެ އަނެއް ދެ ޓީމު ކަމަށްވާ، ޔުވެންޓަސް އާއި ގްރީސްގެ އޮލިމްޕިއާ ކޯސް ކުޅުނު މެޗު ޔުވެންޓަސް ކާމިޔާބު ކުރީ 2-0 ން ނެވެ. ޔުވެންޓަސްގެ ލަނޑުތައް ކާމިޔަބު ކުރީ ގޮންޒާލޯ ހިގުއައިން އާއި މާރިއޯ މަންޒޫކިޗް އެވެ.